އަމާން އުދަރެހުގައި ހަދާ ޖީޕީ ކްލިނިކް ފެބްރުއަރީގެ ނިޔަލަށް ނިންމަނީ

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާންއާއި އައިޖީއެމްއެޗްގެ ސީއީއޯ ސަލާންކުރައްވަނީ: އަމާން އުދަރެސް ޓަވަރެއްގައި އަޅާ ޖީޕީ ކްލިނިކު އަންނަ ފެބްރުއަރީގެ ނިޔަލަށް ނިންމަނީ ---- ފޮޓޯ/ އެފްޑީސީ

ވަރަށް ފަހުން މީހުން ދިރިއުޅެން ފެށި، އަމާން އުދަރެސްގެ ޓަވަރެއްގައި އަޅާ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) އަންނަ ފެބްރުއަރީގެ ނިޔަލަށް ނިމޭނެ ކަމަށް އެ ތަން އިމާރާތްކުރާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މިއަދު ބުނެފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަހައްދެއް ކަަމަށްވާއިރު، އެކި ޚިދުމަތްތައް ހޯދޭނެ އިންތިޒާމު އެ ސަރަހައްދުގައި ނުހުންނަކަމުގެ ޝަކުވާ ކުރެއެވެ.

އެހެންވެ، ސިއްހީ ޚިދުމަތްތައް ހޯދުމުގައި ފަސޭހަކޮށްދިނުމަށް އަމާން އުދަރެސް ޓަވަރު ހައެއްގައި ޖީޕީ ކްލިނިކެއް އަޅަން ހުޅުމާލެ ހޮސްޕިޓަލުން އެފްޑީސީއާ ހަވާލުކުރީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހެވެ.

https://sun.mv/215083

އިއްޔެ ޖީޕީ ކްލިނިކް އިމާރާތްކުރާ ސަރަހައްދުގައި ހުންނަވައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، އެ ކޯޕަރޭޝަނުގެ މަސައްކަތަކީ ކްލިނިކް ޑިޒައިންކުރުމާއި ތަރައްގީކުރުން ކަމަށެވެ.

ޖީޕީ ކްލިނިކް ފެށުމުގެ ބޭނުމަކީ އެ ކޯޕަރޭޝަނުގެ މެންޑޭޓަށް ގެނައި ބަދަލާ އެއްކޮށް ރައްޔިތުންގެ ހާލަތު ރަނގަޅުކޮށް، އެފްޑީސީގެ ފުލެޓުތަކުގައި އުޅޭ މީހުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ހަމްދާން ވިދާޅުވިއެވެ.

ޖީޕީ ކްލިނިކް އިމާރާތް ޓަވަރުގައި ހަމްދާންއާއި ހަލީމްގެ އިތުރަށް ބައެއް މުވައްޒަފުން މަޑުކޮށްލައިގެން --- ފޮޓޯ/ އެފްޑީސީ

އޭނާ ވިދާޅުވި ގޮތުގައި، ޖީޕީ ކްލިނިކުގެ މަސައްކަތްތައް ފެށީ އިއްޔެއެވެ. ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންގޮސް އަންނަ ފެބްރުއަރީގެ ނިޔަލަށް އެ ތަނުގެ މަސައްކަތް ނިމޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އިއްޔެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމާއި އެފްޑީސީއާއި ހުޅުމާލެ ހޮސްޕިޓަލުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ވެސް ޖީޕީ ކްލިނިކެއް ހިންގައެވެ. ހިޔާ ޓަވަރު 16ގައި ހިންގާ އެ ކުލިނިކުން 24 ގަޑިއިރަށް ޚިދުމަތް ދޭން ފެށީ މިދިޔަ ސެޕްޓެމްބަރު 21 ގައެވެ.

އޭގެ ފަހުން، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރަސްފަންނު ބީޗު ސަރަހައްދުގައިި އިމާރާތްކުރަން ފެށި ކޮރަލް ބޮލެވާޑުގެ އިމާރާތް, ޖެނެރަލް ޕްރެކްޓިސް ކްލިނިކަކަށް ބަދަލުކޮށް، މިދިޔަ މަހު 19ގައި ވަނީ ހުޅުވާފައެވެ.

comment ކޮމެންޓް