އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ޗެމްޕިއަންޝިޕުގެ ދެވަނަ ދުވަހު އަންހެން ޖޫނިއާ ޓީމު އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ޒުވާން އަންހެން ޓީމުވެސް ލޯ މެޑަލް ހޯދައިފިއެވެ.
މުބާރާތުގެ ފުރަތަމަ ދުވަހު ރާއްޖޭގެ ފިރިހެން ޖޫނިއާ ފިރިހެން ޓީމުވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ. އެހެންކަމުން ރާއްޖޭގެ ޖޫނިއާ އަންހެން އަދި ފިރިހެން ޓީމު އިވެންޓުންވެސް ވަނީ މުބާރާތުގައި ހޯދި ލޯ މެޑަލްއާއެކު ތާރީހުގެ ތެރެއިން ޖާގަ ހޯދާފައެވެ.
މިއީ ރާއްޖޭގެ ޝޫޓިންގައި ފާހަގަކޮށްލަންޖެހޭ ތާރީހީ ކާމިޔާބީއެކެވެ. މިއީ ޝޫޓިން ޕްލެޓްފޯމެއް ނެތް ރާއްޖޭގައި މި ކުޅިވަރުގެ މުސްތަގްބަލެއް އޮތްކަން ހާމަވެގެންދިޔަ ކަމެކެވެ.
މި މުބާރާތުން ލޯ މެޑަލް ހާސިލްކޮށްފައިވަނީ 10 މީޓަރު، އެއަރ ޕިސްޓަލް ވިމެންސް ޔޫތު ޓީމުންނެވެ.
ރާއްޖެއިން ލޯ މެޑަލް ހޯދައިދިން އަންހެން ޝޫޓިން ޓީމުގައި ހިމެނެނީ ތާޖުއްދީން ސްކޫލްގެ މަރިޔަމް ޒޯހާ އަސްބާހާއި ސީއެޗްއެސްއީ މާލެ، ފާތިމަތު ފައިހާ ފަޒީލްގެ އިތުރުން ޖަމާލުއްދީން ސްކޫލުގެ ފާތިމަތު ޝައިމާ މޫސާއެވެ.
އިންޑިއާގެ ނިއުދިއްލީގައި މި މަހުގެ ހަތަރަކުން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ޖޫނިއާ އަންހެން ބައިން އެއްވަނަ ހޯދީ މުބާރާތް ބާއްވާ އިންޑިއާއެވެ. ދެވަނަ ހޯދީ ކަޒަކިސްތާނެވެ.
އޭޝިއާގެ ޝޫޓިންގައި ދިގު މުއްދަތެއް ވަންދެން ވަރުގަދަ ފެސިލިޓީތަކާއެކު ޑިވެލޮޕްވެފައިވާ ގައުމުތައް މި މުބާރާތުގައި ވާދަކުރެއެވެ.
ރާއްޖޭގައި ޝޫޓިންގެ އައު ޖީލެއް ބިނާކުރުމުގެ މަސައްކަތް ފެށީ ދާދިފަހުންނެވެ. ކުރު މުއްދަތެއްގެ ތެރޭގައި މެޑަލް ހޯދުމަކީ މި ކުޅިވަރުން ރާއްޖެއަަށް މުސްތަގްބަލް އޮތްކަން ދޭހަވާ ކަމެކެވެ.