އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ތާއީދުކުރައްވާ ކަމަށް ޗެކް ރިޕަބްލިކްގެ ބޮޑުވަޒީރު އަންދްރޭ ބަބިޝް ވިދާޅުވެއްޖެއެވެ.
ބަބިޝް މިހެން ވިދާޅުވީ، ޔޫރަޕްގެ ގިނަ ގައުމުތަކަކުން ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ބަބިޝް ވިދާޅުވީ، ކަމާބެހޭ މާހިރުންގެ ލަފާގެ މަތިން މިފަދަ ފިޔަވަޅެއް އެޅުމަކީ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
"މިއީ ކުދިންނަށް ވަރަށް ބޮޑަށް ގެއްލުންހުރި ކަމެއް ކަމަށް މާހިރުން ބުނޭ. އަހަރެމެން ޖެހޭނީ އަހަރެމެންގެ ދަރިން ރައްކާތެރިކުރަން،" ބޮޑުވަޒީރު ވިދާޅުވިއެވެ.
ޗެކް ރިޕަބްލިކްގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ކަރެލް ހަވްލީޗެކް ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު މިކަމާ މެދު ސީރިއަސްކޮށް މަޝްވަރާ ކުރަމުންދާ ކަމަށާއި، މި އަހަރުގެ ތެރޭގައި މިކަމާ ގުޅޭ ގާނޫނެއް ހުށަހެޅުމަށް ބަލަމުންދާ ކަމަށެވެ.
ދުނިޔޭގެ އެކި ގައުމުތަކުން މިހާރު އަންނަނީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން އޮސްޓްރޭލިއާ އިން މިދިޔަ ޑިސެމްބަރު މަހު ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ދުނިޔޭގެ ފުރަތަމަ ގައުމަށް ވެފައެވެ.
މީގެ އިތުރުން ސްޕެއިން، ގްރީސް، އިނގިރޭސިވިލާތް އަދި ފްރާންސް އިން ވެސް އަންނަނީ މިފަދަ ހަރުކަށި ގާނޫނުތަކެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންނެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް މިފަދަ ފިޔަވަޅެއް އަޅާނެކަން އިއުލާނު ކުރެއްވުމާ ގުޅިގެން، 'އެކްސް' (ކުރީގެ ޓްވިޓާ) ގެ ވެރިޔާ އީލޮން މަސްކް ވަނީ އެކަމާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ މީހުން އެއަށް ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެއް ކަމަށް ބުނެ ގިނަ ގައުމުތަކެއްގެ ސަރުކާރުތަކުންނާއި ރެގިއުލޭޓަރުން މިހާރު އަންނަނީ މިކަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.