ތުރުކީއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރާއި ޑްރޯން ބޭނުންކޮށްގެން ގައުމީ ދިފާއީ ބާރުން ރާއްޖޭގެ ދެކުނުގައި ސަވައިލަންސް އޮޕަރޭޝަނެއް ފަށައިފިއެވެ.
ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން، ޚާއްސަ ސަވައިލަންސް އޮޕަރޭޝަނެއް މިހާރު ފަށައިފައިވާ ކަމަށެވެ.
އެގޮތުން އިއްޔެ ފެށައިގެން ކުރިއަށްގެންދާ މި ސަވައިލަންސް އޮޕަރޭޝަނުގައި، ރާއްޖޭގެ ދެކުނުގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލްމޭލުގެ ސަރަހައްދެއް ބެލުމަށް ހަމަޖެހިފައި ވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި މިހާރު ގެންގުޅެމުންދާ ކޯސްޓްގާޑްގެ މަނަވަރަކީ މިދިޔަ އޮގަސްޓް މަހުގައި ތުރުކީ ސަރުކާރުން ހަދިޔާކޮށްފައިވާ އަސްކަރީ މިސައިލު ބޯޓެކެވެ.
މީގެ އިތުރުން ޑްރޯންތަކަކީ ވެސް ތުރުކީއިން ގަތް ޑްރޯންތަކެކެވެ.
އެމްއެންޑީއެފުން މިފަދަ އޮޕަރޭޝަނެއް ފަށައިފައިވާއިރު، މިއަދު ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނަމަވެސް، 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ އަދިވެސް ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނުކުރެއްވުމާ ގުޅިގެން، އެ ސަރަހައްދު ހިމާޔަތްކޮށް ސިފައިން ބަލަހައްޓަމުންދާނެ ކަމަށް، ބުނެފައެވެ.