ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލުމަށް އިއުލާންކޮށްފިއެވެ.
ފުލުހުން ވަނީ، ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުން އެ ޢިއުލާނާއެކު އާންމުކޮށްފައިވާ "ނީލަމުގައި ރަޖިސްޓަރީވާ ފޯމް" ފުރިހަމަ ކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު އެ ޚިދުމަތުގެ މެއިލް އެޑްރެސް [email protected] އަދި [email protected] އަށް ފޮނުވުމަށް އެދިފައެވެ.
ފުލުހުންނަށް މެއިލް ލިބުމުން މެއިލް ކުރި މީހަކަށް ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލް ލިބޭނެ ކަަމަށް އިއުލާނުގައިވެއެވެ.
އެ ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، އަންނަ އާދިއްތަ ދުވަހުގެ 11:00އެވެ. ފުލުހުން ވަނީ، ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ.

ހުއިފިލަނޑާ ނީލަމުގައި ވިއްކަން ފަށާ އަގު --
ފުލުހުން ވަނީ، ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދޫނިދޫގައި ކަމަށާއި، ނީލަންކިޔުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ 10:00ގައި ކަމަށް ބުނެފައެވެ.
އެ އިއުލާނުގައިވާ ގޮތުން ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އަގު އިތުރުކުރަން ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުން ކަމަށް ބުނެފައިވެއެވެ.
އެ ނީލަމާ ގުޅޭ މަޢުލޫމާތު، ސާޖަންޓް މުޙައްމަދު ފަހުމީގެ ނަންބަރު 9735160އަށް ގުޅުމުން ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.
އެ ނީލަމުގައި އެކި ބާވަތްތަކުގެ ހުއިފިލަނޑާ ނީލަން ކިޔަން ނިންމައިފައިވާއިރު، ކޮންމެ ބާވަތަކަށް ވެސް ފެށޭ އަގަކީ ކިލޯއަކަށް 300 ރުފިޔާއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވިއްކުމަށް މީގެ ކުރިން ވެސް ނީލަން ކިޔައިފައިވެއެވެ.