ބ. ދަރަވަންދުއަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށް ވެސް، އެ ރަށަށް ނިސްބަތްވާ ޅެންވެރީންގެ މަސައްކަތްތައް ދައްކުވައިދޭ ގޮތަށް ގޮނޑިތަކެއް ބަހައްޓައިފިއެވެ.
ދަރަވަންދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ދަތުރުވެރީންނަށް ޚާއްސަ މައިޒާނެއް ވަނީ ރަސްމީކޮށް ހުޅުވާލައިފައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.
އެ ރަސްމިއްޔާތުގައި އަޝްރަފް ވިދާޅުވީ، އަދަބިއްޔާތަކީ މީހާގެ ނަފުސު ޠާހިރުކޮށްދޭ އެއްޗެއް ކަމަށާއި މީހާގެ ނަފުސަށް ކާނާ ގެނެސްދޭ އެއްޗެއް ކަމަށެވެ. އަޝްރަފް ވިދާޅުވީ، ދަރަވަންދޫގެ ޅެންވެރީންގެ ޅެންތަކާއި ލަވަތައް އަޑުއިވުމުން ހިތަށް އުފާވެރިކަން ގެނުވާ ކަމަށެވެ.
ދަރަވަންދޫ ދަތުރުވެރިންގެ މައިޒާން ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ
އެހެންކަމުން ދަރަވަންދޫގައި ބަހައްޓައިފައިވާ ގޮނޑިތަކަކީ ޅެންވެރީންގެ މަސައްކަތްތައް ތުއްތު ކުދީންނާ ހަމައަށް ވެސް ފޯރުކޮށްދޭނޭ ރަނގަޅު ވަސީލަތެއް ކަމަށް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީހު ވިދާޅުވީ، އެ ގޮނޑިތައް ހެދުމަށް ނިންމީ ތިން ގޮތަކަށް ވިސްނާފައި ކަމަށެވެ. އެއީ ދަރަވަންދޫއަކީ ޅެންވެރި ރަށެއްގެ ގޮތުގައިއާއި މަންތާ އައިލެންޑެއްގެ ގޮތުގައިއާއި ބަގީޗާ ރަށެއްގެ ގޮތުގައި ވެސް ޕްރޮމޯޓް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރަވަންދޫގައި އެރަށަށް ނިސްބަތްވާ ޅެންވެރީން ރަމްޒުކޮށްދޭ ޗާލު ގޮޑިތަކެއް --
ޢަލީ ސަމީހު ވިދާޅުވީ ދަރަވަންދޫއަކީ ތާރީޚީ، މުއްސަނދި ޅެންވެރިކަމެއް އޮތް ރަށެއް ކަމަށާއި ނަމަވެސް އެކަން އެ ރަށަށް ޒިޔާރަތްކުރާ ދިވެހީންނާއި ފަތުރުވެރީންނަށް ނޭނގޭ ކަމަށެވެ.
އެހެންކަމުން ކައުންސިލްގެ މަގުސަދަކަށްވީ އެކަން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރީންނާއި އެހެން ރަށްރަށުގެ މީހުންނަށް އެންގުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިހާތަނާ ޖެހެންދެން ޙުސައިން ޞަލާޙުއްދީނަކީ، ޖަމީލް ދީދީއަކީ ދަރަވަންދޫއަށް ނިސްބަތްވާ ބޭފުޅުން ކަމެއް އެނގިފައެއް ނެތް. ޞަލާޙުއްދީންގެ މަންމާފުޅު ތުއްތުމަނިކެއަކީ މި ރަށު ބޭފުޅެއް. އިބްރާހީމް ޝިހާބް އަދި ޖަމީލް ދީދީގެ މާމާފުޅު ތުއްތުމަނިކެ އަކީ މި ރަށުގެ ބޭފުޅެއް. އެހެންކަމުން ކައުންސިލުން ނިންމީ ދަރަވަންދޫގައި ތިބި ޅެންވެރީންނާ ގުޅޭ ގޮތަށް އެ ޅެންވެރީންގެ ނަން ބޭނުންކޮށްގެން ގޮޑިތަކެއް ތައްޔާރުކުރަން. ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީހު
ކައުންސިލްގެ ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ގޮނޑިތަކަށް ''ކިއުއާރް ކޯޑް''އެއް ލާނެ ކަމަށާއި ކިއުއާރްކޯޑު މެދުވެރިކޮށް ޅެންވެރީންނާ ގުޅޭ މައުލޫމާތާއި، އެ ބޭފުޅެއްގެ ހުރިހާ ޅެންތަކެއް އޮންލައިންކޮށް ފެންނާނޭ ގޮތް ހަދާނެ ކަމަށެވެ.
މީގެ އިތުރުން، އެ ރަށަށް ނިސްބަތްވާ އިތުރު 10 ޅެންވެރީންގެ ގޮނޑިތައް ވެސް މުސްތަގުބަލުގައި ބަހައްޓައި، ގޮނޑިތައް ހިޔާކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.