މޯލްޑިވް ގޭސްގެ މައްސަލަ ހައްލު ނުވަނީސް، ވިލާއިން ވެސް ގޭސް ވިއްކުން މަދުކޮށްފި

ވިލާ ގޭސް: ވިލާއިން ގޭސް ވިއްކާވަރު ވެސް ވަނީ މަދުކޮށްފައި -- ފޮޓޯ/ ވިލާ ގޭސް

މޯލްޑިވް ގޭސްގެ މައްސަލަ ހައްލު ނުވަނީސް، ރާއްޖެއަށް ތެޔޮ އެތެރެކުރާ ވިލާއިން ވެސް ގޭސް ވިއްކުން މަދުކޮށްފިއެވެ.

ދައުލަތުގެ ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ މޯލްޑިވް ގޭސްއިން ފާއިތުވި ދުވަސްތަކުގައި ވަނީ، މީގެ ކުރިން ވިއްކަމުން އައި 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ވިއްކަން ފަށައިފައެވެ. އަދި ގޭހަށް އޯޑަރު ދިނުމުން، ގޭސް ލިބުން އިންތިހާއަށް ލަސްވާ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ.

މީގެ ކުރިން މޯލްޑިވް ގޭހުގެ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން"އަށް ދިން މައުލޫމާތުގައިވަނީ، އެ ކުންފުންޏަށް މިހާރު ލިބެނީ ވިލާ ކުންފުނިން ގަންނަ ގޭސް ކަމަށެވެ. އަދި އެ ކުންފުނީގެ އަމިއްލަ ސްޓޮކް އާ ކުރެވޭނީ މި މަހު 15 ހިސާބުގައި ބޯޓު އައުމުން ކަމަށް ބުނެފައިވެއެވެ.

https://sun.mv/217706

އެހެންނަމަވެސް، "ސަން"އިން މިއަދު މައުލޫމާތު ސާފުކުރިއިރު، މޯލްޑިވް ގޭސްއިން މިހާރު ވެސް ވިއްކަމުން އަންނަނީ 10 ކިލޯގެ ބަދަލުގައި ހަތް ކިލޯގެ ގޭހެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލާއިން ވެސް މިހާރު ވަނީ ގޭސް މަދުން ވިއްކަން ފަށައިފައެވެ.

ވިލާ ގޭހަށް އޯޑަރު ކުރަން ގުޅުމުން މައުލޫމާތު ދެނީ، އާންމުކޮށް 200 ރުފިޔާއަށް ލިބެން ހުންނަ 10 ކިލޯގެ ގޭހުގެ ބަދަލުގައި މިހާރު ވިއްކަނީ، 140 ރުފިޔާއަށް ހަތް ކިލޯ ކަމަށެވެ. އެއީ ވަގުތީ ގޮތުން އައިސްފައިވާ ބަދަލެއް ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

ވިލާ ގޭހަށް އިތުރު ކަސްޓަމަރަކު ގުޅުމުން ވަނީ، ގޭސް ވިއްކަނީ މަދުންކަން ފާހަގަކޮށް، އެއީ ގޭސް ސްޓޮކް މަދުވުމުން ގެނައި ބަދަލެއް ކަމަށް ބުނެފައެވެ.

އެ ބަދަލާ ގުޅޭ ގޮތުން ވިލާ ހަކަތައިގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ލިބިފައިނުވެއެވެ.

https://sun.mv/217757

މިދިޔަ ހޯމަ ދުވަހު އެސްޓީއޯއިން ވަނީ، މަދުން ގޭސް ވިއްކަމުން އަންނަނީ، ދުނިޔޭގެ ސަރަހައްދީ ބާޒާރުގެ ސަޕްލައިއަށް އައި ލޮޅުންތަކަކާ ހެދި ކަމަށް ބުނެފައެވެ. އަދި ގޭހުގެ ސަޕްލައިއަށް އަންނަ ބަދަލުތަކަކާ ގުޅިގެން ރާއްޖެއަށް ގޭސް އެތެރެކުރާ ދެ ކުންފުނިން އަބަދުވެސް ރޭޝަން ކޮށްގެން ނުވަތަ ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކުމަކީ ކުރިން ވެސް ކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ.

އެސްޓީއޯއިން އޭރު ބުނީ، އެ ލޮޅުމާ ހެދި ޖެހިފައިވާ މައްސަލަ މި ހަފުތާގައި އެއްކޮށް ހައްލުކުރެވޭނެ ކަމަށާއި، އެއާއެކު، ކުރިއެކޭ ވެސް އެއްގޮތަށް 10 ކިލޯގެ ގޭސް ފުޅި ވިއްކަން ފަށާނެ ކަމަށެވެ.

comment ކޮމެންޓް