މިދިޔަ އަހަރު މާޗް މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އަޅަމުން އަންނަ ކަމަށް ފަލަސްތީނުގެ ރެފިއުޖީންނާބެހޭ އދ ގެ އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އިން ބުނެފިއެވެ.
އެހެންވެ ޣައްޒާގެ އާންމުންނަށް ބޭނުންވާ ޒަރޫރީ ސާމާނު އަދިވެސް ހުރީ އަވަށްޓެރި ގައުމުތަކުގައި ތާށިވެފައި ކަމަށް އެ އިދާރާއިން ބުނެއެވެ.
ޔޫއެންއާރުޑަބްލިއުއޭ އިން ބުނީ ކާބޯތަކެއްޗާއި ސާފުތާހިރުވުމަށް ބޭނުންވާ ސާމާނާއި ބޭހާއި ބޯހިޔާވަހިކަމުގެ ތަކެތި ހިމެނޭ އިންސާނީ އެހީގެ ޝިޕްމަންޓްތައް މިސްރާއި އުރުދުންގެ ގުދަންތަކުގައި ރައްކާކޮށްފައި ހުންނަތާ މަސްތަކެއް ވެފައިވާ ކަމަށެވެ.
"ޔޫއެންއާރުޑަބްލިއުއޭގެ އިންސާނީ އެހީގެ ސާމާނާއި ކާބޯތަކެއްޗާއި ސާފުތާހިރުވުމަށް ބޭނުންވާ ސާމާނާއި ބޭހާއި ބޯހިޔާވަހިކަމުގެ ތަކެތި މިސްރާއި އުރުދުންގެ ގުދަންތަކުގައި ތާށިވެފައި އެބަހުރި. މިދިޔަ އަހަރު މާޗް މަހުން ފެށިގެން ޣައްޒާއަށް އެ ތަކެތި ވެއްދުން ވަނީ މަނާކޮށްފައި." އެކްސްގައި އެ އިދާރާއިން ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.
އޭގެއިތުރުން އިސްރާއީލުން ވަނީ 2024 ވަނަ އަހަރު ނިމުނުއިރު ހިފާފައިވާ އިރުމަތީ ގުދުސްގައި ޔޫއެންއާރުޑަބްލިއުއޭގެ އޮޕަރޭޝަންތައް ހިންގުން މަނާކޮށް، އެ އިދާރާއަށް އިތުރު ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.
އެގޮތުން އިރުމަތީ ގުދުސްގައި ހުންނަ ޔޫއެންއާރުޑަބްލިއުއޭގެ މައި އޮފީހުން ފެނާއި ކަރަންޓް ކަނޑާލާފައިވާ ކަމަށް އިސްރާއީލުގެ ހަކަތައާ ބެހޭ މިނިސްޓަރު އެލީ ކޯހެން ވަނީ ވިދާޅުވެފައެވެ.

ޣައްޒާގެ ނުސައިރަތު ކޭމްޕްގައި ދިރިއުޅޭ ކުޑަކުއްޖެއް ކާނާ ނުލިބުމުގެ ސަބަބުން ހިކި އަނަރޫފަވެފައި. ފޮޓޯ/އޭއެފްޕީ
އިރުމަތީ ގުދުސްއަށް މިސްރާބު ޖަހާފައި ވަނީ ޔޫއެންއާރުޑަބްލިއުއޭގެ އޮފީހުން ފެނާއި ކަރަންޓު ކަނޑާލާފައިވޭތޯ ބަލައި ކަށަވަރު ކުރަން އިރުމަތީ ގުދުސްއަށް ދާ ކަމަށްވެސް އިސްރާއީލުގެ ރޭޑިއޯ ސްޓޭޝަނަަކަށް ދިން އިންޓަވިއުއެއްގައި ކޯހެން ބުނެފައިވެއެވެ.
އަދި އިސްރާއީލުގައި ޔޫއެންއާރުޑަބްލިއުއޭ އަށް ޖާގައެއް ނެތް ކަމަށްވެސް ކޯހެން ވިދާޅުވިއެވެ.
މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލާފައިވާ ކަމަށް މިދިޔަ އޮކްޓޫބަރު މަހު އިއުލާނު ކުރި ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުގެ ސިފައިން އަންނަނީ ކޮންމެ ދުވަހަކުވެސް ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކުރަމުންނެވެ. ހަނގުރާމަ ހުއްޓާލިކަން އިއުލާނުކުރި ފަހުން ފަލަސްތީނުގެ 574 މީހުން ޝަހީދުކޮށްލާފައިވާއިރު، 1،518 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކުރެއެވެ.
ދެހާސް ތޭވީސް ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ހަމަލާދެމުން އަންނައިރު، މިހާތަނަށް ގާތްގަޑަކަށް 72،000 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.