ފަހި ޓަވަރުތަކަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަން ފަށައިފި

ފަހި ޓަވަރުތަކެއް ކައިރިއަށް ކުނި އަޅައިފައި: އެ މައްސަލައިގައި މީހުން ޖޫރިމަނާ ކުރަން ވަނީ ފަށައިފައި -- ފޮޓޯ/ އެފްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ތަރައްގީކޮށްފައިވާ ޓަވަރުތައް ކައިރިއަށް މީހުން އެކި ބާވަތްތަކުގެ ކުނި އަޅައި ގޮނޑުކުރަމުންދާތީ، ޖޫރިމަނާ ކުރަން ފަށައިފިއެވެ.

ދެތިން މަހެއް ކުރިން މީހުން ދިރިއުޅެން ފެށި، އެފްޑީސީ ފުލެޓުތައް ކައިރިއަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ ސޯޝަލްމީޑިއާގައި އަންނަނީ ކުރަމުންނެވެ. ދައުރުވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، ގިނަ އަދަދަކަށް ބޮޑެތި ފޮށިގަނޑު ފަދަ ކުންޏާއި ކުނިވާ ޒާތުގެ އެއްޗެހި ވެސް އެ ސަރަހައްދަށް ވަނީ އަޅާފައެވެ.

އެ މައްސަލައިގައި އެފްޑީސީން މީގެ ކުރިން ވަނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

https://sun.mv/217756

އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ, އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން، ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާ ކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުން އަންނަ ކަމަށެވެ. އަދި އެއީ އެ ކޯޕަރޭޝަނުން ކަނޑައަޅައި އާންމުކޮށްފައިވާ ކުނި އުކާލުމުގެ ގަވައިދާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ތަކުރާރުކޮށް ފާހަގަކުރާ ކަމަށް ބަޔާނުގައިވެއެވެ.

އެފްޑީސީން ބުނީ، އިމާރާތްތަކުގެ ކޮރިޑޯތަކާއި ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކަށް ކުނި އެޅުމާއި ކުނި ޖަމާކުރުމަކީ މަނާ ކަމެއް ކަމަށެވެ. ގޭބިސީތަކުން އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ގާބޭޖް ރޫމްތަކުގައި އެކަމަށް ޚާއްސަކޮށްފައިވާ ކުނިވަށިތަކަށް ކަމަށް އެފްޑީސީން ބުންޏެވެ.

ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑާއި ފުޅިމަދު އަދި އެ ނޫންވެސް ތަކެތި އުސޫލުތަކާ އެއްގޮތަށް އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއްކަން އެފްޑީސީން ފާހަގަކުރިއެވެ.

ވީމާ އިމާރާތާއި ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ޓަކައި ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް އަމަލުކުރުމަށް އެންމެންނަށް ވެސް ނަސޭހަތްތެރިވާ ކަމަށް އެފްޑީސީން ބުންޏެވެ. އަދި ގަވައިދާ ޚިލާފަށް ކުނި އުކާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި އެފްޑީސީން ކަނޑައަޅާ އުސޫލެއްގެ ދަށުން ޖޫރިމަނާ ކުރަމުންދާނެކަން އާންމުކޮށް އިއުލާންކޮށްފައިވެއެވެ.

"ޖޫރިމަނާ ތަންފީޒުކުރަން ފަށައިފައިވާއިރު، އުސޫލާ ޚިލާފުވި ބައެއް ފަަރާތްތަކާމެދު ފިޔަވަޅު އަޅައި މިހާރު ވަނީ ޖޫރިމަނާކޮށްފައެވެ." އެފްޑީސީގެ ބަޔާނުގައިވެއެވެ.

އެ ކޯޕަރޭޝަނުން ބުނީ، އަމާން ޓަވަރުތަކުގައި ސާފުތާހިރު މާހައުލެއް ދެމެހެއްޓުމަށް ޓަކައި އެ ސަރަހައްދުގައި ޖަމާވެފައިވާ ކުނިތައް ނެގުމުގެ މަސައްކަތް އެފްޑީސީއާއި ވެމްކޯ ގުޅިގެން ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ދަށުން އަމާން އުދަރެސް އަދި ދޯދިގެ ޖުމްލަ 32 ޓަވަރު ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

https://sun.mv/217782

ފަހި ޓަވަރުތަކުގައި ކުނީގެ މައްސަލަ ބޮޑުވެފައިވާއިރު، މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ފުނި ހަދާ މައްސަލަ ހައްލުވާނީ އެ ކަމަށް ރަނގަޅު ނިޒާމަކާއި ކުނި އުކާލަން މީހުންނަށް 'ކެތްވާވަރުގެ' އަގެއް ކަނޑައެޅިގެން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް