އުޒްބަކިސްތާނުގެ ހޫމޯ އަތުން ނޭޕާލް ޕޮލިހަށް އުނދަގޫ މޮޅެއް

ކާވާ ވިމެންސް ލީގުގައި ނޭޕާލް ޕޮލިހާއި ހޫމޯ ވީސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން

ރާޢްޖޭގައި މިހާރު ކުރިއަށްދާ ކާވާ ވިމެންސް ޗެމްޕިއަންސް ލީގުގައި އުޒްބަކިސްތާނުގެ ހޫމޯ ވީސީ އަތުން ހޯދި އުނދަގޫ މޮޅާއެކު ނޭޕާލް ޕޮލިސް ކުލަބުން ފެށުން ރަނގަޅުކޮށްފިއެވެ.

މިއީ މި މުބާރާތުގައި ނޭޕާލް ޕޮލިސް ކުލަބުގެ ފުރަތަމަ މެޗެވެ. އަނެއްކޮޅުން މިއީ ހޫމޯގެ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބު އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ.

ދެވަނަ މެޗުގައި މިއަދު ހަވީރު ހޫމޯ އަތުން ނޭޕާލް ޕޮލިސް މޮޅުވީ 3-1 ސެޓުންނެވެ. ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް މި މެޗުގައި ފެނިގެންދިޔައެވެ.

ކާވާ ވިމެންސް ލީގުގައި ނޭޕާލް ޕޮލިހާއި ހޫމޯ ވީސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން

މެޗުގައި އެންމެ ވާދަވެރިކޮށް ފެނުނީ ފުރަތަމަ ސެޓެވެ. މި ސެޓު 30-28 ގެ ނަތީޖާއަކުން ނޭޕާލް މޮޅުވި ނަމަވެސް ދެވަނަ ސެޓު ހޫމޯ ވަނީ 25-21 އިން ކާމިޔާބުކޮށްފައެވެ. ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު ނޭޕާލުން ކާމިޔާބުކުރީ 25-21 އަދި 25-23 އިންނެވެ.

ހޫމޯ ވީސީއަށް އެންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހުނީ އެ ޓީމުގެ މުހިންމު އެއް ކުޅުންތެރިޔާއަށް އަނިޔާވުމެވެ. އެ އަނިޔާއަށްފަހު ހޫމޯއަަށް އެނބުރި ކުރީގެ ކުޅުން ދެއްކޭގޮތެއް ނުވިއެވެ.

މި ނަތީޖާއާއެކު 2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ކާވާ ކުލަބު މުބާރާތުގެ ރަނަރަޕްކަން ހޯދި ހޫމޯ ވީސީ އޮތީ އުނދަގޫ ހާލަތެއްގައެވެ. ހަތަރު ޓީމު ވާދަކުރާ ގްރޫޕުގައި ބަލިވި ދެ މެޗާއެކު ސެމީގެ ފުރުސަތު އެ ޓީމަށް ވަނީ ހަނިވެފައެވެ.

ކާވާ ވިމެންސް ލީގުގައި ނޭޕާލް ޕޮލިހާއި ހޫމޯ ވީސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން

މި ގްރޫޕުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ ކޮމިއުނިޓީ ކުލަބާއި އިރާނުގެ ސެޕަހާން އެވެ. މިއީ އިރާން ޓީމުގެ ފުރަތަމަ މެޗެވެ.

މި މުބާރާތުގައި ނޭޕާލް ޕޮލިސް ކުލަބު ހިމެނެނީ ހުރައާއި ހޫމޯގެ އިތުރުން އިރާނުގެ ސެޕަހަން އާއެކު ގްރޫޕް ބީގައެވެ.

ގްރޫޕް އޭގައި ހިމެނެނީ ރާއްޖޭގެ ކުލަބު ވެމްކޯއާއި ސްރީ ލަންކާގެ ހިރްދަމާނީ ސްޕޯޓްސް ކުލަބާއި ކަޒަކިސްތާނުގެ ތުރާން ވީސީއެވެ.

މާލޭގެ ސޯޝަލް ސެންޓަރުގައި މުބާރާތް ކުރިއަށްދާނީ މިމަހުގެ ހަތަރަކުން ދިހައެއްގެ ނިޔަލަށެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގެ ފޯމެޓު ރޭވިފައިވާ ގޮތުން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބެއެވެ.

ސެމީ ފައިނަލުން ބަލިވާ ދެ ޓީމަށް ބްރޮންޒް މެޑަލް މެޗު ލިބޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ފެބްރުއަރީ 10 ވަނަ ދުވަހުގެރޭ 20:30 ގައެވެ.

މުބާރާތުގެ ފޯރިގަދަ މެޗުތައް ބެލުމަށް ޓިކެޓު ވިއްކާ އަގަކީ 25 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ ގަޑިއެއްހާއިރު ކުރިން އެ މެޗެއްގެ ޓިކެޓު ވިއްކަން ފަށާނެއެވެ. ޓިކެޓު ދޫކުރާނީ އެކަމަށް ހާއްސަކޮށް ސޯޝަލްގައި ޤާއިމުކޮށްފައިވާ ކައުންޓަރުންނެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އެހެންކަމުން މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީގެ އިތުރުން ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ.

މުބާރާތުގެ ހުރިހާ މެޗަކާއެކު ކަވަރޭޖު ގެނެސްދެނީ ގިނަ ސްޕޮންސަރުންތަކެއްގެ އެހީތެރިކަމާއެކު އެވެ. އެގޮތުން ރެޑްސްޓާ، ސްޕެޑިކޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް، އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ފާހަގަކޮށްލެވެއެވެ.

ދެން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އޯލް އިން އޯލް އިންވެސްޓްމަންޓް، ތިބްޔަން ޕްރީސްކޫލް، ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑް، މަމަކް، ޝަވަރުމާޝީ އަދި ފިނިޓް އިންވެސްޓްމަންޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު