ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ޚާން ދޮންދަރި ސާރާ އަލީ ޚާންއާ އެކު ފިލްމެއްގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ކަރީނާ އާއި ސާރާ އެކީގައި މަސައްކަތްކުރަން ހަމަޖެހިފައި ވަނީ ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި އެކްޓަރު އަޖޭ ދޭވްގަން ގުޅިގެން ގެނެސްދެމުން އަންނަ މަގުބޫލު ފްރެންޗައިސް "ގޯލްމާލް"ގެ ފަސް ވަނަ ފިލްމުގައެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުން މި ފިލްމުގެ މަސައްކަތް އަންނަ އަހަރުތެރޭ ފަށަން ރޯހިތު އާއި އަޖޭ އަންނަނީ ވިސްނަމުންނެވެ. އެހެންވެ ފިލްމުގެ ކާސްޓުގައި ހިމެނޭ ތަރިންތައް ފައިނަލް ކުރުމުގެ މަސައްކަތް ރޯހިތު އާއި އަޖޭ ގުޅިގެން ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ބަތަލާ ސާރާ އަލީ ޚާން އަދި ކަރީނާ ކަޕޫރު ޚާން--ފޮޓޯ/ފިލްމުފެއަ
ކަރީނާ އާއި ސާރާ އަލީ ޚާންގެ އިތުރުން "ގޯލްމާލް 5"އިން އެ އާއިލާއަށް ނިސްބަތްވާ އެއް މެމްބަރު ކުނާލް ކެމޫ ވެސް ފެންނާނެ ކަމަށް ފިލްމީ ޚަބަރުތަކުން ވަނީ ބުނެފައެވެ.
9 ކުނާލް ވަނީ 2017 ވަނަ އަހަރު ގެނެސްދިން "ގޯލްމާލް ރިޓާންސް"ގެ ރޯލަކުން ވެސް ފެނިފައެވެ. މީގެއިތުރުން ކަރީނާ ކަޕޫރު އަކީ ވެސް އެ ފްރެންޗައިސްގެ ދަށުން ގެނެސްދިން ތިން ވަނަ ފިލްމުގެ މުހިއްމު ރޯލަކުން ފެނުނު ބަތަލާއެކެވެ.
ކަރީނާއާ އެކު ސާރާ ފިލްމަކުން ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ސާރާއާ އެކު މަސައްކަތް ކުރަން ވަރަށް ބޭނުންވާ ކަމަށާއި އެއީ ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެކަމަށް މީގެކުރިން ކަރީނާ ވެސް ސާރާ ވެސް ވަނީ ބުނެފައެވެ.
ސާރާ އަކީ ކަރީނާގެ ފިރިމީހާ ސައިފް އަލީ ޚާންގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ދޮށީ ދަރިފުޅެވެ. ބޮލީވުޑްގައި ފިލްމީ ކެރިއަރު ފެށުމަށްފަހު މިހާތަނަށް މާބޮޑު ކުރިއެރުމެއް ސާރާއަށް އިންޑަސްޓްރީގައި ހޯދިފައެއް ނުވެއެވެ. ސާރާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މި އަހަރުގެ ޖުލައި މަހު ރިލީޒްކުރި ޑައިރެކްޓަރު އަނޫރާގް ބާސޫގެ ފިލްމު "މެޓްރޯ އިން ދިނޯ"އެވެ.