ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް ކުރިމަތިލުމަށް މީގެ ކުރިން ހުޅުވާލުމުން އެކަށީގެންވާ ތަރުހީބެއް ލިބިފައިވާތީ، އެ މަގާމަށް ކުރިމަތިލާން ފުލުހުން އަނެއްކާވެސް ހުޅުވާލައިފިއެވެ.
ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ފުރަތަމަ އިއުލާންކުރީ މިދިޔަ މަހުގެ 27ގައެވެ. އެ އިއުލާނުގެ މުއްދަތު ހަމަވާން އޮތީ އިއްޔެއަށެވެ. ނަމަވެސް މިއަދު ފުލުހުން ވަނީ، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އަލުން މުއްދަތު އިތުރުކޮށްފައެވެ.
އެ އިއުލާނުގައި ވަނީ، ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް 34 މީހަކު ހޯދަމުން އަންނަ ކަމަށެވެ.
އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި، ގްރޭޑް 10 ނިންމާފައިވުމާއި، މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން ހިމެނެއެވެ. އަދި ފިރިހެނަކު ނަމަ އިސްކޮޅުން ފަސް ފޫޓް ތިން އިންޗި، އަދި އަންހެނަކު ނަމަ އިސްކޮޅުން ފަސް ފޫޓް ހަމަވުން ހިމެނެއެވެ.
ހަމައެއާއެކު، ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ، އެ ކުށް ސާބިތުވެ ޙުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ޙުކުމް ކަނޑައަޅާފައިވާ އަދަބު މާފުކުރިތާ ތިން އަހަރު ވެފައިވާ މީހަކު ކަމަށް ވުން ވެސް ޝަރުތުތަކުގައި ހިމެނެއެވެ.
މީގެ އިތުރުން، ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ޝަރުޢީ ކޯޓަކުން އެ މީހެއްގެ މައްޗަށް ރައްކާތެރިކަމުގެ އަމުރެއް އެއްވެސް އިރެއްގައި ނެރެފައިވާ މީހަކު ކަމުގައި ނުވުމާއި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ، ސިއްޙަތާއި އަޚުލާގާއި ގާބިލުކަން ހުރި މީހަކު ކަމަށް ވުން ވެސް ޝަރުތުތަކުގައި ހިމެނެއެވެ.
އެ މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ، ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކަމަށެވެ.
އެ ވަޒީފާއަށް މީހުން ނެގުމުގައި ބަލާނެ އަދި އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި، އެ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުން ހިމެނެއެވެ. އަދި
މެޑިކަލް އެގްޒަމިނޭޝަނާއި ޕޮލިގްރަފީ ޓެސްޓު ހަދާނެކަން ފާހަގަކޮށްފައިވެއެވެ.
އެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެޕްލިކޭޝަން ފޯމެއް މެދުވެރިކޮށެވެ. އެ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ކަމަށް އިއުލާނުގައިވެއެވެ.