އާންމު ތަންތަނުގައި ބިކިނީގައި އުޅުން ފަދަ ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅޭނަމަ ފިޔަވަޅު އަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ އޮންލައިން ޕޯޓަލްއަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށާއި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާކުރުމަށް ޓަކައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) ރަސްމީކޮށް އިފުތިތާހު ކުރީ އިއްޔެއެވެ.
އެ ޕޯޓަލްއަށް މިހާރު ވަނީ ފުރަތަމަ ޕެޓިޝަން ހުށަހަޅައިފައެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ ރާއްޖޭގެ ޢާންމުން ދިރިއުޅޭ ރަށްތަކުގެ ޢާންމު ތަންތަނުގައި ބިކިނީ ފަދަ ނިވައިކަން ކުޑަ ފޭރާމުގައި ބިދޭސީން ނުވަތަ ގެސްޓުން އުޅޭ ކަމަށެވެ. އޭގެ ސަބަބުން އިސްލާމީ އަޚްލާގާއި ދިވެހި ކާބަފައިން ދޫކުރި ރިވެތި ސަގާފަތާއި އާދަކާދަތައް ނެތިގެންދާ ކަމަށާއި އެއީ ގިނަ ރައްޔިތުންތަކެއް ކަންބޮޑުވާ މައްސަލައެއް ކަމަށް ޕެޓިޝަނުގައިވެއެވެ.
މީގެ އިތުރުން އޭގެ ނޭދެވޭ އަސަރު ދިވެހި ޅަ ދަރިންނަށް ކުރާ ކަމަށާއި އެ ކުދިން އިސްލާމީ އަޚްލާގުގެ މަތީގައި ތަރުބިއްޔަތު ކުރުމަށް ބޮޑެތި ހުރަސްތައް އެޅޭ ކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ޕެޓިޝަނުގައިވެއެވެ.
އެ ޕެޓިޝަން ހުށަހަޅައިގެން ބޭނުންވާ ހައްލަކީ، އާންމު ތަންތަނުގައި ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅޭނަމަ އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައި، މިހާރު ހުރި ގަވައިދުތައް ތަންފީޒުކުރުން ހަރުދަނާ ކުރުން ކަމަށް ބުނެފައިވެއެވެ. އަދި އެއާ ޚިލާފުވާ މީހުންނާ މެދު ކަންކުރާނެ ގޮތުގެ އިތުރު ގާނޫނުތައް ހަދައި، އެ މީހުންނާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް އެކަށައަޅައި ދިނުމަށް ޕެޓިޝަނުގައި އެދިފައިވެއެވެ.
އެ ޕެޓިޝަން ގައި ސޮއި ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، މިހާތަނަށް 252 މީހުން ސޮއިކޮށްފައިވެއެވެ. އީ-ޕެޓިޝަނަކަށް ސޯއި ހޯދަންޖެހޭނީ އެ ޕެޓިޝަން ޕޯޓަލްގައި ޢާންމުކުރާ ތާރީޚުން ފެށިގެން ހަ ހަފުތާގެ މުއްދަތުގެ ތެރޭގައި ކަމަށް ގަވައިދުގައިވެއެވެ.
މަޖިލީހަށް ހުށަހަޅާ ޕެޓިޝަންތަކުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޕެޓިޝަންގައި، ޕެޓިޝަން ހުށަހަޅާ ފަރާތާއެކު މަދުވެގެން 500 މީހުން ސޮއިކޮށްފައި އޮތުމާއި، ސޮއިގެ ވަކި ތްރެޝްހޯލްޑެއް ހަމަނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ ޕެޓިޝަން ސްޕޮންސާކޮށްފައި އޮންނަން ޖެހުން ހިމެނެއެވެ.
ލޯކަލް ޓޫރިޒަމް ތައާރަފުކުރުމުން، ބައެއް ރަށްރަށުގައި ފަތުރުވެރިންނަށް މޫދަ އެރެން 'ބިކިނީ ބީޗް'ތައް ޚާއްސަކޮށްފައި އޮންނަ ނަމަވެސް، އާންމު ތަންތަނުގައި ބިކިނީގައި އުޅޭ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެ، ފުލުހަށް ވެސް ހުށަހަޅައިފައިވެއެވެ.