ހުޅުމާލޭގައި "މަދިރިން ރައްކާ" ކެމްޕެއިން މި އަހަރު ވެސް ފަށައިފި

"މަދިރިން ރައްކާ" ކެމްޕެއިން-- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށް ޓަކައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ކޮންމެ އަހަރު ވެސް ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕެއިން އިއްޔެ ފަށައިފިއެވެ.

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރި ކުރުމަށް ޓަކައި، ފެށި މި ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ފޮގު ކުރުމުގެ މަސައްކަތް އެޗްޑީސީން އިއްޔެ ވަނީ ފަށާފައެވެ.

އެޗްޑީސީން ބުނި ގޮތުގައި، "މަދިރިން ރައްކާ" ކެމްޕެއިނަކީ، ހުޅުމާލޭގައި މަދިރި އާލާވާފަދަ ތަންތަން ދެނެގަނެ، މަދިރި އާލާވުން މަދުކުރުމަށް ޓަކައި އެ ކޯޕަރޭޝަނުން ކޮންމެ އަހަރަކު ވެސް އިސްކަން ދީގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ދުވަސްވަރު މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ކެމްޕެއިން ފެށީ ހުޅުމާލޭގެ ރައްޔިތުންގެ ސިއްހަތުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް އެޗްޑީސީން ބުންޏެވެ.

ފޮގު ކުރުން ކުރިއަށްދާ މަންޒަރު-- ފޮޓޯ/ އެޗްޑީސީ

ފޮގު ކުރުން ކުރިއަށްދާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެޗްޑީސީން ބުންޏެވެ. ކޮންމެ ދުވަހެއްގެ ފަތިހު 05:00 އަދި ހަވީރު 05:30 ގައި މި މަސައްކަތް ކުރިއަށްދާނެއެވެ.

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މިދުވަސްވަރު އިތުރުވެފައިވާއިރު، ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ދެނެގަނެ، އެފަދަ ބައެއް ތަންތަން ސާފުކޮށް، ނައްތައިލުމުގެ އިތުރުން، ބައެއް ސަރަހައްދުތަކަށް ކެމިކަލް އެޅުމުގެ މަސައްކަތް ވެސް އެޗްޑީސީން ކުރަމުންދެއެވެ.

ފާއިތުވި އަހަރުތަކުގައި ވެސް އެޗްޑީސީން ވަނީ ހެލްތު މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ފަދަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން، ހުޅުމާލޭގައި މަދިރި އާލާވުން މަދުކޮށް މަދިރި ކޮންޓްރޯލް ކުރުމަށް މި ކެމްޕެއިންގެ ދަށުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެޗްޑީސީން ވަނީ ފަރުދީ ފެންވަރުގައި ވެސް މަދިރި އާލާވާނެ ކަންކަން ހުއްޓުވުމަށް މަސައްކަތްކުރުމަށް އެދިފައެވެ.

އެގޮތުން، ގޯތި ތެރެއާއި ގޯތި ކައިރި މާހައުލުގައި ފެން ހަރުލާފައި ހުރެދާނެ ތަންތަން ސާފުކޮށް ބެލެހެއްޓުމަށް އެޗްޑީސީން ވަނީ ހުޅުމާލޭގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް