ގައުމީ ދަރިމައިވުމުގެ މަރުކަޒު، ނުވަތަ ނޭޝަނަލް ފާޓިލިޓީ ސެންޓަރުން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭ ޚިދުމަތް ހޯދި އަންހެނުންގެ ތެރެއިން 23 މީހަކު ބަލިވެއިންކަން އެ މަރުކަޒުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފާޓިލިޓީ ސެންޓަރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަރުކަޒުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އެ މަރުކަޒު ހުޅުވިތާ އަހަރެއްތެރޭ 578 ދެމަފިރިއަކު ވަނީ ޑޮކްޓަރަށް ދައްކައިފައެވެ.
އަދި، ދަރިމައިވުމަށް ދޭ ފަރުވާއެއް ކަމަށްވާ އައިވީއެފް ހެދުމަށް އޭގެ ތެރެއިން 96 މީހުން ހޮވައި 86 މީހެއްގެ ބިސް ނަގައި، 68 އަންހެނެއްގެ މެދުގައި އެމްބްރިއޯ ބަދަލުކުރެވުނު ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ.
ހަމަ އެއާއެކު، އެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އެ މަރުކަޒުން ދިން ފަރުވާއާއެކު، ކާމިޔާބުކަމާއެކު 23 މީހަކު ބަލިވެއިން ކަމަށް ދައްކައެވެ.
އައިވީއެފް މެދުވެރިކޮށް، ދަރުމަވަންތަ ހޮސްޕިޓަލުގެ މަރުކަޒުގައި ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހެވެ. އޭގެ ފަހުންވެސް އައިވީއެފް މެދުވެރިކޮށް އިތުރު ކުއްޖަކު ވަނީ އުފަންވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި އާސަންދައިން އައިވީއެފްގެ ފަރުވާއަށް 50 ޖާގަ ހުޅުވާލީ މިދިޔަ ނޮވެންބަރު މަހުގެ މެދު ތެރޭގައެެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ކުރި އިއުލާނެއްގައިވާ ގޮތުން މިދިޔަ އަހަރު އައިވީއެފްގެ ފަރުވާއަށް 50 ދެމަފިރިއަކަށް އެހީ ހަމަޖައްސައިދޭން ނިންމާފައިވެއެވެ.
މިދިޔަ މަހުގެ 21 ގައި އެންސްޕާއިން ބުނީ، އައިވީއެފްގެ ފަރުވާ އަމިއްލައަށް ކުރުމަށް ދަތިވެ، ދައުލަތުގެ އެހީއަށް އެދުނު 135 ދެމަފިރިންގެ ތެރެއިން 39 ދެމަފިރިންގެ ޝަރުތު ހަމަވެފައިވާ ކަމަށެވެ.
އެ ލިސްޓް އާއްމުކޮށް އެންސްޕާއިން ވަނީ ޝަކުވާ ހުށަހެޅުމަށް އޭރު ހުޅުވާލައިފައެވެ. އެއަށް ފަހު އެންސްޕާއިން އިއްޔެ ވަނީ ދާއިމީ ލިސްޓް އިއުލާން ކޮށްފައެވެ.
އެ އިދާޜާއިން އިއްޔެ ބުނީ ޝަރުތުހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން 35 ފަރާތަށް އެހީ ހަމަޖެހިފައިވާ ކަމަށެވެ. އަދި އެހީ ހަމަޖެހިފައިވާ ފަރާތްތަކަށް މި މަހުގެ 11ގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެގޮތުގެ ޓްރީޓްމެންޓް ޕްލޭން ޙިއްސާކުރުމާގުޅޭގޮތުން އެ އެޖެންސީން މައުލޫމާތު ދޭނެ ކަމަށް އެންސްޕާއިން ބުންޏެވެ.
ކުރިން 39 މީހުންނަށް އެހީ ލިބޭ ގޮތަށް އޮވެފައި އެ އަދަދު 35 އަށް ދަށްވީ އެ ލިސްޓްގައި ހިމެނޭ ދެ މީހަކު މާބަނޑުވުމާ ގުޅިގެންނެވެ.
މާލީ ފުދުންތެރިކަން ނެތް މީހުންނަށް ދައުލަތުގެ ޚަރަދުގައި އައިވީއެފް ހެދުމުގެ އިންތިޒާމު ފަހިކޮށްދިނީ 2024ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެ ގޮތުން، ސަރުކާރުގެ ޚަރަދުގައި އައިވީއެފް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ފުރަތަމަ ބެޗުގެ 100 މީހުންނަށް 30 މިލިއަން ރުފިޔާ ކަނޑައަޅައިދިނެވެ.
މިވަގުތު ރާއްޖެއިން އައިވީއެފްގެ ޚިދުމަތް ފޯރުކޮށްދެނީ ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.
ދަރިމައިވުމުގެ މައްސަލަތައް ހުންނަ ގިނަ ދިވެހީން، ބޮޑެތި ޚަރަދުތައް ކޮށްގެން އައިވީއެފްގެ ފަރުވާ އާންމުކޮށް ހޯދަނީ ރާއްޖެއިން ބޭރަށް ގޮސްގެންނެވެ. އެހެންކަމުން ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.