ގައުމީ ސަލާމަތާ ގުޅުވާފައި، ޑިފެންސް މިނިސްޓްރީއަށް އައްޔަންކުރައްވާފައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ ދަތުރުފަތުރުގެ ޚަރަދު އެ މިނިސްޓްރީން މިއަދު ސިއްރުކޮށްފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ގިނަ އަދަދެއްގެ މައުލޫމާތު ހޯދަން 'ސަން'އިން ފޮނުވި ރިކުއެސްޓްގެ ޖަވާބުގައި އެ މިނިސްޓްރީން ވަނީ ހޯދަން އެދުނު ގިނަ މައުލޫމާތަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ކަމަށް ބުނެ، އެ މައުލޫމާތު ފޯރުކޮށްދޭން ދެކޮޅު ހަދާފައެވެ.
އެކަމަކު، ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ދަތުރު ޚަރަދާއި، މިނިސްޓްރީގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދާއި، އެޑްވައިޒަރުންގެ އަދަދާއި، ކޮންސަލްޓަންޓުންގެ މައުލޫމާތު ވެސް ހިމެނެއެވެ. އެއީ، އާންމު އުސޫލުން މީގެ ކުރީގައި އަބަދު ވެސް ހާމަކުރާ މައުލޫމާތެވެ.
ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި މިނިސްޓްރީގައި ތިއްބެވި މުވައްޒަފުންގެ އަދަދު ވެސް ހިމެނެއެވެ. އަދި، މި ދައުރުގައި ވަޒީފާ ދިން މުވައްޒަފުންނާއި، ސިޔާސީ މުވައްޒަފުންނާއި، ޖުމުލަ މުވައްޒަފުންނަށް މިނިސްޓްރީން ކުރާ ޚަރަދުގެ ތަފުސީލުތައް ވެސް ހޯދަން ވަނީ އެދިފައެވެ.

ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ސިފައިންގެ ބައެއް އިސްވެރިންނާއި ޑިފެންސް މިނިސްޓަރު ޣައްސާން އަދި ރައީސް މުއިއްޒު -- ފޮޓޯ/ މަޖިލިސް
އެކަމަކު، އެއީ މުވައްޒަފުންގެ ޒާތީ މައުލޫމާތު ކަމަށް ބުނެ އެ މައުލޫމާތު ވެސް ވަނީ ނުދީ ހިފަހައްޓާފައެވެ.
މިނިސްޓްރީން ލިޔުމުން މިއަދު ފޮނުވި ޖަވާބުގައި ބުނީ، މުވައްޒަފުންނާ ގުޅޭ މައުލޫމާތުތަކުގެ ތެރެއިން ހާމަކުރެވެން ހުރި މައުލޫމާތުތައް މިނިސްޓްރީގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ކަމަށެވެ. ވެބްސައިޓުގައި އާންމުކޮށްފައިވަނީ މިނިސްޓްރީގެ އިސްވެރިންގެ ނަމާއި، މަގާމު އެކަންޏެވެ.
މީގެ އިތުރުން ހޯދަން އެދުނު ބައެއް މައުލޫމާތު:
- މިނިސްޓްރީގެ ޚަރަދުތަކުގެ ތަފުސީލުތައް
- މި ދައުރު ފެށުނު ފަހުން ނުދައްކާ ހުރި ބިލުތައް
- ބޮޑެތި ޕްރޮކިއުމަންޓްތަކާ ގުޅޭ ތަފުސީލުތައް
- މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ދަތުރު ޚަރަދުތައް
- އިންޓާނަލް އޮޑިޓް ރިޕޯޓުތައް
- ވެހިކަލް ގަންނަން މި ދައުރުގައި ކުރި ޚަރަދުތައް
އެކަމަކު، އެއިން އެއްވެސް މައުލޫމާތެއް މިނިސްޓްރީން ފޯރުކޮށްދީފައެއް ނުވެއެވެ. ލިޔުމުން ފޮނުވި ޖަވާބުގައި ބުނީ، ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ހިމެނޭ ކަމަށެވެ. އެހެންވެ، އެ މައުލޫމާތުތައް ސިއްރުކުރި ކަމަށް ބުނި ނަމަވެސް އެއީ ކޮން މައުލޫމާތެއްކަން ވެސް ތަފުސީލުކޮށްދީފައެއް ނުވެއެވެ.
ހޯދަން އެދުނު އެއްވެސް މައުލޫމާތެއް ފޯރުކޮށްނުދީ، ޖަވާބުގައި މިނިސްޓްރީން ބުނެފައިވަނީ ދެވެން ހުރި މައުލޫމާތުތައް މިނިސްޓްރީގެ އަހަރީ ރިޕޯޓުގައި ހިމެނޭ ކަމަށެވެ. އެ ރިޕޯޓު އާންމުކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް މިނިސްޓްރީގެ ވެބްސައިޓުގައި މިހާތަނަށް މި އަހަރުގެ އަހަރީ ރިޕޯޓު އާންމުކޮށްފައެއް ނުވެއެވެ. އާންމުކޮށް އަހަރީ ރިޕޯޓު އާންމުކުރަނީ ޖަނަވަރީ މަހެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިނިސްޓްރީތަކާއި އިދާރާތަކުން މައުލޫމާތު ފޯރުކޮށްނުދޭކަމުގެ ޝަކުވާ މި ފަހުން ވަނީ ބޮޑުވެފައެވެ.
މީގެ ކުރީ ހުރިހާ ސަރުކާރެއްގައި ވެސް ސިޔާސީ މުވައްޒަފުންގެ މައުލޫމާތު، ސަރުކާރުތަކުން އިސްވެ ހާމަކުރިއެވެ. އެކަމަކު، މި ސަރުކާރުގައި އެ މައުލޫމާތު ވެސް ހާމައެއް ނުކުރެއެވެ. އަދި، ޚަރަދު ކުޑަކުރުމުގެ ގޮތުން ވަކިކުރި ކަމަށް ރައީސް އޮފީހުން ރަސްމީކޮށް އިއުލާނުކުރި މުވައްޒަފުންގެ ތަފުސީލުތައް ވެސް ނުދީ ވަނީ ހިފަހައްޓާފައެވެ. އެ މައުލޫމާތު ނުދޭން ރައީސް އޮފީހުން ވަނީ ހައިކޯޓަށް ވެސް ގޮސްފައެވެ. އެކަމަކު، އެ މައްސަލަ ކުރިއަކަށް ނުދެއެވެ.