ފަނޑިޔާރުން އަމިއްލައަށް ގައުން ޑްރައިކްލީން ކުރަން އޮތް އޮތުން، ކޯޓުން ކުރާ ގޮތަށް ހަމަޖައްސައިފި

ހައިކޯޓުގެ ފަނޑިޔާރުން ގައުން ތުރުކުރައްވައިގެން

ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ތުރުކުރައްވާ ގައުން، ފަނޑިޔާރުން އަމިއްލައަށް ޑްރައިކްލީންކޮށް ސާފުތާހިރުކޮށްގެން ބެލެހެއްޓުމަށް އޮތް އޮތުން، އެއީ ކޯޓުގެ ޒިންމާއެއް ކަމަށް ކަނޑައަޅައިފިއެވެ.

ދަށު ކޯޓުގެ ފަނޑިޔާރުން ވެސް ޝަރީއަތުގެ މަޖިލީހުގައި ގައުން ތުރުކުރައްވައިގެން ތިބެންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅީ 2024 ވަނަ އަހަރެވެ.

އޭގެ ކުރިން ގައުން ތުރުކުރައްވަނީ ހަމައެކަނި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުންނެވެ. ދަށު ކޯޓުތަކުގެ ފަނޑިޔާރުން އޭރު ޝަރީއަތުގެ މަޖިލީހުގައި ތިބެން ޖެހެނީ ކަޅު ނުވަތަ ގަދަ ނޫކުލައިގެ ކޯޓު ފަޓުލޫނުގައެވެ.

ފަނޑިޔާރުންގެ ގައުންއާ ގުޅޭ އުސޫލަށް އަމަލު ކުރަން ފެށިއްސުރެ، ގައުން ޑްރައިކްލީންކޮށް ސާފުކޮށް ބެލެހެއްޓުން އޮތީ ފަނޑިޔާރުން އަމިއްލައަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއްގެ ގޮތުގައެވެ.

އެހެންނަމަވެސް، ސުޕްރީމް ކޯޓުން މިއަދު، އެ އުސޫލަށް ގެނައި ބަދަލާއެކު، ފަނޑިޔާރުންގެ ގައުން ޑްރައިކްލީންކޮށް ސާފުކޮށް ބެލެހެއްޓުމަކީ ކޯޓުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައިވަނީ ބަދަލު ކުރައްވާފައެވެ.

ފަނޑިޔާރުން ބޭނުން ކުރައްވާ ގައުނަކީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ތައްޔާރުކުރާ ނަމޫނާއާ އެއްގޮތަށް އޮންނަ ގައުނަކަށް ވާންޖެހޭނެ ކަމަށް އެންމެ ފުރަތަމަ އެކުލަވާލި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ފަނޑިޔާރުން އާއްމުކޮށް ބޭނުން ކުރައްވާ ކަޅު ގައުނާ ޚިލާފަށް، ސުޕްރީމް ކޯޓުން ބޭނުން ކުރައްވަނީ ޝަރުއީ ދާއިރާގެ މިނިވަންކަމާއި ރާއްޖޭގެ ތާރީޚު ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ޚާއްސަ ގައުނެކެވެ.

އެ ގައުނު ފަރުމާ ކޮށްފައިވަނީ އިސްލާމީ ތާރީޚާއި ރާއްޖޭގެ ސަގާފަތާއި ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށްދޭ ގޮތަށެވެ. ގައުނުގެ ރޭނދާގެ ޑިޒައިންގެ އެއްބައި ފަރުމާކޮށްފައިވަނީ މާލޭގެ ހުކުރު މިސްކިތުގައި ހުންނަ ހިރިގަލުގެ ފަރުމާ އަސްލަކަށް ބަލައިގެންނެވެ.

comment ކޮމެންޓް