ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ހެވީ މެޝިނަރީ ހޯދުމަށް ދެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހަދައިފިއެވެ.
މެޝިނަރީ ހޯދުމަށް އާރްޑީސީން އިއްޔެ ސޮއިކުރީ، ޗައިނާގެ އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުނި ކަމަށްވާ ޗައިނާގެ އެކްސްސީއެމްޖީ އާއި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް)އާ އެކުގައެވެ.
އާރުޑީސީން ބުނި ގޮތުގައި، ޗައިނާގައި އިއްޔެ ސޮއިކުރި މި އެއްބަސްވުމަކީ، އެކުންފުންޏާ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަނާ ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު މުޢާމަލާތެއް ކަމަށެވެ.
އެގޮތުން، މި އެއްބަސްވުމުގެ ދަށުން މަގު ހެދުމަށް ބޭނުންވާ އަސްފަލްޓް މެޝިނަރީ ހިމެނޭހެން ޖުމްލަ 230 މެޝިނަރީ ރާއްޖެއަށް ގެންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އާރްޑީސީއަށް ހެވީ މެޝިނަރީ ހޯދަން ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އާރްޑީސީ
އެ މެޝިނަރީ ތަކަށް ބޭނުންވާ މަރާމާތުގެ ޚިދުމަތްދޭ މަރުކަޒާކާއި ސްޕެއާ ޕާޓްސް ވިއްކާ މަރުކަޒެއް އެކްސްސީއެމްޖީއާއި އައިޑީއެސް ގުޅިގެން ރާއްޖޭގައި ގާއިމުކުރުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އޭގެއިތުރަށް، އާރުޑީސީން ބުނީ، އެ ކަމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިވެ، ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބޭނެ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ އެއް ކުންފުންޏަކީ އާރުޑީސީއެވެ. އެގޮތުން ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އާރުޑީސީއަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މިދިޔަ އަހަރުގެ ފަހު ދުވަހު އާރުޑީސީން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ޑިސެމްބަރު 31، 2019އިން މިދިޔަ އޭޕްރިލް މަހުގެ 23ގެ ނިޔަލަށް 81 މަޝްރޫއެއްގައި އެކުންފުނިން ސޮއިކުރިއިރު، ގިނަ މަޝްރޫއުތަކެއް ހުރީ ނުނިމިއެވެ. އެ މަޝްރޫއުތަކުގެ ތެރެއިން 36 މަޝްރޫއަކީ މަގު ހެދުމުގެ މަޝްރޫއުތަކެވެ.