އީރާނާ އެކު ކުރާ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އިތުރު މަނަވަރުތައް ފޮނުވާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ/ރޮއިޓާސް

އީރާނާ އެކު މިހާރު ކުރިއަށްދާ މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ އެމެރިކާއިން އިތުރު އަސްކަރީ ބާރުތައް ފޮނުވަން ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ، މިހާރު މެދުއިރުމަތީގައި އޮތް ޔޫއެސްއެސް އަބްރަހަމް ލިންކަންއަށް އެހީވުމަށް ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް މެދުއިރުމައްޗަށް ފޮނުވާނެ ކަމަށް އެމެރިކާގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނިކޮށެވެ.

ހުކުރު ދުވަހު ވައިޓް ހައުސްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ މިދިޔަ ހަފުތާގައި އޮމާނުގައި ބޭއްވި އީރާނާއި އެމެރިކާގެ ނުސީދާ މަޝްވަރާތަކަށް ފަހު، ނުތަނަވަސްކަން އިތުރުވެފައިވާތީ، ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ކެރިބިއަން ސަރަހައްދުން މެދުއިރުމައްޗަށް "ވަރަށް އަވަހަށް" ފުރާނެކަން ކަށަވަރުކޮށްދެއްވާފައެވެ.

"އަޅުގަނޑުމެންނަށް ބޭނުން ނަމަ ތައްޔާރަށް އޮންނާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، މަޝްވަރާތައް "ކާމިޔާބު"ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އީރާނާ އެކު އެއްބަސްވުމެއް ނުހެދިއްޖެ ނަމަ އެއީ އީރާނަށް ނުބައި ދުވަހަކަށް ވާނެ ކަމަށެވެ. އަދި، އީރާނުގެ ވެރިކަން ބަދަލުވުމަކީ ހިނގާނެ އެންމެ ރަނގަޅު ކަމުގެ ގޮތުގައި ވެސް ޓްރަމްޕް ސިފަކުރެއްވިއެވެ.

ޓްރަމްްޕް އެގޮތަށް ވިދާޅުވެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެއްވިތާ ދެ ތިން ދުވަސް ފަހުންނެވެ.

މިދިޔަ ޖޫން މަހު އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައަށް ފަހު، އެމެރިކާއިން އީރާނުގެ ތިން ނިއުކްލިއާ ސައިޓަކަށް ހަމަލާދީ، "މިޑްނައިޓް ހެމާ"ގެ ނަމުގައި ހިންގި އަސްކަރީ އޮޕަރޭޝަނަށް ފަހު އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ފިޔަވަޅު އެޅުމަށް ނަތަންޔާހޫ ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.

އެމެރިކާއާއި އީރާނުގެ މިހާރު ކުރިއަށްދާ ނުސީދާ މަޝްވަރާތަކަކީ ޓްރަމްޕް ވެރިކަމުގެ ފުރަތަމަ ދައުރުގައި ދޫކޮށްލެއްވި ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)އާ ގުޅޭގޮތުން ކުރާ މަޝްވަރާތަކެކެވެ.

މަޝްވަރާތަކުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ މި މަހުގެ ހަވަނަ ދުވަހު އޮމާންގައެވެ.

comment ކޮމެންޓް