އަދިވެސް ހިންގަން ނުފެށޭ ޑިވެލޮޕްމަންޓް ބޭންކަށް ބޮޑު މުސާރައިގައި 10 މެނޭޖަރުން ހޯދަނީ

ޑިވެލޮޕްމަންޓް ބޭންކްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު: ޑީބީއެމްގެ މަސައްކަތްތައް ނުފެށި އޮއްވާ މަގާމުތަކަކަށް މިއަދު ވަނީ އިއުލާނުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

އަދިވެސް ހިންގަން ނުފެށިގެން އުޅޭ ޑިވެލޮޕްމަންޓް ބޭންކު، ޑީބީއެމަށް 10 މެނޭޖަރުން ހިމެނޭ ގޮތަށް، 13 މަގާމަކަށް މުވައްޒަފުން ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.

ގެޒެޓުގައިވާ ގޮތުން، ޑީބީއެމަށް 10 މެނޭޖަރަކާއި ފްރަންޓް އޮފީސް ދެ އެގްޒެކެޓިވަކާއި މާކެޓިން އެގްޒެކެޓިވެއް ހޯދަން ވަނީ އިއުލާނުކޮށްފައެވެ. އެ މަގާމުތަކަށް އެދި ހުށަހަޅަން ޖެހޭނީ އަންނަ ހޯމަ ދުވަހުގެ ހަވީރު ފަހެއް ޖެހުމުގެ ކުރިންނެވެ.

ޑީބީއެމުން ވަނީ ފްރަންޓް އޮފީސް އެގްޒެކެޓިވަކާއި މާކެޓިން އެގްޒެކެޓިވެއް ހޯދުމަށް ކުރި އިއުލާނުގެ އިތުރުން އެތެރޭގެ އޮޑިޓް މެނޭޖަރަކާއި ލީގަލް މެނޭޖަރަކާއި ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި އެޗްއާރާއި އިދާރީ މެނޭޖަރަކާއި އައިޓީ މެނޭޖަރެއްގެ އިތުރުން ދެ ކޮމްޕަލަޔަންސް މެނޭޖަރަކާއި ތިން ފައިނޭންސް މެނޭޖަރަކު ހޯދަން އިއުލާނުކޮށްފައެވެ.

އިއުލާނުގައިވާ ގޮތުން މެނޭޖަރު ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 35،000 ރުފިޔާއާއި 45،000 ރުފިޔާ އާ ދެމެދެވެ. އަދި އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 20،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ޑީބީއެމްގެ އޮފީސް ބައްލަވާލައްވަނީ: ފޮޓޯ: ރައީސް އޮފީސް

އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކަށް އެންމެ ދަށްވެގެން ޑިޕްލޮމާ ނޫނީ އެޑްވާންސް ސެޓްފިކެޓު ފެންވަރުގެ ކޮލިފިކޭޝަނާއި ތިން އަހަރުގެ ތަޖުރިބާއެއް ބޭނުންވާއިރު، މެނޭޖަރުންގެ މަގާމުތަކަށް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީއަކާ އެކު، ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ތަޖުރިބާއެއް ބޭނުންވާނެ ކަމަށްވެސް، ޓާމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ބޭންކް އެސްޓީއޯގެ އެލައިޑް ބިލްޑިންގުގައި ހިންގާ ގޮތަށް އިފުތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16ގައެވެ. އެ ތާރީޚުން ފެށިގެން ޑީބީއެމުން މަހު ކުލީގެ ގޮތުގައި އެސްޓީއޯއަށް 75،892 ރުފިޔާ ދައްކަންޖެހެއެވެ. ނަމަވެސް އަދިވެސް އެ ބޭންކުގެ ޚިދުމަތް ރަސްމީކޮށް ދޭން ފެށިފައެއް ނުވެއެވެ.

އެ ބޭންކު ހިންގަން ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވި ނަމަވެސް، އަދިވެސް އެ ބޭންކުގެ ޚިދުމަތް ފެށޭނެ ތާރީޚެއް ނޭނގެއެވެ.

https://sun.mv/212632

މީގެ ކުރިން ރައީސް ވަނީ އެ ބެންކުގެ ސީއީއޯކަމާއި ޗެއާޕާސަން ކަމަށް ރާއްޖެއިން ބޭރުގެ ދެ ތަޖުރިބާކާރުން އައްޔަންކުރައްވާފައެވެ. އެގޮތުން، ޗެއާޕާސަނަކަށް އައްޔަންކުރެއްވީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ. އެއީ، 25 އަހަރުގެ ތަޖުރިބާ ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ. އެ ބޭންކްގެ ސީއީއޯކަމަށް އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އައްޔަންކުރިއެވެ. އޭނާއަކީ ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

އެކަމަކު، މާ ގިނަ ދުވަހެއް ނުވެ އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ ވަނީ އިސްތިއުފާ ދެއްވި ނޯޓިސް މުއްދަތުގެ މުސާރައާއި އިނާޔަތްތައް ނުލިބިގެން އޭޕްރީލް ހަތް ވަނަ ދުވަހު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައެވެ.

comment ކޮމެންޓް