ބ. ގޮއިދޫގައި ކެންސަރު ޖެހޭ ސަބަބު ދެނެގަތުމަށް މައުލޫމާތު އެއްކުރަނީ

ބ. ގޮއިދޫގެ ދަނޑެއް: ގޮއިދޫގައި ކެންސަރު ޖެހޭ ސަބަބު ދިރާސާކޮށް، ދަނޑުތަކުގައި ބޭސް ބޭނުންކުރާ ގޮތް ބެލުމަށްޓަކައި މައުލޫމާތު އެއްކުރަނީ ---

ބ. ގޮއިދޫގައި ކެންސަރު އާންމުވާ ސަބަބު ދިރާސާކޮށް، ދަނޑުތަކުގައި ބޭސް ބޭނުންކުރާ ގޮތް ބެލުމަށްޓަކައި ހެލްތު މިނިސްޓްރީން އެދުނު ބައެއް މައުލޫމާތުތައް އެއްކުރަން ފަށާފައިވާ ކަމަށް، އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

'ސަން' އާ ވާހަކަ ދައްކަވަމުން ގޮއިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާން ވިދާޅުވީ، އެ ރަށުގައި ކެންސަރު އާންމުވާ ސަބަބު ހޯދުމަށް ހެލްތު މިނިސްޓްރީން އަދި ނާންނަ ކަމަށެވެ.

"އަދި [ހެލްތު މިނިސްޓްރީން] ނާދޭ، އެ މީހުން (މިނިސްޓްރީން) އެބަހުރި ބައެއް މައުލޫމާތުތައް ހޯދަން ފޮނުވައިފަ، އެ މައުލޫމާތުތައް މި އެއްކުރަނީ،" ސިޔާން ވިދާޅުވިއެވެ.

ބ. ގޮއިދޫގެ ދަނޑެއްގެ މަތިން ---

ސޯޝަލް މީޑިއާގައި 'ޝަހުލާ ވަޖީހު' ނަމަކަށް ކިޔާ ގޮއިދުއަށް ނިސްބަތްވާ މީހަކު ވަނީ، އެ ރަށުގައި ކަންބޮޑުވުން ބޮޑު ދެ މައްސަލައަކަށް ހައްލު ހޯދައިދިނުމަށް އެދި ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމަށާއި، އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއަށް އެކަމާ ގުޅޭ ގޮތުން ވަކިވަކިން ސިޓީއެއް މިދިޔަ ހަފުތާގައި ފޮނުވައިފައެވެ.

އެ ސިޓީތަކުގައި ބުނެފައިވަނީ، 500 އެއްހާ މީހުން އުޅޭ ގޮއިދޫގައި ގައިން ގަޔަށް ނާރާ ބަލިތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށާއި، ޚާއްސަކޮށް ކެންސަރު ބަލި ޖެހޭ މިންވަރު އެ ރަށުގައި އިތުރުވެފައިވާ ކަމަށެވެ. މިދިޔަ ފަސް އަހަރުގެ ތެރޭ އެ ރަށުގެ ނުވަ މީހަކަށް ކެންސަރު ޖެހި، ތިން މީހަކު މަރުވެފައިވާކަން އޭނާ ފާހަގަކުރިއެވެ.

https://sun.mv/215019

އަދި ގޮއިދޫއަކީ އާބާދީ މަދު ރަށެއް ނަމަވެސް ނިސްބަތުން ބަލާއިރު ދުންފަތުގެ އިސްތިއުމާލުކުރާ އަދި ދުފާ މީހުން ގިނަ ރަށެއް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ދެވަނަ ކަމަކަށް އެ ސިޓީގައި ފާހަގަކޮށްފައި ވަނީ ގޮއިދޫގައި ދަނޑު ހެއްދުމަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 95 ޕަސެންޓު ދަނޑުތަކަކީ ދަނޑުގެ ވެރިފަރާތުން ބިދޭސީންގެ އަތް މައްޗަށް ދޫކޮށްލާފައިވާ ދަނޑުތަކެއް ކަމަށެވެ. އަދި ގިނަ ދަނޑުތަކުގައި ހައްދާ ތަރުކާރީއާއި މޭވާއަކީ އިންސާނުންގެ ފުރާނައަށް ނުރައްކާ މިންވަރަށް 'ޕެސްޓިސައިޑްސް' އަދި އެ ނޫންވެސް އެކިއެކި ކެމިކަލްތަކުން ތަޣައްޔަރުވެފައިވާ ތަކެތި ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އަދި ގަސް ގަހަށް ޖަހާ ބޭސްތައް ވެސް ބޭނުންކުރަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫންކަން ފާހަގަކޮށްފައިވެއެވެ.

ދަނޑުތަކުގައި މަސައްކަތްކުރާ ބިދޭސީން، ބޭސް ޖެހުމަށްފަހު, އެކަށީގެންވާ ވަގުތު ދިނުމެއްނެތި ފަތްޕިލާވެއްޔާއި، މިރުހާއި، ކިޔުކަންބާ ފަދަ ނުކައްކާ ބޭނުންކުރެވޭ ތަކެތި ކަނޑައި، ވިއްކަމުންދާކަމީ ރަށު ފަރުދެއްގެ ހައިސިއްޔަތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ސިޓީގައި އޭނާ ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖޭގެ ދަނޑުތަކުގައި އުފައްދާ ތަކެއްޗަކީ ފެންވަރު ރަނގަޅު ތަކެތިތޯ ބެލުމަށްޓަކައި މޯލްޑިވްސް ފުޑް އެގްރިކަލްޗާ ޕްރެކްޓިސް ސެޓްފިކޭޝަން (އެމްގެޕް ސެޓިފިކޭޝަން)ގެ ނަމުގައި ދަނޑުތައް އޮޑިޓްކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

ކެންސަރަކީ ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް އާންމުވަމުންދާ ބައްޔެކެވެ. އެ ބަލި ޖެހުމުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ ދައުރު ވަރަށް ބޮޑެވެ. އަދި އާއިލީ ގޮތުން ވާރުތަކުރުމުގެ ފުރުސަތު ވެސް އޮވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގެ 2020 ވަނަ އަހަރު ތަފާސްހިސާބުތަކުގެ މައްޗަށް އަންދާޒާކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓު މީހުން މަރުވަނީ ކެންސަރު ބަލީގައެވެ.

comment ކޮމެންޓް