މިދިޔަ މަހު މަރުވި އިންޑިއާގެ އައިކޮނިކް އެކްޓަރު ދަރުމެންދްރަ އެންމެ ފަހުން މަސައްކަތްކޮށްފައިވާ ފިލްމު "އިއްކީސް" ރިލީޒްކުރުން ފަސްކޮށްފިއެވެ.
މި ފިލްމަކީ ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ޑައިރެކްޓަރު ސްރީރާމް ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ 'މެޑޮކް ފިލްމްސް'އަށް އުފައްދައިދޭ ފިލްމެކެވެ.
މި ފިލްމު ރިލީޒްކުރުން އަންނަ އަހަރަށް ފަސްކުރެވުނުއިރު ފިލްމު ގެނެސްދޭން ނިންމާފައި ވަނީ ކުރިއަށް އޮތް ޖަނަވަރީ މަހުއެވެ. އެއާއެކު ފިލްމު "އިއްކީސް" ވާނީ މި ފެށޭ އާ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ ފުރަތަމަ ހިންދީ ފިލްމަށެވެ.
މި މަހުގެ 26ވާ ހުކުރު ދުވަހު ސިނަމާތަކަށް ގެންނާނެކަން ކުރިން އިއުލާނު ކުރުމަށްފަހު "އިއްކީސް" ރިލީޒްކުރުން ފަސްކުރެވުނީ މި މަހުގެ ފުރަތަމަ ހަފުތާތެރޭގައި ރިލީޒްކުރި ޑައިރެކްޓަރު އަދިތިޔަ ދާރުގެ ފިލްމު "ދުރަންދާރް"ގެ ހިޔަނި ފިލްމަށް އެޅިދާނެ ކަމުގެ ބިރުހީވުމުންނެވެ.

ފިލްމު "އިއްކީސް"ގެ ލީޑް ރޯލް ކުޅޭ އަގަސްތިޔަ ނަންދާ، އެކްޓަރު ޖައިދީޕް އަދި ދަރުމެންދްރަ -- ފޮޓޯ/ބޮލީވުޑްހަންގާމާ
އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ކާމިޔާބީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ފިލްމު "އިއްކީސް"އާ އެކު ދަރުމާ ޕްރޮޑަކްޝަންސްގެ ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ" ވެސް މި މަހު ރިލީޒްކުރަން ވަނީ ނިންމާފައެވެ.
ނަމަވެސް "އިއްކީސް" ރިލީޒްކުރުން ފަސް ކުރުމާ ގުޅިގެން އަންނަ ހަފްތާގައި ރިލީޒްކުރާ ކާތިކް އާރްޔަން އާއި އަނަނިޔާ ޕާންޑޭގެ ފިލްމާއެކު ވާދަކުރާނެ އިތުރު ފިލްމެއް މިހާރަކު ނެތެވެ.
ފިލްމު "އިއްކީސް" އަކީ އެކްޓަރު އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމެވެ. މި ފިލްމުގައި އަގަސްތިޔާ ފެންނާނީ އުމުރުން 21 އަހަރުގައި މަރުވެފައިވާ އިންޑިއާގެ ކުރީގެ އަސްކަރީ އޮފިސަރެއް ކަމަށްވާ އަރޫން ކެތުރިޕާލްގެ ރޯލްއިންނެވެ.
އޭނާ މަރުވީ ޕާކިސްތާނާއި އިންޑިއާއާ ދެމެދު 1971 ވަނަ އަހަރު ހިނގި ބަސަންތަރު ހަނގުރާމައިގެ ތެރޭގައެވެ. މި ފިލްމުގައި ދަރޭ ފެންނާނީ އަގަސްތިއާ ކުޅޭ ކެރެކްޓަރު އަރޫންގެ ބައްޕަގެ ރޯލްއިންނެވެ. މި ފިލްމުން ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރަށް ބޮޑުބޭބެ ކިޔާ ސިމަރު ބާޓިއާ ވެސް ފިލްމީ ދާއިރާއަށް ތައާރަފުވާނެއެވެ.