ކާވާ ކުލަބު މުބާރާތުގެ ފައިނަލަށް ސެޕަހާން އާއި ތުރާން

ކާވާ ވިމެންސް ލީގުގެ ފައިނަލަށް ދަތުރުކުރި ތުރާން ވީސީ-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު ޢަބްދުﷲ

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) އިން ބާއްވާ ވިމެންސް ލީގުގެ ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް އިރާނުގެ ފޫލާދު ސެޕަހާން އާއި ކަޒަކިސްތާނުގެ ތުރާން ވީސީ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް ތުރާން ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި މިރޭ ނޭޕާލް ޕޮލިސް ކުލަބުގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ. މެޗުގެ ސެޓުތައް ތުރާން ޓީމުން ކާމިޔާބުކޮށްފައިވަނީ 25-14، 25-13 އަދި 25-11 އިންނެވެ.

ކާވާ ވިމެންސް ލީގުގެ ފައިނަލަށް ދަތުރުކުރި ތުރާން ވީސީ-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު ޢަބްދުﷲ

ފޫލާދު ސެޕަހާން ފައިނަލުން ފުރުސަތު ހޯދީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގައި ލަންކާގެ ހިރްދަރަމާނީއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 25-12، 25-09 އަދި 25-16 އިންނެވެ.

އެއާއެކު މުބާރާތުގެ ތިންވަނަ ހޮވާ މެޗު، ނުވަތަ ބްރޮންޒް މެޑަލް މެޗުގައި ބައްދަލުކުރާނީ ސެމީން ބަލިވި ދެ ޓީމު ކަމަށްވާ ހިރްދަރަމާނީ އާއި ނޭޕާލް ޕޮލިސް ކުލަބެވެ. މި މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ހަވީރު 16:15 ގައެވެ. އަދި އިރާނުގެ ފޫލާދު ސެޕަހާން އާއި ކަޒަކިސްތާނުގެ ތުރާން ވީސީ ބައްދަލުކުރާ ފައިނަލު މެޗު ކުޅޭނީ އަންގާރަ ދުވަހުގެރޭ 20:30 ގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އޭވީސީ ކުލަބު މުބާރާތުން ފުރުސަތު ލިބިގެންދާނެއެވެ.

ކާވާ ވިމެންސް ލީގުގެ ފައިނަލަށް ދަތުރުކުރި ތުރާން ވީސީ-- ސަން ފޮޓޯ: މުޙައްމަދު ޝާތިއު ޢަބްދުﷲ

މުބާރާތުގެ ފޯރިގަދަ މެޗުތައް ބެލުމަށް ޓިކެޓު ވިއްކާ އަގަކީ 25 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ ގަޑިއެއްހާއިރު ކުރިން އެ މެޗެއްގެ ޓިކެޓު ވިއްކަން ފަށާނެއެވެ. ޓިކެޓު ދޫކުރާނީ އެކަމަށް ހާއްސަކޮށް ސޯޝަލްގައި ޤާއިމުކޮށްފައިވާ ކައުންޓަރުންނެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އެހެންކަމުން މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީގެ އިތުރުން ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ.

މުބާރާތުގެ ހުރިހާ މެޗަކާއެކު ކަވަރޭޖު ގެނެސްދެނީ ގިނަ ސްޕޮންސަރުންތަކެއްގެ އެހީތެރިކަމާއެކު އެވެ. އެގޮތުން ރެޑްސްޓާ، ސްޕެޑިކޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް، އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ފާހަގަކޮށްލެވެއެވެ.

ދެން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އޯލް އިން އޯލް އިންވެސްޓްމަންޓް، ތިބްޔަން ޕްރީސްކޫލް، ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑް، މަމަކް، ޝަވަރުމާޝީ އަދި ފިނިޓް އިންވެސްޓްމަންޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު