ބޮލީވުޑް ތަރިން ކަމަށްވާ ސިދާތު މަލްހޯތްރާ އާއި ޖާންވީ ކަޕޫރު އެކީގައި އަލަށް ފެންނަ ފިލްމު "ޕަރަމް ސުންދަރީ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މެޑްޑޮކް ފިލްމްސްއިން މި އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ޗާވާ"ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ "ޕަރަމް ސުންދަރީ"އަކީ ތަފާތު ދެ ސަގާފަތަކަށް ނިސްބަތްވާ ދެ ޒުވާނެއްގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
މި ފިލްމުގައި ސިދާތު އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ޒުވާނެއްގެ ރޯލްއިން ފެންނައިރު ޖާންވީ ފެންނާނީ ސައުތު އިންޑިއާއަށް ނިސްބަތްވާ އަންހެން ކުއްޖެއްގެ ރޯލްއިންނެވެ.
ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގައި ދެ ސަގާފަތަކަށް ނިސްބަތްވުމުން ދެ މީހުންގެ ގުޅުމުގައި ދިމާވާ ގޮންޖެހުންތައް ދައްކުވައިދޭނެއެވެ.
ފިލްމު "ޕަރަމް ސުންދަރީ"ގައި ކިޔައިދޭ ވާހަކައަކީ ވަރަށް ސާދާ ލޯބީގެ ވާހަކައެއް ކަމަށާއި ބޮޑެތިވަމުން އައިއިރު އަޑު އިވުނު ލޯބީގެ ވާހަކަތަކާ މިއީ ވަރަށް އެއްގޮތް ވާހަކައެއް ކަމަށް ސިދާތު ވަނީ ބުނެފައެވެ.

ސިދާތު އަދި ޖާންވީ ފިލްމު "ޕަރަމް ސުންދަރީ"ގެ ޕޯސްޓަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
މީގެއިތުރުން ފިލްމުގެ ބޮޑު ބައެއް ސައުތު އިންޑިއާގެ ކެރެލާގައި ޝޫޓްކޮށްފައިވާއިރު ކެރެލާގެ ރީތިކަން ފިލްމުން ވަރަށް ބޮޑަށް ދައްކުވައިދޭނެ ކަމަށް ސިދާތު ބުނެފައިވެއެވެ.
މި މަހުގެ 29ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ފިލްމު "ޕަރަމް ސުންދަރީ"ގެ މިއުޒިކަށް އާއްމުންގެ ބޮޑު ތަރުހީބު ލިބެމުން އަންނައިރު ފިލްމުގައި ހިމެނޭ ލަވަ "ޕަރްދޭސިޔާ" ވަރަށް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.
ސޯނޫ ނިގަމް އާއި ލަވަކިޔުންތެރިޔާ ކްރިޝްނާކަލީގެ އަޑުން ކިޔާފައިވާ މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ ސަޗިން-ޖިގަރުއެވެ.