ލ. ގަމުގައި މިދިޔަ މަހުގެ ހަވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެކްސިޑެންޓު ހިނގީ، ހެނދުނު 9:12ހާއިރު ލ. ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް، މާންދޫއިން ގަމަށް އަރާ ބެންޑުގެ ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.
އެ ހާދިސާގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭރު ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން އެއް އަންހެނަކު އިތުރު ފަރުވާއަށް މާލެ ގެނައިއިރު، އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ އެ އަންހެން މީހާ މިއަދު މަރުވެފައިވާ ކަމަށެވެ.
އެއީ ކ. ގުރައިދޫއަށް ނިސްބަތްވާ އަންހެނެއް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް އިތުރު ތަފުސީލެއް އަދި މިހާތަނަކަށް ނުލިބެއެވެ.