ރޯދަމަހާ ރޯއްޖާ... ދިވެހީން!

މާލޭގެ މިސްކިތެއްގައި ރޯދަ ވީއްލަން ބަޔަކު ތައްޔާރު ވަނީ: ރަމަޟާން މަހު މިސްކިތްތަކަށް ރޯދަ ވީއްލަންދާ މީހުންގެ ތެރެއިން ގިނައީ ބިދޭސީން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހިންނަށް ރޯދަމަހަކީ ބޮޑުސިންގާ ރޯއްޖެކެވެ. ދީނީގޮތަކުން އެކަންޏެއް ނޫނެވެ. އެތައް ގޮތަކުންނެވެ.

ރޯދަހިފުމަކީ ދައުލަތުން އިނާޔަތްދޭންޖެހޭ ކަމެއްގެ ގޮތުގައި އެންމެ ފުރަތަމަ ހަމަޖެހިގެން ދިޔަކަމަށް ފެންނާންއޮތީ ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ގާނޫނާއި ގުޅިގެން 2008 ވަނައަހަރުއެވެ. އޭރު ގާނޫނުން ފުރަތަމަ ހަމަޖެއްސީ މުވައްޒަފުންގެ މުސާރައިގެ ތިންބައިކުޅައެއްބައި ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ދޭންޖެހޭނެކަމަށެވެ. އެހެންނަމަވެސް 2015 ގައި ގާނޫނަށް ގެނެވުނު އިސްލާހަކާއި ގުޅިގެން ރޯދަމަހުގެ އިނާޔަތަކީ 3،000.00 ރ. (ތިންހާސްރުފިޔާ) ކަމުގައި ވަނީ ހަމަޖައްސާފައެވެ.

ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ދިވެހި ކޮންމެ މުވައްޒިފަކަށް ރޯދަމަހުގެ އިނާޔަތު ފައިސާ ދޭންޖެހޭނެ ކަމަށެވެ. އަދި އެމާއްދާގެ (ށ) ގައި ބުނެފައިވަނީ ބިދޭސީ މުވައްޒަފުންނަށް އިނާޔަތް ދިނުމަކީ ވަޒީފާ ދޭ ފަރާތުގެ އިޚުތިޔާރުގައި އޮތްކަމެއް ކަމުގައެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތުގަޑިއަށް މުވައްޒަފުންނަށް ލުއިތަކެއް ދެއެވެ. އެގޮތުން މަސައްކަތުގެ ގަޑިކުރުކޮށްލަނީ – ރޯދަވީއްލުމަށް ތައްޔާރުވުމަށާއި، ރޯދަކުރުކުމުގެ އެކި ކަންކަމަށާއި، އަޅުކަމަށް ވަގުތުދިނުމާއި، ރޯދަމަހާއި ގުޅިގެން އަންނަ ކުޅިވަރާއި މުނިފޫހިފުލުވުމަށް ވަގުތު ދިނުމަށެވެ. އެއީ ދިވެހީންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ޚާއްޞަކޮށް ޓީވީ އާއި ރޭޑިޔޯގައި ދީނީ ޕްރޮގްރާމްތަކުގެ އިތުރުން، ރޯދަމަހަށް ޚާއްޞަ ކުޅިވަރު ޕްރޮގްރާމްތަކާއި، ނަސީބު ވަޒަންކުރުމުގެ ޙަރަކާތްތަކާއި، މުނިފޫހިފިލުވުމުގެ ޙަރަކާތްތައް އޮވެއެވެ. އިހުގައި ރޯދަމަހަށް ޚާއްޞަކޮށްގެން ގެނެސްދިން ލޯބީގެދަރުބާރާއި، ލަވަޔާއި ނެށުމުގެ ހަރަކާތްތައް މިހާރުވަނީ ބޮޑުތަނުން މަދުކޮށްފައެވެ. އެހެންނަމަވެސް، މިހާރުވެސް އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތްފަދަ ހަރަކާތްތައް ރޯދަމަހަށް ޚާއްޞަ ކުރެއެވެ. އިސްލާމްދީނާއި ރޯދަމަހުގެ އަޅުކަމާއި މިކަންކަމާއި އޮތީ ކޮންގުޅުމެއް ކަމެއް އެއްވެސް ބޭފުޅަކު ވިދާޅުވާ އަޑެއް ނާހަމެވެ.

https://sun.mv/214450

އަޅުގަނޑު ހަނދާންވާގޮތުން 1990 ގެ އަހަރުތަކުގެ ތެރޭގައި ލޯބީގެ ދަރުބާރުގެ މައްސަލާގައި އަޅުގަނޑު އިސްލާމިކް މިނިސްޓަރީއަށް ދިޔައިމެވެ. އެތަނުން ކޮޅެއްމެދެއްގައި ޖެހޭނެގޮތެއް ނުފެނިގެން ދެން އަޅުގަނޑު އެމައްސަލަ ހުށަހެޅީ އިންފޮމޭޝަނަށެވެ. އެތަނުން ވެސް ގުޑާނުލައިގެން ދެން އަޅުގަނޑު އެމައްސަލަ ހުށަހެޅީ – އަޅުގަނޑު ގެ އާދައިގެމަތީން ރައީސުލްޖުމްހޫރިއްޔާއަށެވެ. ހަނދާންވާގޮތުން އެސިޓީ ފޮނުވީ ތީމުގެއަށެވެ. ކޮންމެއަކަސް އެކަން ނިމުމަކަށް އައެވެ. އެހެންނަމަވެސް، ރަމަޟާން މަހަށް ޚާއްޞަކޮށްގެން ހިންގާ – ރަމްޟާންމަހާ މުނާސަބުނޫން އެތައްކަމެއް ދިޔައީ ކުރިއަށެވެ.

އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި ސައްތައިންސައްތަ މުސްލިމްގައުމެއްގައި، އިސްލާމްދީނުގެ ރުކުނެއްކަމުގައި ހިމެނޭ އަޅުކަމެއްގެ ތެރެއަށް ނުލިޔަސް – އެހެންދުވަސްވަރެއްގައި، ނަސީބުވަޒަންކުރުމުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ޓެލެޑްރާމާ މުބާރާތްތަކާއި އެނޫންވެސް މުނިފޫހިފިލުވުމުގެ ކަންކަން ކުރިއަށް ގެންދެވިދާނެއެވެ.

ވަޒީފާއާއިބެހޭ ގާނޫނުން، މަސައްކަތްކުރާ ދިވެހިންނަށް ލިބިދިން ރޯދަމަހުގެ އިނާޔަތުގެ އިތުރުން އެތައް ރޯއްޖެއް މިހާރު އަޅުގަނޑުމެންނަށް އެބަލިބެއެވެ. ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮތް ސަރުކާރު މުވައްޒަފުންނަށްދޭ ވަގުތުގެ ލުއިކަމުގެ އިތުރުން، ފަހުދިހައެއް ވެސް އަޅުކަމަށް ޚާއްޞަ ކުރެވި ވަޒީފާއަދާކުރަން ނުޖެހޭ ދުވަސްތަކެއްގެ ގޮތުގައި މިހާރު މިވަނީ ހަމަޖެހިފައެވެ. ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމަށް ނިކުންނަ ދައުލަތުގެ މުވައްޒަފުންނަށް އިތުރު އިނާޔަތް ލިބޭނެއެވެ.

މިރޯދީގައި ލައްވާ ނުލަނީ އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ދަތުރުފަތުރުގެ ޚިދުމަތާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކެވެ. ދަތުރުފަތުރާއި ފަތުރުވެރިކަމާއި ގުޅޭ ޚިދުމަތްތަކުގައި އުޅޭ ފަރާތްތަކަކީ، އެމީހުންގެ މަސައްކަތުގެ ގަޑި މަދުކުރެވޭނެ ބައެއްވެސް ނޫނެވެ. އެކަމަކު އެމީހުންނަކީ ގައުމުގެ އިގުތިސާދުގެ އިންޖީނުގެ އެންމެބޮޑު ބުރައުފުލާ ފަރާތްތަކެވެ. ދައުލަތުގެ މުވައްޒަފުން މަސައްކަތެއްނުކޮށް ގޭގައި ބައިތިއްބައިގެން، ގައުމުގެ މާލީ ތަނަވަސްކަމާއި ނުބައްދަލު އިނާޔަތްތަކާއި ހަދިޔާބަދިޔާ މިދެވެނީ އެމީހުންކުރާ މިންނެތް މަސައްކަތުންނެވެ.

މުސްލިމް ގައުމެއްގައި ދެ ރޯދަމަހެއް ހޭދަކުރުމުގެ ނަސީބު އަޅުގަނޑަށް ލިބުނެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި މިއޮންނަ ކަހަލަ ލުއިތަކެއް ތަޖުރިބާއެއް ނުކުރަމެވެ. ރޯދައަށް ތިބުމަށްޓަކައި އެފަދަ ލުއިފަސޭހަތަކެއް ދޭންޖެހޭކަމަކަށް އެމީހުން ގަބޫލެއްވެސް ނުކުރެއެވެ. އޭގެތެރެއިން އެއްރޯދަމަސް ދިމާވީ އަޅުގަނޑުމެންގެ ޓީޗިންގް ޕްރެކްޓިސްއާއެވެ. ފަތިހު ބަހަށް އަރައިގެން ސްކޫލަށް ދާންޖެހެއެވެ. ރޯދަވީއްލަނީ ގެއަށް އަންނަ މަގުމަތީ ބަހުގައެވެ. އެއީ އެގައުމުގައި ރޯދަމަހަށް ޚާއްޞަކޮށްގެން ސްކޫލް މަދަރުސާގެ ގަޑިތަކަށް ބަދަލު ނުގެންނާތީއެވެ.

ޒަމާނުއްސުރެ ރޯދަމަހަށް ސައުދީން ފޮނުވާ ކަދުރުވެސް ދިވެހީންނަށް ވަނީ ބޮޑު ރޯއްޖަކަށެވެ. މީގެ އިތުރުން މިހާރު ކޮންމެ ކަރަންޓު ބިލަކަށް ލިބޭ މަސްދަޅުކޭހާއި ހަދިޔާބަދިޔާގެ އިތުރުން މިރޯދަމަހުގެ ކަރަންޓު ބިލުވެސް 400 ރުފިޔާގައި ހިފެހެއްޓޭނެއެވެ. މިއީ ޔުނިވަސަލް ސަބްސިޑީގެ ގޮތުގައި ދިވެހިންނަށް – ވަކިފަންތިއެއް ގިންތިއެއްނެތި ލިބޭ ރޯއްޖެކެވެ. ތަނަވަސް ގޭބިސީތަކުގައި މީހުން މަދުވާނެއެވެ. ކަރަންޓުބިލު ގިނަފަހަރަށް ބޮޑުވާނެއެވެ. އެހެންކަމުން، މިރޯދީގައި ބޮޑުފައިދާއެއް ކުރާނީ ތަނަވަސް ގޭބިސީތަކަށް ކަމުގައި އަޅުގަނޑަށް ލަފާކުރެވެއެވެ.

ސަރުކާރުންދޭ މަސްދަޅުކޭހާއި ރޯދަ ޑިސްކައުންޓުގެ އިތުރުން، ކައުންސިލްތަކުންވެސް ތަފާތު ގިނަ އިނާޔަތްތައް ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށްދެއެވެ. މިގޮތުން ބައެއް ރަށްރަށުގައި މުޅި ކަރަންޓުބިލު ހިލޭވުމާއި ކާޑުގެ ބާވަތްތައް ލިބޭކަމަށް ނޫސްތަކުގައި ހުއްޓާ ފެނެއެވެ. މިކަންކަމަށް ޚަރަދުކުރަނި ރައްޔިތުންގެ މާލިއްޔާއަށް ލިބޭ ފައިސާއިންނެވެ. އެހެންނަމަވެސް، ރައްޔިތުންގެ މާލިއްޔާއަށް ލިބޭ ފައިސާއިން މިފަދަ ޚަރަދުތައް ކުރެވިދާނެތޯ އެއީ މާލިއްޔަތާއިބެހޭ ގާނޫނުގެ މާހިރުން ދިރާސާ ކުރައްވަންޖެހޭ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

މީގެ އިތުރުން، ހެޔޮއެދޭ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް އެމެމްބަރުން އިންތިޚާބީ ދާއިރާތަކަށް ރޯދަމަހާއި ދިމާކޮށް ހަދިޔާބަދިޔާ ދެއެވެ. ހެޔޮއެދޭ ފަރާތްތަކުން ކުރާ ހަދިޔާބަދިޔާއަކީ ސަދަގާތެއްކަމުގައި ބެލިދާނެއެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން – އެބޭފުޅުން އިންތިޚާބަށް ކުރިމަތިލާ ދާއިރާތަކަށްބަހާ ސާމާނާއި ކާޑުގެ ބާވަތްތައްވާނީ، ސަބަބުވެރި އިންސާނެއްގެ ސިކުނޑިން ވިސްނާއިރު ރިޝްވަތަށެވެ. އެހެންނަމަވެސް، ރޯދަމަސް ފަދަ އަޅުކަމުގެ މައްސަރަކާއި ގުޅިފައިވުމުން މީހަކު އެއްޗެކޭ ނުބުނެދާއެވެ.

ކޮންމެއަކަސް ދިވެހީންނަށް ރޯދަމަހަކީ ރޯއްޖާއި އުފާވެރިކަމުން ފުރިގެންވާ މައްސަރެކެވެ. މިދެންނެވީ، އަޅުކަމުގެ ބޭރުންނެވެ. އަޅުގަނޑު ދެކޭގޮތުގައި ރޯދަމަހާއި އަޅުގަނޑުމެން މިކުރިމަތިލާގޮތާމެދު އަޅުގަނޑުމެން ފުންކޮށް ވިސްނާލުން ހުއްޓެވެ. ސަލާންޖެހުމާއި ކުޅިވަރުގެ މައްސަރެއްތޯ ނޫނީ އަޅުކަމާއި ފުދުންތެރިކަމުގެ މައްސަރެއްތޯ ވިސްނާލުމަށެވެ. ރޯދަމަހުގެ ރޯއްޖަކަށް ވާންޖެހެނީ، އަޅުގަނޑު ދެކޭގޮތުގައި، ދީނުގައި ޝަރުޢުކުރައްވާފައިވާ ގޮތުގެމަތީން އަޅުކަން އަދާކުރުމެވެ. އެކަމަކާ އަޅުގަނޑު ކުރިން މިދެންނެވި އެއްވެސް ރޯއްޖަކާ ގުޅުމެއްނެތެވެ. ދެން އޮތީ ސަލާންޖެހުމުގެ ވާހަކައެވެ.

ދިވެހިރައްޔިތުންގެ ތެރެއިން މާލީގޮތުން ހަވާސާވެފައިވާ ފަރާތްތަކަށް އެނިކަމެތިކަމުން އަރައިގަތުމަށްޓަކާ ބޭނުންވާ އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުގެ ޚާއްޞަ އިދާރާއެއްވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން އުފައްދާފައެވެ. އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ، ނުވަތަ ޒަރޫރީބޭނުންތައް ފުއްދުމުގައި ލިބޭއެއްޗަކުން ދެކޮޅުނުޖެހޭ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ އިނާޔަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ދައުލަތުގެ ނިޒާމަކީ އެއީއެވެ. އަދި އެނިޒާމު ހިނގާނީ ތަރުތީބުކުރެވިފައިވާ އުޞޫލުތަކަކާއި ހަމަތަކެއްގެމަތީން ހަދާފައިވާ ގަވާއިދުތަކެއްގެ ތެރެއިންނެވެ. މީގެ މިސާލަކީ ނުކުޅެދުންތެރިކަން ހުންނަމީހުންނަށް ދެވޭ ފައިސާގެ އިނާޔަތާއި، އެކަނިވެރި މައިން ބަފައިންނަށް ދެވޭ ފައިސާގެ އިނާޔަތެވެ.

ދިވެހިރާއްޖެއާއިބެހޭގޮތުން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ 2024 ވަނަ އަހަރުގެ އާޓިކަލް 4 ކޮންސަލްޓޭޝަން އާއި ގުޅިގެން ނެރުނު ކަންޓްރީ ރިޕޯޓް 106/24 ގައި ބުނެފައިވަނީ – 2024 ގެ ބަޖެޓުގައި، ތެލާއި ކަރަންޓާއި އެހެނިހެން ސަބްސިޑީތައް އެކަމަށްބޭނުންވާ ފަރާތްތަކަށް އެކަނި ދެވޭ ފައިސާގެ އެހީއަކަށް ބަދަލުކުރެވޭނެކަމަށެވެ. އަޅުގަނޑުމެންނަށް އަދިވެސް މިދެވެނީ އެއާ ދުރަށެވެ. ދިމާ އިދިކޮޅަށެވެ. މިއީ އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ.

އަޅުގަނޑުގެ ދުޢާއަކީ މިރޯދަމަހަކީ ވެސް އަޅުގަނޑުމެންނަށް ބަރަކާތްތެރި މައްސަރެއްކަމުގައި މާތްﷲ މިންވަރުކުރެއްވުމެވެ. އަދި ދެދުނިޔޭގެ ބާއްޖަވެރިކަމަކަށް ހެޔޮނިޔަތުގައި މަސައްކަތް ކުރުމުގެ ހެޔޮތައުފީގު ދެއްވުމެވެ. އާމީން.

ގުޅޭ ޓެގު
comment ކޮމެންޓް