ކަރެކްޝަނަލް ސާވިސްގެ އައު ފްރަންޓް އޮފީސް ހުޅުވައިފި

ކަރެކްޝަނަލް ސާވިސްގެ އައު ފްރަންޓް އޮފީސް ހުޅުވުން: އެ އޮފީސް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ/ ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އައު ފްރަންޓް އޮފީސް މިއަދު ހުޅުވައިފިއެވެ.

އެމްސީއެސްގެ ފްރަންޓް އޮފީސް ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާނެވެ. އެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕްރިޒަންސް ޙަސަން ޒަރީރާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަޙްމަދު ސޮބާޙާއި އިސް އޮފިޝަލުން ބައިވެރިވިއެވެ.

ކަރެކްޝަންސްއިން ބުނި ގޮތުގައި، ހުޅުމާލޭ ޖަލުގެ ހުޅަނގު ދެކުނު ކަންމަތީގައި، ރީތިގަސް މަގާއި ކަށިމާ ހިނގުމަށްވާހެން ހުންނަ އެމްސީއެސްއިން އައު ފްރަންޓް އޮފީހެއް ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމެވެ.

އެމްސީއެސްގެ ހެޑްކުއާޓާސް ފަދައިން، ފްރަންޓް އޮފީހަކީވެސް ރިހެބިލިޓޭޝަންގެ ތެރެއިން ވަޒީފާ އަދާކުރާ ގައިދީންނާއި އެމްސީއެސްގެ އޮފިސަރުންގެ ބުރަ މަސައްކަތުން ބިނާކޮށްފައިވާ އޮފީހެއްކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ.

ކަރެކްޝަނަލް ސާވިސްގެ އައު ފްރަންޓް އޮފީސް ހުޅުވުން: އެ އޮފީސް ހުންނަނީ ހުޅުމާލޭ ޖަލުގެ ހުޅަނގު ދެކުނު ކަންމަތީގައި -- ފޮޓޯ/ ކަރެކްޝަންސް

އެމްސީއެސްގެ ފްރަންޓް އޮފީހުން ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ކުށުގެ ރެކޯޑް ސާފުކުރުމާއި ފޯނު ކޯލްތަކަށް ޖަވާބު ދިނުމާއި މައި އީމެއިލް އަދި ކައުންޓަރަށް ފޮނުވާ ސިޓީ ފަދަ ލިއުންތައް ބަލައިގަތުމާއި ކަމާބެހޭ ސެކްޝަން ނުވަތަ ޑިވިޝަން އަދި ކޮމާންޑްތަކާ ޙަވާލުކުރުން ހިމެނެއެވެ.

މީގެ އިތިރުން ރެކޯޑް ބެލެހެއްޓުމާއި އެކިއެކި ކަންކަމުގައި އެ މުއައްސަސާއަށް ދާ މީހުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން ފަދަ ޚިދުމަތްތައް ވެސް އޮފީހުން ދޭނެއެވެ.

ހަމައެއާއެކު، ގައިދީންނާއި ބަންދު މީހުންގެ އަންނައުނު ބަލައިގަތުމުގެ ޢުޞޫލާ އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އާއި އަންގާރަ ދުވަހު، ޢާއިލާތަކުން ގެންދާ އަންނައުނު އެ އޮފީހުން ބަލައިގަންނާނެ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

comment ކޮމެންޓް