ދިރާގު x އައިސިކް ބޭނުންކުރާ ކަސްޓަމަރުންނަށް ޝަންގްހާއީ ޑިޒްނީލޭންޑަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، ޚާއްސަ ރިފަރަލް ޕްރޮމޯޝަނެއް ދިރާގުން ތައާރަފުކޮށްފިއެވެ.
މި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޝަންގްހާއީ ޗައިނާއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ފަސް ރޭގެ ހުރުމާއި، ޑިޒްނީލޭންޑަށް ދިޔުމުގެ ފުރުސަތު ލިބޭނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ، ދިރާގު x އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަށް ރަޖިސްޓަރީވުމަށް ފަހު، އެ ކާޑު އެހެން މީހުންނަށް ތައާރަފުކުރަންވީއެވެ. އަދި އެ މީހަކު ދިރާގު x އައިސިކްއަށް ރަޖިސްޓަރީކުރާއިރު މި ޚިދުމަތް ތައާރަފުކޮށްދިން މީހާގެ ފޯނު ނަންބަރު ރިފަރަލްގެ ގޮތުގައި ޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަންނަ މަހުގެ 31ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި، ވީހާވެސް ގިނަ ބަޔަކަށް ޚިދުމަތް ތައާރަފުކޮށްދީގެން އިނާމު ހޯދުމުގެ ފުރުސަތު އިތުރުކުރެވޭނެއެވެ.
މީގެ އިތުރުން، ކިޔަވާ ކުދިންނަށް ޚާއްސަ ދިރާގު x އައިސިކްއަށް މި މަހުގެ 28ގެ ކުރިން މުޅިން ހިލޭ ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. ރަޖިސްޓާ ކުރުމަށްފަހު މި ކާޑުން ލިބޭ ޚާއްސަ ޑިސްކައުންޓްތައް އެއް އަހަރުވަންދެން ބޭނުންކުރެވޭނެއެވެ.
ދިރާގުން ބުނީ، މިއީ ދަރިވަރުންނަށް ލިބޭ ފުރުސަތުތައް ފުޅާކޮށް، މި ޚިދުމަތުގެ ފައިދާ އެހެން ފަރާތްތަކާ ހިއްސާކުރާ ކިޔަވާ ކުދިންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ކުންފުނިން ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށެވެ.
ދިރާގުން ދަނީ ދިވެހި ޒުވާނުންނާއި ކިޔަވާ ކުދިންނަށް، ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޚާއްސަ އޮފާތަކާއި ތަޖުރިބާތައް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ.