ބަންގްލަދޭޝް އިންތިޚާބު: ވަގުތީ ނަތީޖާ ދައްކާ ގޮތުން ބޮޑު އަޣުލަބިއްޔަތަކުން ކުރީގައި އުޅެނީ ބީއެންޕީ

ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ތާރިގް އަބްދުއްރަހްމާން. އެ ގައުމުގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ކުރީގައި އުޅެނީ ބީއެންޕީ. ފޮޓޯ/ރޮއިޓާސް

ބަންގްލަދޭޝްގެ 13 ވަނަ އާންމު އިންތިޚާބުގެ ވޯޓުލުން ނިމި ވޯޓު ގުނުމުގެ މަސައްކަތްވެސް ގާތްގަޑަކަށް ނިމިފައިވާއިރު، ވަގުތީ ނަތީޖާއިން ތާރިގް ރަހުމާންގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.

ރަސްމީ ނަތީޖާ އަދި ބަންގްލަދޭޝް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައި ނުވާއިރު، މިއަދުގެ ވަގުތެއްގައި އިއުލާނުކުރާނެ ކަމަށް ބެލެވެއެވެ.

ބަންގްލަދޭޝްގެ ޖަމުނާ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި ބީއެންޕީ އާއި އެ ޕާޓީގެ ބައިވެރިން 211 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ވަނީ ލިބިފައެވެ.

އެ ޕާޓީއާ ދެން އެންމެ ކައިރިން ވާދަކުރި ޖަމިއްޔަތުލް އިސްލާމަށް 70 ގޮނޑި ލިބުނުއިރު އެހެން ޕާޓީތަކަށް ލިބުނީ ހަ ގޮނޑި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިންތިޚާބުގެ 299 ދާއިރާގެ ތެރެއިން 287 ދާއިރާގެ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފައެވެ.

ބަންގްލަދޭޝްއިން ގެންގުޅެނީ "ފަސްޓް ޕާސްޓް ދަ ޕޯސްޓް" ނިޒާމެކެވެ. މާނައަކީ ކެންޑިޑޭޓަކު ދާއިރާއެއް ކާމިޔާބު ކުރުމަށް ބޭނުންވަނީ އެންމެ ކައިރިން ވާދަކުރާ ވާދަވެރިޔާއަށްވުރެ ގިނަ ވޯޓެވެ. އަޣުލަބިއްޔަތު ހޯދުން މުހިންމެއް ނޫނެވެ.

އިންތިހާބު ކާމިޔާބު ކުރި ކަމަށް ބީއެންޕީން ވަނީ ސޯޝަލް މީޑިއާގައި އިއުލާނުކޮށްފައެވެ. އަދި އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

"ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީން ގިނަ ގޮނޑި ތަކެއް ކާމިޔާބުކުރުމުން ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ." ބީއެންޕީގެ މީޑިއާ ސެލް އިން ބުންޏެވެ.

ބަންގްލަދޭޝްގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާއިރު، މީޑިއާތަކުން ވަގުތީ ނަތީޖާ ރިޕޯޓުކުރަމުން ދަނީ ވޯޓުލާ މަރުކަޒުތަަކުން އިއުލާނުކުރާ މައުލޫމާތުގެ މައްޗަށެވެ.

އިންތިޚާބުގައި ބީއެންޕީއާ ވާދަކުރެވޭނެ ޕާޓީއެއް ނެތް ކަމަށް ޕާޓީގެ ލީޑަރު ތާރިގް އަބްދުއްރަހްމާނު މީގެކުރިން ވަނީ ވިދާޅުވެފައެވެ. އެެހެންވެ، އެއްވެސް ޕާޓީއަކާ ކޯލިޝަން ހެދުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ބީއެންޕީއަކީ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިއާގެ ޕާޓީއެވެ. ދާދިފަހުން ޙާލިޒާ އަވަހާރަވުމުން ބީއެންޕީގެ ލީޑަރުކަން ތާރިގަށް ވަނީ ލިބިފައެވެ. ތާރިގަކީ ޚާލިދާގެ ދޮށީ ދަރިކަލުންނެވެ.

ތާރިގް ފާއިތުވި 15 ވަރަކަށް އަހަރު ދުވަހު އުޅުއްވީ ގައުމުން ބޭރުގައި އިނގިރޭސިވިލާތުގައެވެ. އެއީ ޝައިޚް ހަސީނާގެ ބޮޑުވަޒީރުކަމުގައި އޭނާ ހައްޔަރުކޮށްފާނެކަމުގެ ބިރަށެވެ. ހަސީނާގެ ވެރިކަމުގައި ތާރިގްގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއް އުފުލާފައެވެ.

މިއީ ބަންގްލާދޭޝްގައި 2024 ވަނަ އަހަރު ކުރި މުޒާހަރާތަކުގައި ޝައިހް ހަސީނާގެ ވެރިކަން ވައްޓާލި ފަހުން ބޭއްވި ފުރަތަމަ އިންތިހާބެެވެ.

comment ކޮމެންޓް