އޭޝިއާގެ ޝޫޓިން މުބާރާތުގެ ހަތަރު އިވެންޓަކުން ރާއްޖެއަށް ލޯ މެޑަލް، މިއީ ރެކޯޑެއް

މުބާރާތުން ލޯ މެޑަލް ހޯދި ދެ އިވެންޓެއްގެ އެތުލީޓުން--

އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ޗެމްޕިއަންޝިޕުގެ 10 މީޓަރު އެއާ ރައިފަލްގެ މެންސް ޔޫތު ޓީމު އަދި މިކްސް ޓީމު ޖޫނިއާ އިވެންޓުން ހޯދި ލޯ މެޑަލްއާއެކު މުޅި މުބާރާތުގެ އިވެންޓުތަކުން ޖުމްލަ ހަތަރު ލޯ މެޑަލް ހޯދާ، ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

މިމަހުގެ 2-14 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ޖޫނިއާ ޓީމުން ހޯދި މި ކާމިޔާބީތަކަކީ ޝޫޓިންގެ ތާރީހުގައި ޖޫނިއާ ޓީމުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. ޖޫނިއާ އުމުރުފުރާއަށް ހުޅުވާލައިގެން ޝޫޓިންގެ ހަރަކާތްތައް ރާއްޖޭގައި ފެށީ ދާދިފަހުންނެވެ.

ހަރަކާތްތައް ފެށި ނަމަވެސް އެކަށީގެންވާ ޝޫޓިން ރޭންޖެއް ރާއްޖޭގައި ނެތެވެ. އެ ތަކުލީފުތަކާއެކު ބޭރުގެ ބޮޑެތި ގައުމުތަކާ ވާދަކޮށް ބައިނަލްއަޤްވާމީ ގޮތުން ރާއްޖޭގެ ޖޫނިއާ ކުދިން ހޯދީ ބޮޑު ކާމިޔާބީއެކެވެ.

މުބާރާތުގެ 10 މީޓަރު އެއާ ރައިފަލް މެންސް ޔޫތު ޓީމުން ލޯ މެޑަލް ހޯދި ދިވެހި ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ

  • މުޙައްމަދު ޝާއިލް ހަސަން (ޖަމާލުއްދީން ސްކޫލް)
  • އުމަރު މުޙައްމަދު ނަޝީދު (އަރަބިއްޔާ ސްކޫލް)
  • ރަޔާން މުޙައްމަދު ރާމިޒް (ހިރިޔާ ސްކޫލް)

މީގެއިތުރުން 10 މީޓަރު އެއާ ރައިފަލް މިކްސް ޓީމް ޖޫނިއާ އިވެންޓުން ލޯ މެޑަލް ހާސިލުކުރި ޓީމުގައި ހިމެނޭ ދެ އެތުލީޓުންނަކީ

  • އައިޝަތު އީޝާ ޝާހިދު
  • އަޙްމަދު މާއިދު މުޙައްމަދު

އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ދެން މެޑަލް ހޯދާފައިވަނީ މުބާރާތުގެ ދެވަނަ ދުވަހު އަންހެން ޖޫނިއާ އަދި ފިރިހެން ޖޫނިއާ ޓީމު އިވެންޓުންނެވެ.

މުބާރާތުގެ 10 މީޓަރު އެއަރ ޕިސްޓަލް ވިމެންސް ޔޫތު އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން އަންހެން ޝޫޓިން ޓީމުގައި ހިމެނެނީ ތާޖުއްދީން ސްކޫލްގެ މަރިޔަމް ޒޯހާ އަސްބާހާއި ސީއެޗްއެސްއީ މާލެ، ފާތިމަތު ފައިހާ ފަޒީލްގެ އިތުރުން ޖަމާލުއްދީން ސްކޫލުގެ ފާތިމަތު ޝައިމާ މޫސާއެވެ.

ލޯ މެޑަލް ހޯދައިދިން ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އަލީ ޒަކްނޫން އަޙްމަދާއި، ރެހެންދި ސްކޫލުގެ މުޙައްމަދު އަޝްހަމް ބިން ޝާހިދުގެ އިތުރުން ސީއެޗްއެސްސީގެ ހާދު އަލީ ނަސީފްއެވެ.

މިއީ ރާއްޖޭގެ ޝޫޓިންގައި ފާހަގަކޮށްލަންޖެހޭ ތާރީހީ ކާމިޔާބީއެކެވެ. މިއީ ޝޫޓިން ޕްލެޓްފޯމެއް ނެތް ރާއްޖޭގައި މި ކުޅިވަރުގެ މުސްތަގްބަލެއް އޮތްކަން ހާމަވެގެންދިޔަ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު