ގަމު ހޮސްޕިޓަލް، ޓާޝިއަރީ ފެންވަރަށް ބަދަލު ކުރަން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: ސީއީއޯ

ލ. ގަން ރީޖިނަލް ހޮސްޕިޓަލް ---

ގާތްގަނޑަކަށް 14,000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ, ލ. އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ކަމަށްވާ, ގަމު ހޮސްޕިޓަލް, ޓާޝިއަރީ ފެންވަރަށް ބަދަލު ކުރަން, މި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ކާމިޔާބީއާ ގުޅޭގޮތުން ހެލްތު މިނިސްޓްރީއަށް ދެއްވި ވީޑިއޯ އިންޓަވިއޫއެއްގައި ގަމު ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަބްދުލް ހަންނާން އަބްދުލް ރަހީމް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ވަނީ, އެ ހޮސްޕިޓަލް, ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މުހިންމު މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.

އެގޮތުން މި ވަގުތު އެ ހޮސްޕިޓަލުގައި ނެތް ޚާއްސަ ބަލިތަކެއްގެ ޑޮކްޓަރުންތަކެއް ހޯދުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވަރަށް އަވަހަށް ހިތުގެ ބައްޔާއި ނާރުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުންތަކެއް އެ ހޮސްޕިޓަލާ ގުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ ސްޕީޗް ތެރަޕިސްޓެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ހަންނާން ވިދާޅުވިއެވެ.

"ޑޮކްޓަރުންތައް އެކަންޏެއް ނޫން. ޑޮކްޓަރުން ދޭ ފަރުވާއާއެކުގައި އެ ބޭފުޅުންނަށް ބޭނުން ވާނެ އެހެނިހެން މެޝިނަރީސްތަކާއި އެހެނިހެން ވަސީލަތްތައް ވެސް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިގެން ދަނީ ވަރަށް ބާރަށް ކުރިއަށް ގެންދަމުން," ހަންނާން ވިދާޅުވިއެވެ.

"އޭގެ ތެރެއިން އަންނާނެ އެމްއާރުއައި. އެމްއާރުއައިގެ ޚިދުމަތް އަޅުގަނޑުމެން ހޮސްޕިޓަލުގައި ގާއިމު ކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން,"

ގަމު ރީޖަނަލް ހޮސްޕިޓަލުން އެކިއެކި އޮޕަރޭޝަންތައް ކުރާއިރު ލޭ ހޯދުމަށް މީގެ ކުރިން ދަތިތައް ދިމާވާ ކަމަށާއި ނަމަވެސް މިހާރު ބްލަޑް ބޭންކެއް ގާއިމު ކުރުމާއެކު އެ މައްސަލައަށް ވެސް ހައްލެއް ލިބިގެން ގޮސްފައިވާ ކަމަށް ހަންނާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ހެދުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.

ހަމަ އެހެންމެ ލ. އަތޮޅު ރަށްތަކުގެ ސިއްހީ މަރުކަޒުތަކުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހަންނާން ވިދާޅުވިއެވެ.

comment ކޮމެންޓް