ޒަކާތު ގާނޫނު ތަންފީޒުކުރުމުން ރާއްޖެއިން ފަޤީރުކަން ނައްތާލެވޭނެ: ޝަހީމް

ރާއްޖެއިން ފަޤީރުކަން ނައްތާލެވި، ތާރީޚީ ބަދަލެއް: ޑރ. ޝަހީމް-- ފޮޓޯ/ ދިވެހި ރާއްޖޭގެ ޒަކާތު ހައުސް

ޒަކާތުގެ ޤާނޫނު ތަންފީޒުކުރުމުން ރާއްޖެއިން ފަޤީރުކަން ނައްތާލެވި، އިޖުތިމާއީ ތަނަވަސްކަން ގެނެސްދެވޭނެ ބޮޑު ބަދަލެއް އަންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވީ ޒަކާތު ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަތުމާއެކުގައެވެ.

އެގޮތުން ޝަހީމް ވިދާޅުވީ، މި ބިލުގެ މައިގަނޑު މަޤްޞަދަކީ ޒަކާތު ފަންޑު ހެޔޮގޮތުގައި ހޭދަކޮށް އަމާނާތްތެރިކަމާއެކު ބެލެހެއްޓުން ކަމަށެެވެ. އަދި ޒަކާތާ ގުޅޭ ހަރުދަނާ، ޒަމާނީ ނިޒާމެއް ޤާނޫނީ ތަރަހައިގެ ތެރެއިން ރާއްޖޭގައި ޤާއިމުކުރުން ކަމަށެވެ.

އަދި މި ބިލް ފާސްވުމުން ރާއްޖޭގެ ޒަކާތުގެ ނިޒާމު، ގާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގަން ފަހިވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި ލިޔެވިގެންދާނެ ހެޔޮ ޞަފްޙާއެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

"ޒަކާތު ބިލް އެކުލަވައިލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތައް. ދާއިރާގައި ކުރިއަރާފައިވާ އިސްލާމީ ޤައުމުތަށް ނަމޫނާއަކަށް ބަލައިގެން. މެލޭޝިޔާއާއި ކުވައިތު ޔޫއޭއީ މިޞްރު ޤައުމުތަކުގައި ވެސް ޤާނޫނުގެ ތެރެއިން ޒަކާތުގެ ކަންކަން ހިނގަމުންދަނީ،" ޝަހީމް ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދު މަޖިލީހަށް ހުށަހެޅުއްވި މި ބިލުގެ މަޤްޞަދަކީ، އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއުކޮށްފައިވާ މަޤްޞަދުތައް ހާސިލްކުރުވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ އޮނިގަނޑެއްގެ ދަށުން ހިންގުމެވެ.

ފިތުރު ޒަކާތް ބަލައިގަތުން: ޒަކާތް ދިން މީހުންގެ އަދަދު މިދިޔަ އަހަރާ އަޅައި ބަލާއިރު 81 އިންސައްތަ ވަނީ އިތުރުވެފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި ބިލުގައި ޒަކާތުގެ ގޮތުގައި ބަލައިގަންނާނެ ބާވަތްތަކާއި، ފިތުރު ޒަކާތާއި މުދަލުގެ ޒަކާތް ބަލައިގަންނާނެ ގޮތްތަކުގެ އިތުރުން ޒަކާތު ފައިސާ ލިބޭނެ މީހުންގެ ތަފްސީލު ވެސް ބަޔާންކޮށްފައިވެއެވެ.

ބިލު ޤާނޫނަކަށްވާތާ ދެ މަހުގެ ތެރޭގައި "ޒަކާތު ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހޭނެ ކަމަށް ބިލުގައި ބުނެއެވެ. މި ކައުންސިލްގައި އިސްލާމިކް މިނިސްޓަރާއި، ޑިރެކްޓަރު ޖެނެރަލަކާއި، އެމްއެމްއޭ، ޤުރުއާނާ ބެހޭ މަރުކަޒު، ފިނޭންސް މިނިސްޓްރީ، އަދި ފަތުވާދޭ މަޖިލީހުގެ މުވައްޒަފުންގެ އިތުރުން، ޒަކާތުގެ ކަންކަން ދަންނަ ދެ މާހިރުން ހިމަނަން ޖެހެއެވެ.

ހަމަ އެއާއެކު، ބިލު ޤާނޫނަކަށްވާ ހިސާބުން "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދިގެންދާނެއެވެ.

ބިލުގައިވާ ގޮތުން، ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލާއި މުވައްޒަފުންނަށް ޒަކާތް ދެއްކުން ލާޒިމްނުވާ މީހުންގެ އަތުންނާއި މުދަލުން ޒަކާތް ނެގުމާއި، ޤާނޫނުގައި ހުއްދަކޮށްފައިވާ ކަންކަމަށް ނޫނީ ޒަކާތުގެ ފައިސާއިން އިންވެސްޓްކޮށްފިނަމަ 1،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ޝަހީމް ވިދާޅުވީ، މި ބިލް ފާސްވުމުން ދައުލަތަށް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ޝަރުޢީ ހަމަތަކުގެ މަތިން ޒަކާތު ފަންޑުން އިންވެސްޓްކުރުމަކީ ހުއްދަ ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެގޮތަށް އިންވެސްޓްކުރުމުން ޒަކާތް ހައްޤުވާ ފަރާތްތަކުގެ ބޯހިޔާވަހިކަމާއި ބޭސްފަރުވާއަށް ފަސޭހަވެ، އެންމެހައި ކަންކަން ހިލޭ ފޯރުކޮށްދެވޭނެ ކަމަށެވެ.

މިކަމުގެ ސަބަބުން ޒަކާތު ފަންޑު ޒަމާނާއި ޙާލަތާ އެއްވަރަށް ތަރައްޤީވެ، ރާއްޖެއިން ފަޤީރުކަން ނައްތާލެވި، އިޖްތިމާޢީ ތަނަވަސްކަން ގެނެސްދެވޭނެ ކަމަށް ވެސް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަކީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގެ މުހިންމު ތަޞައްވުރެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

comment ކޮމެންޓް