އީޕީއޭގެ މިނިވަންކަން ބިނާވަނީ ވެރިން ދިން ވަރަކަށް، މަސައްކަތުން ފައިދާކުރޭ: ނައީމް

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް --

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ މިނިވަންކަން ބިނާވަނީ އެއިރަކު ސަރުކާރުގައި ތިއްބަވާ ވެރިންގެ މައްޗަށް ކަމަށް އެ އޭޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ވަނީ އީޕީއޭގެ ނަން "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ"ގެ ނަމަށް ބަދަލުކުރައްވައި، އެ ތަން ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައިފައެވެ.

އަދި ސަރުކާރުން ޚާއްސަ އިސްކަމެއްދޭ މަޝްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭ ލިޔުން ހޯދުމަށް އެދި ހުށަހެޅުމާ ހަމައަށް ނިންމަންޖެހޭ މަރުހަލާތައް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެއްވެސް ލަސްކަމެއް ނާންނަ ގޮތަށް ނިންމަންޖެހޭ ގޮތަށް ވެސް އިއްޔެ ވަނީ ކަނޑައަޅައިފައެވެ.

https://sun.mv/209853

މި ބަދަލާއެކު ތިމާވެށީގެ ދާއިރާގެ އެކްޓިވިސްޓުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އީޕީއޭ މިނިވަން މުއައްސަސާއަކަށް ހަދަން ގޮވަމުން ދަނިކޮށް، އެ ތަން ސީދާ މިނިސްޓްރީގެ ދަށުން ހިންގުމަކީ ވަރަށް ބޮޑު ގޯހެއްގެ ގޮތުގައި އަންނަނީ ބުނަމުންނެވެ.

އަދި އީއައިއޭ މަރުހަލާއަށް ގެނައި ބަދަލާއެކު، ތިމާވެއްޓަށް ގޯސް އެތައް ކަމަކަށް ފަހިވާނެކަމަށް ވެސް މި ދާއިރާގެ މީހުން އަންނަނީ ބުނަމުންނެވެ.

މި ބަދަލާ ގުޅޭގޮތުން މިއަދު "ސަން"އާ ވާހަކަދައްކަވަމުން، އޮތޯރިޓީއަކަށް ބަދަލުވި ނަމަވެސް މިވަގުތު ހިންގުމާ ހަވާލުވެ ހުންނެވި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އީޕީއޭ ނުވަތަ ތިމާވެށި ރައްކާތެރިކުރުމަށް ފާރަވެރިވާ މުއައްސަސާގެ މިނިވަންކަން ބިނާވަނީ އެއިރަކު ސަރުކާރު ހިންގަވާ ވެރިންގެ މައްޗަށެވެ.

ސަބަބަކީ އީޕީއޭއަށް މަސައްކަތް ކުރެވޭނީ އެއިރަކު ސަރުކާރުން ދޭ ވަސީލަތްތަކާއި، އެހީގެ މައްޗަށް ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. ނައީމް ވިދާޅުވީ އީޕީއޭއަކީ މިނިވަން މުއައްސަސާތައް ހިންގާ ގޮތަށް ހިނގާ ތަނެއް ނޫން ކަމަށެވެ. އީޕީއޭ އުފައްދައިފައި އޮތީ ވެސް އެހެން ކަމަށް ވިދާޅުވިއެވެ.

"މިހާރު އެ ހުރިހާ ކަމެއް [މަސައްކަތުގެ މިނިވަންކަން] މި ޑިޕެންޑުވަނީ އެއިރެއްގައި ވެރިކަން ހިންގަން ތިއްބެވި ބޭފުޅުންނަށް. އެ ބޭފުޅުން ދިން ވަރަކަށް މިނިވަންކަން ވެސް އޮންނާނީ. ކަންކަން ވެސް ކުރެވޭނީ، އެ ބޭފުޅުން މަގުފަހިކޮށްދިން ވަރަކަށް ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ކުރެވޭނީ ވެސް،" ނައީމް ވިދާޅުވިއެވެ.

އީއައިއޭ ހެދުމުގެ މަސައްކަތާ ގުޅޭ ގޮތުން ނައީމް ވިދާޅުވީ، އެއީ ހަމައެކަނި މަޝްރޫއަށް މަގުފަހިކޮށްލުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫން ކަމަށެވެ. އެއިން މުހިންމު މައުލޫމަތުތައް ލިބި، އެއްކުރާ ކަމަށް ނައީމް ވިދާޅުވިއެވެ.

"އެއީ މުޅިއަކުން ވެސް ތެދެއް ނޫން. އެ ހެދީމާ އެބަ ލިބޭ ބައިވަރު މައުލޫމާތު، ފުރަތަމަ ތަނެއް އޮތް ގޮތް ވެސް މި އެނގެނީ އީއައިއޭ ހަދައިގެން އެ ތަން އެސެސް ކުރީމާ. ދެން އަދި އެ ތަނެއްގައި ދިރޭ އެއްޗެހި ހުރި މިންވަރަކާއި، އެ އެއްޗެހި ރައްކާކުރުމަށް އަޅާނެ ފިޔަވަޅަކާއި ކުރާނެ ކަންތައްތަކެއް އީއައިއޭއިން މި ކަނޑައަޅަނީ ދެއްތޯ،" އޭނާ ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ އީއައިއޭ ހެދުމުން ފައިދާ ލިބޭ ކަމަށެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ނައީމަކީ، މިދިޔަ ސަރުކާރުގައި ވެސް އެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.

އީޕީއޭ އޮތޯރިޓީއަކަށް ބަދަލުވިއިރު، ހިންގުމުގެ އޮނިގަނޑަށް ވެސް ބަދަަލު ވަނީ ގެނެސްފައެވެ. އެގޮތުން އޮތޯރިޓީގައި އެންމެ އިސްކޮށް އޮންނަ މަގާމަކީ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމެވެ. އެއީ ސިވިލް ސާވިސް ތެރެއިން އުފައްދާ މަގާމެކެވެ. ނައީމް ވިދާޅުވީ އެ މަގާމަށް ކުރިމަތިލެއްވުމާމެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.

އީޕީއޭ މިނިވަންކުރުމަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެސް ވައުދުފުޅެކެވެ. ނަމަވެސް މަޖިލީހާއި ސަރުކާރާއެކު ގިނަ ބާރުތަކެއް ލިބިވަޑައިގެން ނަމަވެސް އެ މަނިކުފާނުގެ ދައުރު ނިމުނުއިރު ވެސް އެ ތަން ހިންގަމުން އައީ އެންވަޔަރަމަންޓް މިނިސްޓްރީގެ ލަފާގެ ދަށުން، ގަވަނިން ބޮޑީއެއްގެ އިރުޝާދުގެ ތެރެއިންނެވެ.

comment ކޮމެންޓް