ސްޕާއާއި މަސާޖް ޕާލާތައް ހިމެނޭ ގޮތަށް، ހަފުތާއެއް ތެރޭ 16 ތަނެއް ބަންދުކޮށްފި

އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން: ސްޕާއާއި މަސާޖް ޕާލާތައް ހިމެނޭ ގޮތަށް، ހަފުތާއެއް ތެރޭ 16 ތަނެއް ވަނީ ބަންދުކޮށްފައި -- ފޮޓޯ/ އިމިގްރޭޝަން

ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް އިމިގްރޭޝަން ހިމެނޭ ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަނުގައި، ހަފުތާއެއް ތެރޭ 16 މަސާޖް ޕާލާ ބަންދުކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސްޕާއާއި ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގެ 17 ތަނެއް ބަލައި ފާސްކުރި ކަމަށެވެ.

އެ އޮޕަރޭޝަނުގައި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، ފަސް ތަނެއް ބަންދުކޮށްފައިވާ ކަމަށް އެ ޚިދުމަތުން ބުންޏެވެ.

އެ އޮޕަރޭޝަނުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ހުއްޓުވައިފައިވެއެވެ.

އޭގެ ޖެހިގެން އައި ދުވަހު ވެސް ޓާސްކްފޯހުން ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކުރިއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ހަތަރު ތަނުގެ ވިޔަފާރި ހުއްޓުވިއެވެ.

އެއަށްފަހު ބުރާސްފަތި ދުވަހު ވެސް ހަމަ ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށް، ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން: ސްޕާއާއި މަސާޖް ޕާލާތައް ހިމެނޭ ގޮތަށް، ހަފުތާއެއް ތެރޭ 16 ތަނެއް ވަނީ ބަންދުކޮށްފައި -- ފޮޓޯ/ އިމިގްރޭޝަން

ހަފުތާ ބަންދަށް ފަހު، މިދިޔަ އާދިއްތަ ދުވަހު އިމިގްރޭޝަނުން އަނެއްކާވެސް އޮޕަރޭޝަން ކުރިއަށްގެންގޮސް، މާލޭގައި 10 ތަނެއް ބަލައި ފާސްކުރިއެވެ. އޭގެ ތެރެއިން ތިން ތަނެއް ބަންދުކުރަން ވެސް އެންގިއެވެ.

އެހެންކަމުން، މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިމިގްރޭޝަނުން ވަނީ، ސްޕާއާއި ސެލޫން ގޮތަށް ވިޔަފާރިކުރާ 16 ތަނެއް ބަންދުކޮށްފައެވެ.

https://sun.mv/215345

މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ރާއްޖޭގައި ހިންގާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އެކިއެކި އޮޕަރޭޝަންތައް ހިންގައި ދޭތެރެދޭތެރެއިން އެފަދަ ބައެއް ތަންތަން ބަންދުކޮށް, އެ ކުށް ކުރާ މީހުން ހައްޔަރު ވެސް ކުރެއެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ގަވައިދާ ޚިލާފަށް ދިރިއުޅެ، ވިޔަފާރިކުރަމުންދެއެވެ. މި ސަރުކާރުގެ އަމާޒަކީ ތިން އަހަރު ތެރޭ އެ މައްސަލަ ހައްލުކުރުމެވެ.

comment ކޮމެންޓް