ދެ އަޑުއެހުމަކަށް ހާޒިރުނުވެގެން އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކޮށްފައި ވަނިކޮށް، އެ މިނިސްޓްރީއަށް މިހާތަނަށް ލިބުނު ހުށަހެޅުންތަކަށް ގާނޫނުގައިވާ ގޮތުގެ މަތީން ޖަވާބުދީފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
އައިކޮމްއިން، އެ މިނިސްޓްރީ ޖޫރިމަނާކުރީ، މިއަދަށް ތާވާލުކޮށްފައި އޮތް ދެ އަޑުއެހުމަކަށް ހާޒިރުނުވެގެން ޖުމުލަ 700 ރުފިޔާއިންނެވެ.
އެ ކަން އެހެން ހިނގާފައި ވަނިކޮށް، މިނިސްޓަރު ޝަހީމް އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، އެ މިނިސްޓްރީއަކީ، މައުލޫމާތު ހާމަކުރުމަށް ބޮޑު އިސްކަމެއްދީ، އެ ކަމާ ގުޅިގެން ހެދިފައިވާ ހުރިހާ ގާނޫނުތަކަށް އިހުތިރާމު ކުރާ އިދާރާއެއް ކަމަށެވެ.
އެގޮތުން، މިހާތަނަށް މިނިސްޓްރީއަށް ލިބުނު ހުށަހެޅުންތަކަށް ގާނޫނައިވާ ގޮތުގެ މަތީން ޖަވާބުދީފައިވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި، އެ މިނިސްޓްރީން މީޑިއާތަކާ ވަރަށް ގާތްކަން ބާއްވާކަން ފާހަގަކުރައްވައި، އެ ގޮތުގައި ދެމިއޮންނާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު އެ ފަދައިން ވިދާޅުވިއިރު، މިއަދު މިނިސްޓްރީ ޖޫރިމަނާކުރީ އަޑުއެހުމަށް ހާޒިރުވެވެން ނެތްކަން އަންގާފައި ނެތުމުން ކަމަށް އައިކޮމްއިން ވަނީ ބުނެފައެވެ.
އެންމެ ފުރަތަމަ އަޑުއެހުން ތާވަލުކުރީ މި މަހުގެ ތިން ވަނަ ދުވަހަށް ކަމަށާއި އެ ދުވަހު މިިނިސްޓްރީން އަޑުއެހުން ފަސްކުރަން އެދުމުން އިއްޔެއަށް އަޑުއެހުން ފަސްކުރީ ކަމަށް އައިކޮމްއިން ބުންޏެވެ. އަދި ފަހުން އިއްޔެގެ އަޑުއެހުން މިއަދަށް ފަސްކޮށްފައި ވާކަމަށް އައިކޮމްއިން ވަނީ ބުނެފައެވެ.
އައިކޮމްއިން ވަނީ މިނިސްޓްރީގެ އެ އަމަލަކީ އައިކޮމްގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅާ އަމަލެއް ކަމަށް ގަބޫލުކުރާކަމަށް ބުނެފައެވެ.