ކުރީގެ ރައީސް މުހައްމަދު ނަޝީދު އަރިހަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގާނާއަށް ވަޑައިގެންފިއެވެ.
ޑިސެންބަރު 2023 ގައި ވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަން ސިޔާސީ މައިދާނުން ފެޔަށް ޖެހިވަޑައިގެންކަން އިއުލާނުކުރައްވާފައެވެ. އެކަމަކު، އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު، ނަޝީދު ގެންދަވަނީ ފައްޔާޒާ އެކު މަސައްކަތްކުރައްވަމުންނެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި ފައްޔާޒް އިއްޔެ ވަނީ ނަޝީދު އަރިހަށް ގާނާއަށް ވަޑައިގެންފައެވެ.
އޭނާގެ އަރިސް ބޭފުޅަކު ވިދާޅުވީ، އެއީ އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ކުރެއްވި ދަތުރެއް ނޫން ކަމަށާއި އެއްވެސް މަޝްވަރާއެއް ކުރައްވާ ކަމަށް ވެސް އެނގިފައިނުވާ ކަމަށެވެ. އެ ދަތުރުގައި ފައްޔާޒާ އެކު ނަޝީދުގެ ވަރަށް އަރިސް ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ)އާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އަދި ކުރީގެ ޕާލިމަންޓްރީ ގްރޫޕު ލީޑަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވައެވެ.
"ރައްޓެހިކަމުގައި ކުރެއްވި ދަތުރެއް. ރަސްމީ ކަމެއްގައެއް ނޫން. އިހަށް ދުވަހުތާ މަޝްވަރާތައް ކޮށް ނިންމާލީ ވެސް،" ފައްޔާޒްގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

ނަޝީދާ އެކު ފައްޔާޒް ގާނާގައި: އަރިހުގައި ތިއްބެވި ނަޝީދުގެ އަރިސް ތިން ބޭފުޅުން ---
ދަތުރުފުޅާ ގުޅޭ ގޮތުން ފައްޔާޒް ވެސް ވިދާޅުވީ މިއީ ސިޔާސީ ދަތުރެއް ނޫން ކަމަށާއި އަމިއްލަ ދަތުރެއް ކަމަށެވެ.
ދިޔަ ސަރުކާރު ނިމެންދިޔައިރު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ. އޭރު އެ މަނިކުފާނު އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ފައްޔާޒެވެ. ދެ ބޭފުޅުން އޭރު ދޭތެރެއަކުން ބަހުގެ ހަމަލާތައް ބަދަލުކުރައްވައެވެ.
މިދިޔަ 2023ގެ ރިޔާސީ އިންތިޚާބު ތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކަށް ނަޝީދާއި އަރިސް ބޭފުޅުން ވަނީ އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވާފައެވެ. އެކަމަކު، އެ ޕާޓީ ދޫކުރައްވައި، އެންމެން އެނބުރި އެމްޑީޕީއާ ގުޅެން މި އަހަރުގެ އޭޕްރީލް ފަސްވަނަ ދުވަހު ވަނީ ނިންމާފައެވެ.
އެއަށް ފަހު، ފައްޔާޒާއި ނަޝީދު ގެންދަވަނީ އެކުގައި ސިޔާސީ މަސައްކަތްކުރައްވަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފައްޔާޒް ވަނީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި، ނަޝީދު ވެސް ވަނީ އެ ފަދަ ޝައުގުވެރިކަމެއް ފާޅުކުރައްވާފައެވެ. ކުރީގެ ރައީސް ޞާލިޙާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ ޝައުގުވެރިކަން ގެންގުޅުއްވާއިރު އެމްޑީޕީގެ ތެރޭގައި ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑެވެ.