އަހުރެމެންގެ މި ޒަމާނުގައި އާއްމުވެ ފެތުރެމުންދާ ނޭދެވޭ ކަންތައްތަކުގެ ތެރޭގައި، މައިންބަފައިންނަށް ނުކިޔަމަންތެރިވެ ޢާއިލީ ގުޅުންތައް ކެނޑުމާއި ވާހަކަ ދެއްކުމުގައި ހަރުކަށިކަމާއި ބޮޑައިކަން ގެންގުޅުމާއި ނަމާދާ ދުރުހެލިވުން ހިމެނެއެވެ. ހަމަ މިއާއެކު، ބޮޑެތި ވަމުން އަންނަ ކުދީންނާއި ޒުވާނުން އަޚުލާގީ އަގުތަކާ މެދު ސަމާލުކަން ނުދިނުމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތެވެ. ޝައްކެއްނެތް ގޮތުގައި ތަރުބިޔަތާއި އަޚުލާގީ އިޞްލާޙު ފެށިގެން އަންނަނީ މައިންބަފައިން ނުވަތަ ބެލެނިވެރީންގެ ފަރާތުންނެވެ. ވުމާއެކު ދަރީންނަށް ރަނގަޅު ނަމޫނާ ދައްކައި ހެޔޮ ނަސޭހަތާއި އިރުޝާދު ދިނުމުގައި ގޭ ތެރޭގެ ދައުރު ވަރަށް ބޮޑު ވާނެއެވެ. މި މުޤައްދަސް މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރެއްވި އެއް ބޭފުޅަކީ ލުޤުމާނުގެފާނެވެ. އެކަލޭގެފާނު ދަރިކަލުންނަށް ދެއްވި ނަސޭހަތްޕުޅުތައް ކީރިތި ޤުރުއާނުގައި ވާރިދު ވެގެން ވެއެވެ (ލުޤުމާނު، 12-19). ދަރީން ހެޔޮ ގޮތުގައި ތަރުބިޔަތު ކޮށް ބޮޑު ކުރާން ބޭނުން ނަމަ މި ނަސޭހަތްތައް އަހުރެމެންގެ ދަރީންނަށް އަބަދާއި އަބަދު ހަނދާން ކޮށްދިނުމާ އެކު އެ މަގަށް ނަމޫނާ ދެއްކުން ކޮންމެހެން ބޭނުމެވެ.
ތަރުބިޔަތުގެ ބިންގަލެއްގެ ގޮތުގައި އެއްކައުވަންތަކަން
ލުޤުމާނުގެފާނު ފުރަތަމަ ވެސް އެ ކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަނީ ﷲ އަށް ޝިރުކު ނުކުރުމަށެވެ. އަދި ޝިރުކަކީ ބޮޑުވެގެންވާ އަނިޔާއެއްކަން ބަޔާން ކޮށްދެއްވިއެވެ (ލުޤުމާނު، 13). އެހެންކަމުން، ޝިރުކަކީ ކޮބައި ކަމާއި، ޝިރުކުގެ އަނދިރިކަމުގެ ތެރެއަށް މީހާ ގެންގޮސްފާނެ ޢަމަލުތަކަކީ ކޮބައިކަން އަހުރެމެންގެ ދަރީންނަށް ނިކަން ރަނގަޅަށް އޮޅުން ފިލުވައިދޭން ޖެހޭނެއެވެ. މި ޒަމާނުގައި ޝިރުކުގެ ގޮތުގައި ބުދަށް އަޅުކަން ކުރުން އަހުރެމެންގެ ތެރެއަކު ނެތެވެ. ނަމަވެސް ޝިރުކުގެ ތެރޭގައި ހިމެނި ދާނެ ފަދަ ޤަބޫލު ކުރުންތައް ހުންނަކަން ޤަރީނާތަކުން އެނގެއެވެ. މިސާލަކަށް، މުދަލާއި ފައިސާ އަކީ ވަޒީފާ އާއި ވިޔަފާރީން ލިބޭ އެއްޗެއް ކަމަށް އެންމެން ވެސް ޤަބޫލު ކުރާނެއެވެ. ނަމަވެސް އެއީ އާމްދަނީ ހޯދުމުގެ ސަބަބުތައް ކަމާއި އެއާ އެކުގައި ރިޒުޤަކީ ﷲ ގެ އިޒުނަފުޅާއި އެ ކަލާނގެ ރަޙުމަތްވަންތަ ކަމުން ދެއްވާ އެއްޗެއްކަން ޤަބޫލު ކުރާ މަންޒަރު ފެންނަނީ މަދުންނެވެ. ސަލާމަތާއި ރައްކާތެރިކަން ލިބި ދެނީ ކޮންމެވެސް ބާރު ގަދަ ފަރާތަކާ ގުޅުން އޮތުމުން ކަމަށް ދެކޭ އިރު، ހަގީގީ ރައްކާތެރިކަން ދެއްވަނީ ﷲ ކަން ހަނދާނެއް ނުހުރެއެވެ.
މައިންބަފައިންނަށް އިޙުތިރާމު ކުރުން
ލުޤުމާނުގެފާނު ދެން ފާހަގަ ކުރައްވަނީ މައިންބަފައިންނަށް ކަމޭ ހިތުމާއި ޝުކުރުވެރިވުމުގެ މުހިއްމު ކަމެވެ. ވަކީން ޚާއްޞަކޮށް ދަރީން ބޮޑު ކުރުމުގައި ގިނަ ދަތިތަކާއި ހުރަސްތައް ގިރާ ކުރާ މައިންނާ މެދުގައި ބަހައްޓާން ޖެހޭ އޯގާތެރި ކަމާއި ކަމޭ ހިތުމުގެ ވާހަކައެވެ. (ލުޤުމާނު، 14). މައިންބަފައިންނަށް ނުކިޔަމަންތެރި ވެ ރަޙިމުގެ ގުޅުން ގުޅުންތައް ކަނޑައި ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ކަންތަކައިގެން އަވަދި ނެތި އުޅޭ މި ޒަމާނުގައި، މި އަގު ހުރި ނަސޭހަތާ މެދު ފުންކޮށް ވިސްނައިލާން ޖެހޭނެއެވެ. ހަމަ މިއާ އެކު، މައިންބަފައިންނަށް ކަމަށް ވިޔަސް ކިޔަމަން ވާން ޖެހޭނީ ﷲ އަށް އުރެދުމަކަށް ނުވާ ކަންކަމުގައި ކަމަށާއި، އެ ފަދަ ކަމަކަށް އެ މީހުން އަމުރު ކުރިނަމަ ކިޔަމަންތެރި ނުވި ނަމަވެސް އެ ހާލަތުގައި ވެސް އެ ދެމީހުންނާ މެދު ހެޔޮ ގޮތުގައި މުޢާމަލާތު ކުރުމަށް އެންގެވިއެވެ (ލުޤުމާނު، 15).
ނަފުސު ހިސާބު ކުރުން
ލުޤުމާނުގެފާނުގެ ނަސޭހަތްތަކުގެ ތެރެއިން އެންމެ ބާރުގަދަ އެއް ނަސޭހަތަކީ، ކިތަންމެ ކުޑަ ޢަމަލެއް ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތަށް ގެންދެވޭނެކަން ހަނދާންކޮށް ދެއްވުމެވެ (ލުޤުމާނު، 16). މި ނަސޭހަތް ހަނދާން ބަހައްޓާ ނަމަ އަމިއްލަ ނަފުސު ހިސާބުކޮށް ޢަމަލުތައް އިޞްލާޙު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ސިއްރިއްޔާތުގައި ކުރާ ނުބައި ޢަމަލުތައް އިންތިހާއަށް ގިނަވެފައިވާ މި ޒަމާނުގައި މި ނަސޭހަތް ވަރަށް މުހިއްމެވެ. އިޖުތިމާޢީ ޢިލްމުގެ ދިރާސާތަކުން އެނގޭ ގޮތުގައި ބޭރު ފުށުން ދެވޭ އަދަބުތަކުން މީހާގެ ސުލޫކަށް އަންނަ އިޞްލާޙަށް ވުރެ ބޮޑަށް، ދީނީ އަދި އަޚުލާގީ ޤަބޫލު ކުރުންތަކުން ކުރާ އަސަރު މާ ވަރުގަދައެވެ (ގޮޓްފްރެޑްސަން އަދި ހާޝީ، 1990).
ނަމާދާއި މަސްއޫލިއްޔަތާއި އަދި ކެތްތެރިކަން
ލުޤުމާނުގެފާނުގެ ދަރިކަލުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަނީ ނަމާދު ޤާއިމު ކުރުމަށާއި، ހެޔޮކަންތަކަށް އަމުރު ކޮށް ނުބައިކަންތައް މަނާ ކުރުމަށާއި، އަދި ދަތިކަމުގައި ކެތްތެރިވުމަށެވެ (ލުޤުމާނު، 17). ނަމާދުގެ ސަބަބުން މީހާ ކިޔަމަންތެރި ކޮށްދީ މަޑުމައިތިރިކަން އަށަގަންނުވައި އަދި ނަފުސާނީ ހަމަޖެހުން ލިބިދެއެވެ. ނަފުސާނީ ދާއިރާގެ ދިރާސާތަކުން ދައްކާ ގޮތުގައި، ދާއިމީ ރޫޙާނީ އަޅުކަންތަކުން ސްޓްރެސް ކުޑަ ކޮށްދީ، ކެތްތެރިކަން ވަރުގަދަ ކޮށްދެއެވެ (ކޯއެނިގް، 2012).
ހެޔޮކަންތަކަށް ބާރުއަޅައި ނުބައިކަންތައް މަނާކުރުމަކީ އިޖުތިމާޢީ މަސްއޫލިއްޔަތެކެވެ. ނަމަވެސް ލުޤުމާނުގެފާނު މި ވާޖިބާ އެކު ކެތްތެރިކަން ގުޅުވައިލައްވައެވެ. ހެޔޮ މަގަށް ގޮވައިލުމަށް ޓަކައި ކުރެވޭ މަސައްކަތުގައި މީހުންގެ ރުޅިވެރިކަމާއި ނަފުރަތާއި ދެކޮޅުވެރި ޢަމަލުތައް އައުމަކީ އެކަށީގެން ވާ ކަމެކެވެ. މި ފަދަ ހާލަތްތަކާ ކުރިމަތި ލުމަށް ޓަކައި ބޭނުން ވާނެ އެންމެ ވަރުގަދަ ހަތިޔާރަކީ ކެތްތެރި ކަމެވެ.
އަމިއްލަ ނަފުސާ ގުޅޭ ސިފަތަކެއް
ލުޤުމާނުގެފާނު ނަސޭހަތް ނިންމަވައި ލައްވަނީ އަމިއްލަ ނަފުސާ ބެހޭ މުހިއްމު ކަންތައްތަކެއް ބަޔާން ކޮށްދެއްވަމުންނެވެ. ކިބުރުވެރި ނުވުމާއި ބޮޑައި ވެގެން ވާ ޙާލުގައި ބިންމަތީގައި ނުހިނގުމެވެ. ހިނގުމުގައި މެދު މިން އިޚުތިޔާރު ކުރުމާއި، އަދި އަޑު މަޑު ކުރުމެވެ (ލުޤުމާނު، 18-19). ޚިޔާލު ފާޅުކުރުމުގެ ގަދަ އަޑުތަކާއި، މީސްމީޑިއާގައި ކުރެވޭ ޒުވާބުތަކާއި، އަދި އާއްމު ތަންތަނުގައި މީހުން ފަޟީޙަތް ކުރުމަށް ޓަކައި މަސައްކަތް ކުރެވޭ ޒަމާނެއްގައި މިއީ ކިހައި މުހިއްމު ނަސޭހަތެއް ހެއްޔެވެ؟ މިޒަމާނުގެ ލީޑަރޝިޕް އަދި މުއާޞަލާތާ ގުޅޭ ދިރާސާތަކުން ދައްކާ ގޮތުގައި، މަޑުމައިތިރިކަމާއި އިޙުތިރާމާއެކު ވާހަކަ ދެއްކުމުން އިތުބާރު ޤާއިމު ވެ، އިޖުތިމާޢީ ހަމަޖެހުން އުފެދެއެވެ (ގޮލްމަން، 2006). ލުޤުމާނުގެފާނުގެ ބަސްފުޅުތަކުން އަހުރެމެންނަށް ހަނދާން ކޮށްދެނީ ޝަރަފާއި ކަރާމާތް ވަނީ އަޑު ގަދަ ވުމުގައި ނޫން ކަމާއި ނަމަވެސް އެއީ މަޑުމައިތިރި ކަމާއި ތަވާޟުޢުވެރިކަމުން ޙާޞިލު ކުރެވޭނެ ދަރަޖަތައް ކަމެވެ.
ވަރަށް މުހިއްމު ނުކުތާއެއް
ލުޤުމާނުފާނުގެ ނަސޭހަތްޕުޅުން އެންމެ ފާހަގަ ނުކުރެވޭ - ނަމަވެސް އެންމެ މުހިއްމު - އެއް ކަމަކީ އެކަލޭގެފާނު ނަސޭހަތް ދެއްވި ގޮތެވެ. ނުވަތަ އުސްލޫބެވެ. އޯގާތެރިކަމާއި މަޑުމައިތިރި ކަމާ އެކު އެކަލޭގެފާނު ވިދާޅު ވެއެވެ. "އޭ ދަރިފުޅާއެވެ!" މިއިން ދައްކުވައި ދެނީ އަޚުލާޤީ ތަރުބިޔަތު އެންމެ އެދެވޭ ގޮތުގައި ލިބި ދެނީ، އޯގާތެރިކަމާ އެކު ދެވޭ ނަސޭހަތުން ކަމެވެ. ތަޢުލީމާ ބެހޭ ދިރާސާތަކުން މި އުސޫލަށް ވަރަށް ބޮޑަށް ތާއީދު ލިބެއެވެ. އެ ގޮތުން ތަރުބިޔަތުގައި ހަރުކަށި ކަމާ އެކު ދެވޭ އިރުޝާދުތަކަށް ވުރެ، މަޑުމައިތިރިކަމާއި ރަޙުމާ އެކު ނަސޭހަތް ދީ ހެޔޮ މިސާލު ދެއްކުމުގެ ފައިދާ މާ ބޮޑު ކަން ހޯދިފައި ވެއެވެ (ނޮޑިންގްސް، 2013).
ލުޤުމާނުގެފާނުގެ ނަސޭހަތްތަކަކީ ހަމައެކަނި ރޫޙާނީ އިރުޝާދެއް ނޫނެވެ. އެއީ ވަރުގަދަ ޢާއިލާތަކެއް ބިނާ ކުރުމަށާއި، އަޚުލާގު ރަނގަޅު ފަރުދުން އުފެއްދުމަށާއި، ހެޔޮ މުޖުތަމަޢެއް ޤާއިމުކުރުމަށް ޓަކައި އޮތް ޢަމަލީ މަގު ޗާޓެކެވެ. އިލާހީ ހިދާޔަތާ އެއްގޮތަށް، ލުޤުމާނުގެފާނު އެ ކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވާފައި ވާ މި އަގު ހުރި ނަސޭހަތްތަކާ މެދު ވިސްނައި އެއާ އެއްގޮތަށް ޢަމަލު ކޮށްފި ނަމަ - ﷲ ގެ އިރާދަފުޅާ އެކު - މި ޒަމާނުގެ ވަރަށް ގިނަ މައްސަލަތަކަށް ޙައްލު ލިބޭނެއެވެ.