ރޯދަ މަހު، ވަކި ބަޔަކަށް ގޭތެރޭގެ މަސައްކަތް ދޫކޮށް، ތިމާ އަޅުކަމުގައި ހޭދަކުރުމަށް ދީނުގައި އަންގަވާފައެއް ނުވާ ކަމަށާއި ގިނަ ގުނަ ދަރުމަހުރީ އެކަކު އަނެކަކަށް އެހީތެރިވުމުން ކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
މިއަދުގެ ޚުތުބާ ދީފައި ވަނީ، 'ރުއްސެވުމާއި ފުއްސެވުމުގެ މަހަށް މަރުހަބާ' މި މައުޟޫގެ މައްޗަށެވެ.
ޚުތުބާގައި ވަނީ، އަންނަ ބުދަ ދުވަހު ފެށޭ ރޯދަ މަހު، މުސްލިމުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތައް ކިޔައިދީފައެވެ. އެގޮތުން، ފަރުޟުތައް އަދާކުރުމަށް ފަހުގައި ގޭތެރޭގައި ކުރަން ހުންނަ ކަންކަމުގައި އެހީވުމަށް ޚުތުބާގައި ގޮވާލިއެވެ.

ބަޔަކު ހުތުބާ އަޑުއަހަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ޚާއްސަކޮށް، ވަކި ބަޔަކަށް ގޭތެރޭގެ މަސައްކަތް ދޫކޮށް، ތިމާ އަޅުކަމުގައި ވަގުތު ހޭދަކުރުމަށް ދީނުގައި އަންގަވާފައި ނުވާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެކަން ބަޔާންކޮށް، ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަދި ހެޔޮ ކަންތައް ކުޅައުމާއި ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިނުވާށެވެ!"
ޚުތުބާގައި ވަނީ، ރޯދަ މަހުގެ ވަގުތުތައް ބޭކާރު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. ﷲއަށް ތަގުވާވެރިވާ އަޅުން ރޭގަނޑުގެ ވަގުތުތައް އެ މަހުގައި ހޭދަކުރާ ގޮތާ މެދު ވިސްނުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
މިގޮތުން، ވީވަރަކުން ރޯދަ މަހުގައި، ފަރުޟު ނަމާދުތަކުގެ އިތުރަށް ތަރާވިހު ނަމާދުތަކަށް ވަގުތު ހުސްކުރުމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި، ރޭ އަޅުކަމުގައި އިމާމާއެކު، ބައިވެރިވާ މީހާއަށް މުޅި ރޭ އަޅުކަން ކުރުމުގެ ސަވާބު ލިބޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
އޭގެއިތުރަށް، ރަމަޟާންމަހަކީ، ރޭއަޅުކަންކުރުން މޮޅުއިތުރު މަހެއް ކަމަށާއި ލައިލަތުލްޤަދްރި ލިބޭތޯ ގަދައަޅައި މަސައްކަތްކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ. ޚާއްޞަކޮށް ޒުވާނުން ރަމަޟާންމަހުގެ ހެޔޮކަމާއި ބަރަކާތް ޙާޞިލުކުރުމަށް ޢަޒުމު ކަނޑައެޅުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. އަދި، އެ މަހުގެ ވަގުތުތައް ކުޅިވަރާއި މަޖަލުގައި ހޭދަނުކޮށް، ނަމާދު ޤާއިމުކުރުމަށް ފަރުވާތެރިވުމަށް ޒުވާނުންނަށް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

ޚުތުބާގައި ވަނީ، މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިންނަށް ޚިދުމަތް ދޭ މީހުންގެ އަމަލުތައް ބަހައްޓަންވީ ގޮތް ވެސް ބަޔާންކޮށްފައެވެ. މިގޮތުން، ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.
އެ ރަށްރަށުގައި މިފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެ ކަން ޚުތުބާގައި ފާހަގަކުރިއެވެ. ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ މީހުން ވެސް ރޯދަމަހުގެ ޙުރުމަތް ދަމަހައްޓާންވާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.