އެމެރިކާގެ ޔޫސީ ސެން ފްރެންސިސްކޯ މެޑިކަލް ސެންޓަރަށް ދިއުމަށްޓަކައި ވޭމޯ ސެލްފް-ޑްރައިވިންގް ޓެކްސީއެއްގައި އެކަނި ދަތުރުކުރި މާބަނޑު އަންހެނަކު ކާރުތެރޭގައި އެކަނި އޮވެގެން ވިހައިފިއެވެ.
ޔޫސީ ސެން ފްރެންސިސްކޯ މެޑިކަލް ސެންޓަރުގެ ދޮރާއްޓާ ހަމައަށް އެ އަންހެންމީހާ ފޯރިއިރު އޭނާ ވަނީ ވިހާފައި ކަމަށާއި އެއީ ސެން ފްރެންސިސްކޯގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލިޖީގެ ދުނިޔެއަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.
މި ޚަބަރު ކަށަވަރުކޮށްދެމުން ޔޫސީ ސެން ފްރެންސިސްކޯ މެޑިކަލް ސެންޓަރުގެ ތަރުޖަމާނު ޖެސް ބާތޯލްޑް ވިދާޅުވީ، ވިހެއި އަންހެންމީހާ އާއި ތުއްތު ކުއްޖާ އެ ހޮސްޕިޓަލަށް ގޮސްފައިވާ ކަމަށެވެ.
ގޫގުލްގެ މައި ކުންފުނި ކަމަށްވާ އަލްފަބެޓްގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ ވޭމޯއިން، އެމެރިކާގެ އެތައް ރަށެއްގައި ޑްރައިވަރަކާ ނުލައި ދަތުރުކުރާ ކާރުގެ ޚިދުމަތް ދަނީ ދެމުންނެވެ.
ކާރުގައި ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ކާރުތަކުގެ އެތެރެއާއި ބޭރުގައި ކެމެރާ ހަރުކުރެވިފައިވާކަމަށް ވެސް އެ ކުންފުންޏާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

ވޭމޯ ސެލްފް-ޑްރައިވިންގް ޓެކްސީއެއްގައި އަންހެނަކު ދަތުރުކުރަން ތައްޔާރު ވަނީ--ފޮޓޯ/ނިއުސްބައިޓްސް
މާބަނޑު އަންހެންމީހާ ދަތުރުކުރަމުންދިޔަ ވޭމޯ ސެލްފް-ޑްރައިވިންގް ޓެކްސީއިން ދަތުރުކުރަމުން ދިޔަވަގުތު "އާދަޔާ ހިލާފު ހަރަކާތެއް" ފާހަގަވުމުން، އަލްފަބެޓް ކުންފުނީގެ ރިމޯޓް ރައިޑަރ-ސަޕޯޓް ޓީމުން ވަނީ އެ އަންހެން މީހާގެ ހާލު ބެލުމަށް ގުޅާ، އަދި އެއްފަހަރާ 911އަށް ގުޅާފައެވެ.
މާބަނޑު އަންހެންމީހާ ވިހާފައި ވަނީ ދަތުރުކުރަމުންދިޔަ ކާރު ހޮސްޕިޓަލާ ދިމާލަށް މިސްރާބުޖެހުމާ އެކު ކާރުގެ ފަހަތު ސީޓުގައި އޮވެގެންނެވެ.
ހޮސްޕިޓަލުގެ އިމަޖެންސީ ފަރުވާދޭ މުވައްޒަފުންނަށް އެ ކާރު ކައިރިއަށް ދެވުނުއިރު ފެނުނީ އަޖައިބު ކުރުވަނިވި މަންޒަރެއް ކަމަށާއި އޭރު އެ އަންހެންމީހާ ދަރިފުޅު ވިހައިފި ކަމަށް އެމެރިކާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.
އެ ކުއްޖާ އުފަންވެފައި ވަނީ މިދިޔަ ހަފުތާ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ނަމަވެސް ވޭމޯ ހޮސްޕިޓަލުން އެ ހާދިސާގެ މައުލޫމާތު އާއްމުކޮށްފައި ވަނީ ބުދަ ދުވަހުއެވެ.
ކާރުގައި ދަތުރުކުރި އަންހެންމީހާގެ ކާރު ވަގުތީގޮތުން ޚިދުމަތުން ނެގުމަށްފަހު އެ ކާރު ސާފުކުރުމަށް ކުންފުންޏާ ވަނީ ހަވާލުކުރެވިފައެވެ.
ވޭމޯއިން ވަނީ، އެ ކުންފުނީގެ އަމިއްލައަށް ދުއްވާ ކާރެއްގެތެރޭ ކުއްޖަކު އުފަންވި މިއީ ފުރަތަމަ ފަހަރު ނޫންކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް އެ ކުންފުނިން ދީފައެއް ނުވެއެވެ.
ސެން ފްރެންސިސްކޯއަކީ ވަރަށް ކުރިއްސުރެ އަމިއްލައަށް ދުއްވޭ އުޅަނދު ފަހަރުގެ ޓެކްނޮލޮޖީ ތަޖުރިބާ ކުރަމުން އަންނަ ތަނެކެވެ. ވޭމޯއިން އެ ކުންފުނީގެ ރައިޑް-ހެއިލިންގް ހިދުމަތް ހާއްސަ ފަރާތްތަކަށް 2021 ވަނަ އަހަރު ދޭން ފެށިއިރު، ޢާންމުންނަށް ހުޅުވާލާފައިވަނީ 2024 ވަނަ އަހަރުއެވެ.
ނަމަވެސް މި ހިދުމަތަށް އެކި މައްސަލަތައް ކުރިމަތިވެފައިވެއެވެ. އޭގެތެރޭގައި ހުއްދަ ނޫން ގަޑިތަކުގައި ބަރުގަނު އަޅައި އާއްމު މީހުންނަށް އުނދަގޫވުމުގެ އިތުރުން ފުލުހުންގެ ކުރިމަތީގައި ގަވައިދާ ޚިލާފަށް ޔޫ-ޓާން ނެގުން ފަދަ ކަންކަން ހިމެނެއެވެ.
ނެޝަނަލް ހައިވޭ ޓްރެފިކް ސޭފްޓީ އެޑްމިނިސްޓްރޭޝަނުން ރިކޯޑުކޮށްފައިވާ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން މަދުވެގެން 14 ހާދިސާގައި ވޭމޯ ޓެކްސީތައް މަގުމަތީގައި އުޅޭ ޖަނަވާރުންނާ ދިމާވެފައިވެއެވެ.
އެ ކުންފުނިން އެންމެ ފަހުން ޝާއިއުކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި، ވޭމޯގެ އަމިއްލައަށް ދުއްވޭ ކާރުތައް، އެއް ދުރުމިން ހަމަވާ އިންސާނުން ދުއްވާ ކާރުތަކާ އަޅާބަލާއިރު، ބޮޑެތި އަނިޔާތައް ލިބޭ ނުވަތަ އެއަށްވުރެ ގޯސް ހާދިސާތައް 91 އިންސައްތަ ވަނީ މަދުކޮށްފައެވެ. ހަމަ އެއާއެކު އެއްވެސް ކަހަލަ އަނިޔާއެއް ލިބޭ ހާދިސާތައް 80 އިންސައްތަ ވަނީ މަދުކޮށްފައެވެ.