މިނިވަން މުއައްސަސާތައް ނުހިނގަނީ މަޖިލީހާ ހެދި: ޔާމީން

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން: އެ މަނިކުފާނު ވިދާޅުވީ މިނިވަން މުއައްސަސާތައް މަޖިލީހަށް ޖަވާބުދާރީވުން ނިންމަންޖެހޭ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

މިނިވަން މުއައްސަސާތައް މިނިވަންކަމާ އެކު ނުހިނގަނީ އެ ތަންތަން ޖަވާބުދާރީކުރަން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައި އޮންނާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މުއައްސަސާތައް ނުހިނގާތީ އެ މަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ފާޑުވިދާޅުވަމުންނެވެ.

'އަދަދު' ނޫހުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގައި ހެދުނު އެންމެ ބޮޑު ގޯހެއް ކަމަށް ގަބޫލުކުރައްވަނީ މިނިވަން މުއައްސަސާތައް މިނިވަންކަމާ އެކު ހިނގަން ދޫކޮށްލެއްވުން ކަމަށެވެ. އޭރު ހިނގި އެމްއެމްޕީއާރްސީގެ ޚިޔާނާތް ވެސް ހިނގީ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމުގެ ސަބަބުން ކަމަށާއި އެއީ ހެދުނު ގޯހެއް ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

"ތަންކޮޅެއް ބޮޑަށް އެ ތަންތަނުން ކުރާ މަސައްކަތް ބެލުނު ނަމަ މިހާ ގޯހެއް ނުވީސް ކަންނޭނގެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން ތަންކޮޅެއް މިނިވަންކަމާ އެކު ދޫކޮށްލެވުނީ. ކޮންމެ ކަމެއް ރައީސް އޮފީހުން އިސްވެ ނުބަލާ. ކޮންމެ ކަމެއް ރައީސް އޮފީހުން ހުއްދަ ނަގައިގެން ނޫނީ ނުކުރެވޭ ގޮތަށް އެ އިންތިޒާމެއް ހަމައެއް ނުޖައްސަން. ދޫކޮށްލެވުނީމާ މީގެ ވަރަށް ބޮޑު ނާޖާއިޒު ފައިދާ ނަގާފައި މި އޮތީ،"

https://sun.mv/209922

ޔާމީން ވިދާޅުވީ، އޭގެ ފަހުން ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ފަސް އަހަރުގެ ވެރިކަމާއި މި ވެރިކަމާ އެކު ހަތް އަހަރެއްހާ ދުވަސް މިނިވަން މުއައްސަސާތަކަށް ލިބިއްޖެ ކަމަށެވެ. އެކަމަކު، އެއްވެސް މުއައްސަސާއަކުން އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވިއެވެ.

އެ ގޮތުން، އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މުއްދަތުގައި ކުރީ ކޮން މަސައްކަތެއްތޯ އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ. އަދި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

"ހަތް އަހަރު ދިޔައިރު އޭނާ [ޝާމިލް]އަށް އެންޓި ކޮރަޕްޝަން ކޮމިޝަންގައި މައްސަލައެއް ބަލައިލެވުނުތޯ؟ މިހާރު ކޮން ވާހަކައެއް އޭނާ [ޝާމިލް] އެ ދައްކަނީ؟ މި ކަހަލަ ބޮޑެތި މައްސަލަތައް ބަލަން ޚާއްސަ ޑިޕާޓްމަންޓެއް ހަދާ ވާހަކަ. މުޅި އޮފީހަކީ އެ ޑިޕާޓްމަންޓް،" އެ މަނިކުފާނު ފާޑުވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން އަދި ދަރިކަލުން ޒޭން: ޔާމީން ވިދާޅުވީ މުއައްސަސާތައް ނުހިނގަނީ މަޖިލީހަށް ޖަވާބުދާރީވާންޖެހޭތީ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ޔާމީން ވިދާޅުވީ، މައްސަލައަކީ މިނިވަން މުއައްސަސާތަކުން މަޖިލީހަށް ޖަވާބުދާރީވާން ޖެހުން ކަމަށެވެ. އެ މުއައްސަސާތައް ޖަވާބުދާރީކުރުވަންވީ މަޖިލީސް ނޫން އެހެން ގޮތަކުން ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

"އެއިން ކޮންމެ މީހަކު ބޭނުންވަނީ މުސާރައާއި މަގާމު. އެއިން އެއްވެސް މީހަކަށް ހަވާލުވެފައި އޮތް މަސްއޫލިއްޔަތު އަދާކުރާކަށް ނުކެރޭ. ބޭނުމެއްނުވޭ އެނގޭތޯ؟" އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.

ޔާމީން ވިދާޅުވީ، ކޮންމެ މީހެއްގެ، ކޮންމެ މުއައްސަސާއެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ދާން ނުޖެހޭ ކަމަށެވެ.

އެ ގޮތުން، މިނިވަން މުއައްސަސާތަކުގެ މައްސަލަތައް މަޖިލީހަށް ދާންޖެހުމުން ކޮންމެ މުއައްސަސާއެއް ވެއްޓެނީ އެ އިރެއްގައި ވެރިކަމުގައި ހުންނަވާ ނުވަތަ ސިޔާސީ ޕާޓީ ހިންގަވާ ބޭފުޅެއްގެ އުނގަށްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، މުއައްސަސާތައް މިނިވަންކަމާ އެކު ހިނގާނީ އެ ނޫން ނިޒާމެއްގެ ތެރެއިން ކަންކަން ތަރުތީބުކުރެވުމުން ކަމަށެވެ.

މިނިވަން މުއައްސަސާތައް ޖަވާބުދާރީކުރެވޭނެ އެހެން ގޮތްތަކެއްގެ ވިސްނުން ވެސް ގެންގުޅުއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމަކު، ތަފުސީލަކަށް ވަޑައެއްނުގަންނަވައެވެ.

https://sun.mv/206022

"ކޮންމެ ތަނެއް ޖަވާބުދާރީނުކުރެވި، އެ ތަނުން ކުރަންޖެހޭ މަސައްކަތްނުކުރެވިގެން ސުވާލެއްކުރަން ރައްޔިތުންގެ މަޖިލީހަށް ގެންދާ ގެންދިއުން މިހާރުން މިހާރަށް ހުއްޓާލަންވީ. މިހާރުން މިހާރަށް އެކަން ހުއްޓާލަންވީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"މުއައްސަސާތައް މިނިވަންވާނީ އެ ބެލުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހަށް ނުގޮސް، އެ ނޫން އެހެން މެކޭނިޒަމެއްގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ރޭވިގެން. އޭރަށް މުއައްސަސާތަކުގައި ތިބޭ މީހުންނަށް ކެރޭނެ މަސައްކަތްކުރަން. އެއީ، އެ މީހުން ނުޖެހޭ ދެއްތޯ ސިޔާސީ މީހުން ދައްކާ ވާހަކަ އަޑުއަހާކަށް. އެ މީހުންގެ ޖޮބެއް ނުގެއްލޭނެ ރައްޔިތުންގެ މަޖިލީހުން އެ މީހުންގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައި އެއްލައިލާ ހިސާބަކުން އޭރަކަށް،"

މިނިވަން މުއައްސަސާތައް މިނިވަންކަމާ އެކު ނުހިނގުމަކީ ކޮންމެ ސަރުކާރެއްގައި ވެސް އިދިކޮޅުން ވަރަށް ބޮޑަށް ފާހަގަކުރާ ކަންބޮޑުވުމެކެވެ.

https://sun.mv/209798

ޔާމީން ގަބޫލުކުރައްވާ ގޮތުގައި، ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ޚިޔާނާތް ވެސް ހިނގަން މެދުވެރިވީ މުއައްސަސާތައް މަސައްކަތްނުކުރުމުންނެވެ. އެ ގޮތުން، ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ވަންނަންޖެހޭ އެތައް މިލިއަން ރުފިޔާއެއް އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވިއިރު މުއައްސަސާތަކުން އެކަން ހުއްޓުވަން މަސައްކަތްނުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ޚިޔާނާތުގެ މައްސަލައިގައި ޔާމީނަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވެއެވެ. އެކަމަކު، އެ ތުހުމަތުތަކަށް އެ މަނިކުފާނު އިންކާރުކުރައްވައެވެ. މީގެ ކުރިން ޔާމީނަށް އެ މައްސަލައިގައި ދެ ހުކުމެއް ވެސް ސާބިތުވިއެވެ. އެކަމަކު، މަތީ މަރުހަލާ ކޯޓުތަކުން އެ މަނިކުފާނު ވަނީ ސަލާމަތްވެވަޑައިގެންފައެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި ކުށަށް އިއުތިރާފުވީ އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި، އަދި ފަހުން ނައިބު ރައީސްކަން ވެސް ކުރެއްވި އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ. އެކަމަކު، މިދިޔަ ރިޔާސީ އިންތިޚާބު ވެސް ނިމުނު ފަހުން ޞާލިޙް ވަނީ ދެ ބޭފުޅުންނަށް މާފުދެއްވައިފައެވެ.

comment ކޮމެންޓް