އަވައްޓެރި ސްރީލަންކާގެ 78ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު މާލޭގެ ބާސެލޯ ނަސަންދުރާ ހޮޓަލުގައި ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ. މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރުގެ އިތުރުން، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި، ރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހަފްލާގައި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، ސްރީލަންކާއަކީ ގިނަ ދިވެހީންގެ "ދެވަނަ ގެ" ފަދަ ތަނެއް ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް، އާއިލީ ގުޅުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދިތުވާގެ ކާރިސާއިން އަރައިގަތުމަށް ރާއްޖެއިން ވެދިން އެހީތެރިކަމަކީ ހަމައެކަނި ޚާރިޖީ ގުޅުމެއްގެ ސަބަބުން ވެދިން އެހީއެއް ނޫން ކަމަށާއި، އެއީ ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން ވެދިން އެހީއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ހަސަން ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަގެ އާ ސަރުކާރުން އެ ގައުމުގެ އިގްތިޞާދު ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލެއްވިއެވެ. ސަފީރު ވިދާޅުވީ، މިހާރު އެ ގައުމުގައި އިގްތިޞާދީ ހަމަޖެހުން ގާއިމްވަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފްދެއް ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ އިންތިޒާމުތައް ހަމަޖެހެމުންދާކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
މި ހަފްލާގައި ދުވަސް ފާހަގަކުރުމަށް ޚާއްސަ ކޭކެއް ފަޅައިފައިވެއެވެ. އަދި ސްރީލަންކާގެ ޚާއްސަ ލަވަތަކެއް ހުށަހަޅައިދީފައިވެއެވެ. އަދި ހަފްލާގެ ބައިވެރިންގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް އަގުހުރި އެކި އިނާމުތައް ވެސް ބަހައިފައިވެއެވެ.
ސްރީލަންކާގެ 78 ވަނަ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، މިއަހަރުގެ މިނިވަން ދުވަހުގެ ޝިއާރަކީ "ބިލްޑް ސްރީލަންކާ" ނުވަތަ "ސްރީލަންކާ ބިނާކުރަމާ" އެވެ.