ދިވެހި މީހާ ބަދަލުވަނީ މުވައްޒަފަށް: "ބިދޭސީއަކު ހައްޔަރުކޮށްފިއްޔާ ދިވެހި ހައެއްކަ ލޯޔަރުން ހިލޭ ސާބަހަށް އާދޭ"

ބިދޭސީންތަކެއް: ވިޔަފާރިތަކުގައި ބިދޭސީން އަތްގަދަކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައި --- ފޮޓޯ/ އިމިގްރޭޝަންސް

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އޮތީ ވަރަށް 'ސީރިއަސް' ހާލަތެއްގައި ކަމަށާއި ދިވެހީން ވަޒީފާއަށް ގެންނަ ބިދޭސީން އުޅެނީ ވިޔަފާރިކޮށްގެން، ދިވެހި މީހާ މުވައްޒަފަކަށް ހަދައިގެން ކަމަށް އިމިގްރޭޝަންސްގެ ކޮންޓްރޯލަރު އަހުމަދު ފަސީހް މިއަދު ވިދާޅުވެއްޖެއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ 'ބޮއްސުންލާފައި' އޮތް ކަމެކެވެ.

އެ މައްސަލަ ހައްލުކުރަން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރައްވަމުން ކޮންޓްރޯލަރު ފަސީހް ވިދާޅުވީ، ވަރަށް ގިނަ ދިވެހީން ވަޒީފާއަށް ބޭރު މީހުން ގެނައުމަށް ފަހު، އެ ބިދޭސީ މީހާ ބޭނުން މަސައްކަތެއް ކުރަން އެ މީހާ ދޫކޮށްލާ ކަމަށެވެ. އެއަށް ފަހު ދިވެހި މީހާ ބަދަލުވަނީ މަހަކު 20،000 އެއްހާ ރުފިޔާގެ މުސާރައެއް ލިބޭ 'މުވައްޒަފަކަށް' ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހި އެމްޕްލޯޔަރު މި ބަދަލުވަނީ އޭނާގެ އެމްޕްލޯއީއަކަށް. މުސާރަވެރިއަކަށް މި ބަދަލުވަނީ. މަހަކު އެންމެ 20،000 ރުފިޔާ، 10،000 ރުފިޔާ ލިބޭ މީހަކަށް،" އޭނާ ކިޔައިދެއްވިއެވެ.

އިމިގްރޭޝަނުން ބިދޭސީންތަކެއް ބެލުމުގެ ދަށަށް ގެންދަނީ: ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާތީ ކޮންޓްރޯލަރު ކަންބޮޑުވުން ފާޅުކުރެއްވި -- ފޮޓޯ/ އިމިގްރޭޝަން

ފަސީހު ވިދާޅުވީ، އެ ފަދަ ބިދޭސީން ވިޔަފާރިކުރަނީ ދިވެހީންގެ ނަމުގައި ކަމަށެވެ. މާލޭގެ މަގުތަކުގައި ހުރި ކަންމަތީ ފިހާރަތަކާއި، ކެފޭތަކުން ވެސް ފެންނަނީ އެ ހަގީގަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ މީހުންގެ އެކައުންޓަށް ލާރި ވެސް ޖަމާވަނީ،" ފަސީހު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"މި ކަހަލަ ކަންތައް މި ވަނީ އަޅުގަނޑުމެން ދިވެހީންގެ އިހުމާލުން. ނޫނީ ގަސްތުގައި ކުރާ ކަމެއް މިއީ މާލީ މަންފާއަށްޓަކައި،"

އެ ފަދަ މައްސަލަތަކުގައި ފާހަގަވާ ދިވެހީންނާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން، މިހާރު ވެސް މުއައްސަސާތަކާ ގުޅިގެން އެ ފަދަ ދިވެހީންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަަށް އޭނާ ވިދާޅުވިއެވެ.

ކޮންޓްރޯލަރު ވިދާޅުވި ގޮތުގައި ބައެއް ބިދޭސީން ވިޔަފާރިކުރަނީ ހުއްދަ ވެސް ނުނަގައެވެ. ޓެކުހެއް ވެސް ނުދައްކައެވެ. އެހެންވެ، ބިދޭސީންނާ ގުޅިގެން ވިޔަފާރިކުރާ ދިވެހީން ވެސް ގާނޫނުގައި ވާގޮތުން އެ މަސައްކަތްކުރަން އޭނާ ގޮވާލެއްވިއެވެ.

އެއަށް ފަހު، އޭނާ ދެއްކެވީ ބިދޭސީންގެ ބާރާއި ނުފޫޒު އޮތް މިންވަރުގެ މިސާލެކެވެ.

https://sun.mv/215488

"މިއިން މީހަކު އަޅުގަނޑުމެންގެ ކަސްޓަޑީއަށް ނަގައިފިއްޔާ، ލޯޔަރުން އެބައާދޭ ހިލޭ ސާބަހަށް. ހަ މީހުން ހަތް މީހުން. އެކަމަކު، ފުލުހުންގެ ތެރެއަށް މީހަކު ހައްޔަރަށް ގެންގޮސްފިއްޔާ ވިއްސަކަށް ހާސް ރުފިޔާ ދީގެން އިނީޝިއަލީ ލޯޔަރަކު ފުލުހުންގެ ތެރެއަށް ދާނީ ވެސް،" އޭނާ ކިޔައިދެއްވިއެވެ.

ފަސީހު ވިދާޅުވީ، އާންމުކޮށް ދިވެއްސެއް މައްސަލައެއްގައި ހައްޔަރުކުރުމުން ވެސް ގާނޫނީ ވަކީލުން ވަކާލާތުކޮށްދެނީ 20،000 އެއްހާ ރުފިޔާއަށް ކަމަށެވެ.

އެއިން ދައްކުވައިދެނީ މައްސަލައިގެ މޫލާފައި އޮތް މިންވަރު ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/215404

"މި މީހުން ވިޔަފާރި ތެރެއަށް ވަދެފައި އޮތް މިންވަރު. މި މީހުންގެ މުއްސަނދިކަން. މި މީހުންގެ އެކައުންޓްގައި ލާރި ހުރި ވަރު،" އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި 202،000 ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި، ދެ އަހަރު ތެރޭ 9،697 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް