އަސްކޮއި ގްރޫޕުން 'ލަނޑު' ދިން މީހުން، ފައިސާ ނުލިބިގެން ކޯޓަށް

އުމްރާވެރިން އުމްރާއަށް ދިއުމަށްޓަކައި ފްލައިޓަށް އަރަނީ: އަސްކޮއި ގްރޫޕުން 'ލަނޑު' ދިން މީހުން، ފައިސާ ނުލިބޭ މައްސަލަ ކޯޓަށް ހުށަހަޅަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސްއިން އުމްރާއަށް ގެންދާނެ ކަމަށް ބުނެ އޮޅުވާލައިގެން ލަނޑު ދިން މައްސަލައިގައި ގެއްލުން ލިބުނު މީހުން، އެމީހުން އުމްރާއަށް ދާން ދެއްކި ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ.

އަސްކޮއި ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާން ފައިސާ ދެއްކި ބަޔަކު އެ ގްރޫޕުން އުމްރާއަށް ނުގެންދިޔަކަމަށް ބުނާ މައްސަލައެއް ފެންމަތިވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.

ތުހުމަތު ކުރެވޭ ގޮތުގައި މިއީ އެ ޖަމާއަތުން ބަޔަކަށް މި ގޮތަށް ލަނޑުދިން ތިންވަނަ ފަހަރެވެ. އަސްކޮއި ގްރޫޕުގެ ހަމަ މިފަދަ މައްސަލައެއް މިއަހަރުގެ މެއި މަހު ވެސް ފެންމަތިވިއެވެ. އެފަހަރު މައްސަލަ ބެލުމަށް ފަހު, އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑް, 130،000 ރުފިޔާއިން ޖޫރިމަނާ ވެސް ކުރިއެވެ.

އެފަހުން އަނެއްކާވެސް މި މައްސަލަ ތަކުރާރުވުމުން، ގެއްލުން ލިބުނު މީހުން ދަނީ ކަންބޮޑުވުން ފާޅުކޮށް އެމީހުންނަށް މާލީ ގޮތުން ލިބުނު ގެއްލުމުގެ ނުރުހުން ވެސް ފާޅުކުރަމުންނެވެ.

ލަނޑު ލިބުނު މީހުންގެ ތެރެއިން 'ސަން' އާ ވާހަކަދެއްކި ނަޝްމީ މުހައްމަދު ސައީދު ބުނީ ފައިސާ ދައްކާފައިވާ މީހުން، އަސްކޮއި ގްރޫޕަށް ހުށަހަޅާފައިވާ އެ މީހުންގެ ޕާސްޕޯޓާއި މުހިންމު ލިޔެކިޔުންތައް ހޯދުމަށްޓަކައި އެ ގްރޫޕްގެ އިސްވެރިޔާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަމުގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް، މިފަހުން ޕާސްޕޯޓުތައް ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް ފައިސާ ނުލިބޭކަމަށް އޭނާ ބުންޏެވެ.

އެ މައްސަލަ އެ މީހުންގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިގެން އެކި ދުވަސްމަތިން ގުޅައި ހެދި ކަމަށާއި، އެންމެ ފަހުން ފުލުހުން ބުނީ ފައިސާ ހޯދުމަށްޓަކައި ސިވިލް ކޯޓަށް ހުށަހަޅަން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެފަދަ ހައްސާސް މައްސަލައެއްގައި ފުލުހުންނާއި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވެސް އެދެވޭ ގޮތެއްގައި އެ މައްސަލަ ހައްލުކުރަން އުޅޭ މަންޒަރެއް ނުފެނެއެވެ. އުމްރާ ފަދަ މާތް އަޅުކަމަކަށް ދިޔުމަށް ރައްޔިތުންތަކެއް އެހާ ގިނަ ފައިސާ ހޭދަކުރިއިރު އެއީ ލަނޑަކަށް ވުމުން، އެކަމުގެ ކަންބޮޑުވުން އެ އެންމެންގެ ވެސް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

"އިސްލާމިކް މިނިސްޓަރަށް ޕާސަނަލީ އަޅުގަނޑު އަމިއްލައަށް ވެސް މެސެޖެއް ކުރިން. ދެން އޭގެ ފަހުން ރުންކުރުކޮށް މެސެޖެއް ފޮނުވުމުން މިނިސްޓަރު ހަމައެކަނި ވިދާޅުވީ މައްސަލަ ބަލަނީ ކަމަށް،" ނަޝްމީ ކިޔައިދިނެވެ.

ނަޝްމީ ބުނީ މިހާރު ފައިސާ ދެއްކި މީހުން އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ކިޔައިދިން ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ލަނޑު ލިބިފައިވާ މީހުން އެބަތިއްބެވެ. ހަމައެކަނި އޭނާއާއެކު އުމްރާއަށް ދާން ފައިސާ ދެއްކި މީހުންގެ ތެރޭގައި ވެސް 25ކަށް މީހުން ތިބި ކަމަށް ބުންޏެވެ.

މިނިސްޓަރު ޝަހީމް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި މައްސަލައިގައި، އެ ކުންފުންޏަށް މީހުން އުމްރާއަށް ގެންދިޔުމަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި، ޖޫރިމަނާކޮށް، ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީން ނިންމީ މިދިޔަ މަހުގެ 31ގައެވެ.

މިނިސްޓްރީން ބުނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ޚިލާފަށް އަސްކޮއި ގްރޫޕުން އަމަލުކޮށްފައިވާތީ، އެ އުސޫލުގެ ދަށުން ކުންފުންޏާމެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީން ނިންމީ ކަމަށެވެ. އެ ފިޔަވަޅުތަކަކީ:

  • އުމްރާއަށް މީހުން ގެންދިޔުމަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން.
  • ޖޫރިމަނާކުރުން.
  • އަސްކޮއި ޓްރެވަލް ސާވިސް ކުންފުންޏާއި، އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދިނުން.
  • ޖުލައި 2025ގެ އުމްރާ ދަތުރަށް ފައިސާ ދައްކާފައިވާ މީހުންނަށް ރިފަންޑް ދޭން އެންގުން.
  • މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅަން ފުލުހަށް ހުށަހެޅުން.

މި ފިޔަވަޅުތައް ތަންފީޒުކުރުމަށް މިނިސްޓްރީން އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ފަސްޖެހުމެއް ނެތި ކުރާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.

މިނިސްޓްރީން އޭރު ބުނި ގޮތުގައި ކުންފުނީގެ އިސްވެރިޔާއާ ރަސްމީގޮތުން މިނިސްޓްރީން ވެސް މުއާމަލާތު ކުރި ކަމަށާއި، ނަމަވެސް މިނިސްޓްރީއަށް ވެސް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް