ނޮދަން އަޔަލޭންޑަށް ނިސްބަތްވާ މި ފަތުރުވެރިޔާ "ދުނިޔެ މަތީގެ ސުވަރުގެ" ކަމަށް ބުނާ މި ރާއްޖެއަށް އައީ ޗުއްޓީ ހޭދަކުރުމަށެވެ. ހިތްހަމަޖައްސައިލައި އުފާވެރިކަމުގެ އިހުސާސް ހޯދުމަށެވެ. ނަމަވެސް ކ. ދިއްފުށިން، ދިވެހީންގެ ދިރިއުޅުމުގެ މާހައުލުން އޭނާއާ ބައްދަލުކުރީ މާ ބޮޑު ނަސީބެކެވެ. އެއީ މާ މަތިވެރި ނިއުމަތެކެވެ. ޗުއްޓީއަށް އައި އެ ފަތުރުވެރިޔާގެ ހިތުގައި އިސްލާމްދީނަށް އުފެދިފައި އޮތް ބޮޑު ލޯތްބެއްގެ ސަބަބުން، އޭނާ އިސްލާމްވީއެވެ. މުސްލިކަމަށް ވުމުގެ ހިދާޔަތް މިންވަރުކުރެއްވީއެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އާންމުވީ ވީޑިއޯއަކުން ފެންނަނީ އެ އަންހެން ފަތުރުވެރިޔާ މިސްކިތެއްގެ ތެރޭ ޝަހާދަތް ކިޔާ މަންޒަރެވެ. ފެންނަނީ ދިވެއްސަކު އެ ފަތުރުވެރިޔާއަށް ޝަހާދަތް ލައިދޭ މަންޒަރެވެ. އިސްލާމްވީ ވަގުތު އޭނާ ހުރީ ބުރުގާ އަޅައި، ހަށިގަނޑު ނިވާވާނޭ ފަދަ ހެދުމެއްގައެވެ. ޝަހާދަތް ލައިދެމުން ދިޔަ ވަރަކަށް، އޭނާ ދިޔައީ ވަރަށް ފަރުވާތެރިކަމާއެކު އެ އިބާރާތްތައް ތަކުރާރުކުރަމުންނެވެ. އިސްލާމްވުމަށްފަހު އެ އަންހެން މީހާއަށް މިހާރު ދީފައިވާ ނަމަކީ "ޖަމީލާ" އެވެ.
"ސަން"އާ ވާހަކަދައްކަމުން އޭނާ ބުނި ގޮތުގައި އިސްލާމްދީން އިޚްތިޔާރު ކުރި ސަބަބު ބަޔާންކޮށްދޭން އޭނާއަށް ދައްޗެވެ. އޭނާ ސިފަކުރާ ގޮތުގައި އެއީ އޭނާގެ އިހުސާސްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ވަރަށް އަސަރުގަދަ ނިންމުމެކެވެ.
އޭނާ ބުނި ގޮތުގައި 2006 ވަނަ އަހަރުން ފެށިގެން އޭނާ އުޅެމުން އައީ މުސްލިމް ރަހުމަތްތެރިންނާ އެކުގައެވެ. އެއީ ސްޕެއިންގެ ލަންޒަރޯޓޭއިން އޭނާއާ ބައްދަލުވި މޮރޮކޯ ބައެއްކަމަށް ޖަމީލާ ބުންޏެވެ.
އެ ރަހުމަތްތެރީންގެ ތެރެއިން ޖަމީލާއަށް ފެނުނީ ވަރުގަދަ ބަދަހި ގުޅުމާއި، އެހީތެރިވުމުގެ މަތިވެރި ސިފައެވެ. އަދި ކޮންމެ ކަމެއްގައި ވެސް އެ މީހުންގެ ވެރި އިލާހުކަމަށްވާ މާތްﷲ އަށް ކުރާ އިތުބާރެވެ.
"އެ އެކުވެރިންގެ މެދުގައި އޮންނަ ވަރުގަދަ އުޚުއްވަތްތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގައި ބަހައްޓާ ފަރުވާތެރިކަން އަޅުގަނޑު ގާތުން ދުށިން. އަދި ނަމާދަކީ އެ މީހުންގެ ދިރިއުޅުމުގެ އެންމެ މުހިންމު އަސާސް ކަމާއި، އެބޭފުޅުންނަށް ބޭނުންވާ ކޮންމެ ކަމެއް ﷲ ފުއްދަވައިދެއްވާނެކަމުގެ މައްޗަށް އޮންނަ ފުރިހަމަ އިތުބާރާއި ތަވައްކަލް ފެނި، އަޅުގަނޑަށް ވަރަށް ބޮޑު އަސަރެއް ކުރި،" ޖަމީލާ ބުންޏެވެ.
ޖަމީލާ ބުނި ގޮތުގައި އޭނާ ވެސް އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިހްތިރާމް އިތުރުކުރަން ބޭނުންވެއެވެ. އަދި ދިރިއުޅުމުގައި ރަނގަޅު ނިންމުންތަކެއް ނިންމަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ ފަދަ ދިރިއުޅުމެއް އުޅެން ބޭނުންވާ އިރުޝާދާއި މަގު އޭނާއަށް ފެނުނީ އިސްލާމްދީނުގެ ތެރެއިން ކަމަށް ޖަމީލާ ބުންޏެވެ.
އަދި އެ އިރުޝާދާއި، ހެޔޮ މަގު އިސްލާމްދީނުގައިވާކަމުގެ އިހުސާސް ކުރެވޭތާ ވަރަށް ގިނަ އަހަރުތަކެއް ވެފައިވާ ކަމަށް ވެސް ޖަމީލާ ބުންޏެވެ.
"އަޅުގަނޑުގެ އަމިއްލަ ނަފްސަށް ކުރާ އިހުތިރާމް އިތުރުކޮށް، ދިރިއުޅުމުގައި ރަނގަޅު ނިންމުންތަކެއް ނިންމަން އަޅުގަނޑު ބޭނުންވެ، ބާއްޖަވެރި ދިރިއުޅުމަކަށް ބޭނުންވާ ހުރިހާ އިރުޝާދުތަކެއް އިސްލާމްދީނުގައިވާކަން އަޅުގަނޑަށް ގަބޫލުކުރެވޭތާ މިހާރު އެތައް އަހަރެއް ވެއްޖެ،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި، އިސްލާމްދީނާ ބެހޭ އިތުރު މައުލޫމާތު ދަސްކުރާ ވަރަކަށް ކުރެވުނީ "އަމިއްލަ ގެއަށް އެނބުރި އާދެވުން" ފަދަ އުފާވެރި އިހުސާސެކެވެ.
އިތުރު ރަހުމަތްތެރިއަކާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ޖަމީލާ ރާއްޖެއިން ފުރާނީ ބުދަ ދުވަހެވެ. ރަމަޟާން މަސް ފެށެން ދެތިން ދުވަހަށްވެފައިވާއިރު، ޖަމީލާ ބުނި ގޮތުގައި އޭނާގެ ހަޔާތުގެ ފުރަތަމަ ރަމަޟާން މަހާ ކުރިމަތިލާން ލިބޭތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ.