ރާއްޖޭގެ ފުޓްސަލް ރަސްކަން ނައިވާދޫއަށް، ތަށި ބޮޑުތިލަދުންމައްޗަށް

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ނައިވާދޫން ޓްރޮފީ އުފުލާލަނީ-- ފޮޓޯ: އިމޭޖަސް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ފައިނަލުގައި ގއ. ދެއްވަދޫ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހދ. ނައިވާދޫ ހޯދައިފިއެވެ.

މިއީ ޖެހިޖެހިގެން ގޯލްޑަންގެ ފައިނަލުގައި ނައިވާދޫ ވާދަކުރި ދެވަނަ އަހަރެވެ. މިދިޔަ އަހަރުގެ ފައިނަލުން އެ ޓީމު ބަލިވީ ކާށިދޫ އަތުންނެވެ.

ނަމަވެސް މިފަހަރު ނައިވާދޫ ފެނުނީ ކުރިއަށްވުރެ ތަފާތުކޮށެވެ. ފައިނަލުގައި ދެއްވަދޫ އަތުން ނައިވާދޫ މޮޅުވީ 3-9 ގެ ބޮޑު ތަފާތަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ދެއްވަދޫންނެވެ. އެގޮތުން މެޗު ފަށައިގެން 15 ވަނަ ސިކުންތުގައި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެ ޓީމަށް ލީޑުނަގައިދިން އިރު، އަހުމަދު ހަމީދު (އައްމަޑޭ) ވަނީ ނައިވާދޫއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ނަމަވެސް އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ނައިވާދޫއަށް ލީޑުނަގައިދީފައެވެ. އަދި މުހައްމަދު ޔާމިން (ޔާންޓެ) ލީޑު ފުޅާކޮށްދިންއިރު، ވީޑިއޯ ސަޕޯޓުގެ އެހީގައި ލިބުނު ޕެނަލްޓީއަކުން އައްމަޑޭ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނައިވާދޫ ނިންމާލީ ތިން ލަނޑުގެ ލީޑަކާއެކުއެވެ.

މެޗުގެ ދެވަނަ ހާފުގައި ރާއްކޮ ވަނީ ދެއްވަދޫއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އެ ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް ހުސެއިން މައިޝާން ވަނީ ނައިވާދޫގެ ލީޑު ފުޅާކޮށްދީފައެވެ.

އޭގެފަހުން މުހައްމަދު އިމްރާން (އިންމި) ދެއްވަދޫގެ ތިންވަނަ ލަނޑު ޖެހިއިރު، ޕަވާޕްލޭގައި ދެއްވަދޫ ކުޅެމުންދަނިކޮށް ލިބުނު ބޯޅައިން ޝާއްޕެ ވަނީ ދެ ލަނޑުޖަހާ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މައިޝާން އާއި އަބްދުﷲ ވިސާމް (ވިޝާންޓެ) ވެސް ވަނީ ލަނޑުޖަހާފައެވެ.

ކޮންމެ އަހަރަކުވެސް ހޮވާ އެންމެ ފުޓްސަލް ކިންގުގެ މަގާމު މިއަހަރު ލިބުނީ މުހައްމަދު ޔާމިން (ޔާންޓެ) އަށެވެ. މީގެއިތުރުން މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ އިތުރުން އެންމެ މޮޅު ގޯލްކީޕަރާއި އެންމެ އުންމީދީ ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ ވަނީ ހޮވާފައެވެ.

ފުޓްސަލް ކިންގުގެ މަގާމު ލިބުނު މުހައްމަދު ޔާމިން (ޔާންޓެ)-- ފޮޓޯ: އިމޭޖަސް

އެންމެ މޮޅު ފަސް ކުޅުންތެރިން

  • މުހައްމަދު ޔާމިން (ޔާންޓެ) - ނައިވާދޫ
  • އަހުމަދު ހަމީދު (އައްމަޑޭ) - ނައިވާދޫ
  • އަލީ ހަަައިޝަމް (ޗުމްޕު) - ދެއްވަދޫ
  • އަލީ އަލްސަން - މަތިވެރި
  • މުހައްމަދު އިސާމް (ޝަންޓެ) - ދުވާފަރު

މުޅި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް އޭދަފުށީގެ އަބްދުﷲ ނާސިހު ހޮވުނުއިރު އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ ސާއިފް އަލީއެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ށ. ކަނޑިތީމުގެ ރައުލް ނިޔާޒެވެ. އޭނާ ވަނީ ޖުމްލަ 13 ލަނޑު ޖަހާފައެވެ.

ފެއާޕްލޭ ޓީމަކަށް ކ. ގާފަރު ހޮވުނުއިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ނައިވާދޫ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނައިވާދޫގެ މުހައްމަދު ނާޝިދު އަހުމަދު ނަސީމް (ނާއްޓެ) އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު