ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެހީތެރިވުމަށް އެމްއެންޔޫއިން އޭސީސީއާއެކު ސޮއިކޮށްފި

ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމަށް އެމްއެންޔޫއިން އޭސީސީއާއެކު ސޮއިކޮށްފި -- ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު މުއައްސަސާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއ،ި ގުޅިގެން
މަސައްކަތްކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެމްއެންޔޫއިން ބުނީ މި ފަހުމުނާމާއަކީ ޔުނިވާސިޓީގެ ތަޢުލީމީ އަދި ފަންނީ ދާއިރާގެ ބޭނުން ހިފައިގެން، ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމަށާއ،ި ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި މި އެއްބަސްވުމުގެ ދަށުން، ކޮރަޕްޝަން އާލާވިޔަނުދިނުމަށްޓަކައި ޔުނިވާސިޓީގެ ފަރާތުން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާކަމަށްވެސް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

އަދި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އޭސީސީއިން ދޭ ލަފަޔާއި އިރުޝާދުތައް ޔުނިވާސިޓީގެ ނިޒާމުގެ ތެރޭގައި ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް އެއްބަސްވެފައި ވާކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ދެ ފަރާތުގެ ދެމެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމުގައި ދިމާވާ ކަންކަމުގައި ހަރުދަނާ ފީޑްބެކް ނިޒާމެއް ޤާއިމްކޮށް، މަސައްކަތްތައް ކުރިއަށްދާ ގޮތް ގަވާއިދުން މުރާޖަޢާ ކުރެވޭނެ ކަމަށް އެ ޔުނިވާސިޓީއިން ބުނެއެވެ.

އެގޮތުން މި ފަހުމުނާމާގެ ދަށުން ކުރެވޭ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު މީޑިއާއަށާއި އާންމުންނަށް ހިއްސާކުރުމުގައި އަމަލުކުރާނެ ގޮތްތަކެއްވެސް ކަނޑައަޅާފައި ވާއިރު، އެމްއެންޔޫއިން ގަބޫލުކުރާ ގޮތުގައ،ި މިފަދަ ގުޅުމެއްގެ ސަބަބުން އެ ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި ނަޒާހަތްތެރިކަމުގެ ސިފަ އަށަގަނުވައ،ި ދައުލަތުގެ މުއައްސަސާތަކަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ތަންތަނަށް ހެދުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

comment ކޮމެންޓް