ދިރާގުން މީޑިއާނެޓާ ގުޅިގެން އެމްޓިވީ މޮބައިލް ސްޓްރީމިންގެ ޚިދުމަތް ތައާރަފުކޮށްފި

ދިރާގުން މީޑިއާނެޓްއާ ގުޅިގެން، މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ހިމެނޭ ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ އެ ޕާޓްނަޝިޕްގެ ދަށުން، ދިރާގުގެ މުވާސަލާތީ ޚިދުމަތްތަކާއެކު މީޑިއާނެޓްގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓްތައް މިހާރު ލިބޭނެ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނަށް މަގުބޫލު ޓީވީ ޗެނަލްތަކާއި، ބޭނުން ވަގުތަކު ބަލައިލެވޭ 'އޮން-ޑިމާންޑް' ކޮންޓެންޓްގެ އިތުރުން، ކުޅިވަރުގެ މެޗުތައް ފަސޭހަކަމާއެކު އަގު ހެޔޮކޮށް ބެލުމުގެ ފުރުސަތު ފަހިވާނެ ކަމަށް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނީ އަލަށް ތައާރަފުކުރި މީޑިއާނެޓް ބަންޑަލްތައް ފަރުމާކޮށްފައިވަނީ ކަސްޓަމަރުން ބޭނުންވާ އެކިއެކި ބޭނުންތަކަށް ބިނާކޮށް ކަމަށެވެ. އެގޮތުން އެއް މަސް ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ޚިޔާރުކުރެވޭ މި ޕެކޭޖުތަކުގެ އަގުތައް ފެށެނީ މަހަކު އެންމެ 50 ރުފިޔާއިންނެވެ.

މީގެ އިތުރުން، ދިރާގު ކަސްޓަމަރުންނަށް ޚާއްސަކޮށްފައިވާ 'ވީޑިއޯ ކްލަބް މޯބައިލް' ޕެކޭޖު މެދުވެރިކޮށް، ރާއްޖޭގެ މުނިފޫހިފިލުވުމުގެ ތަފާތު ގިނަ އުފެއްދުންތައް މަހަކު އެންމެ 50 ރުފިޔާއަށް ބަލައިލުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ފަހިވާނެ ކަމަށް ދިރާގުން ބުންޏެވެ.

އެ ޚިދުމަތަށް ސަބްސްކްރައިބް ކުރުމަށްޓަކައި ދިރާގު އެޕް މެދުވެރިކޮށް އެމް.ޓީވީ މޯބައިލް ވިތް ދިރާގު ބެނާއަށް ފިއްތާލުމަށްފަހު، ބޭނުންވާ ޕެކޭޖެއް ޚިޔާރުކޮށް 'ސަބްސްކްރައިބް'އަށް ފިއްތާލުމުން ވަގުތުން ޚިދުމަތް އެކްޓިވޭޓްވާނެ ކަމަށް ދިރާގުން ބުންޏެވެ. އެ ޚިދުމަތުގެ ފައިސާ ކަސްޓަމަރުންގެ މޮބައިލް ބެލެންސުން ނުވަތަ މަހު ބިލަށް އިތުރުކޮށްލުމުގެ ފަސޭހަކަންވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކީ ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފަސޭހަކަމާއި ފުރިހަމަކަން ގެނެސްދިނުން ކަމަށެވެ. އެއީ ރާއްޖޭގެ މުވާސަލާތީ އަދި ޑިޖިޓަލް ދާއިރާގެ އެންމެ އިސް ކުންފުނީގެ ގޮތުގައި، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް