އެޕަލް އިންޓެލިޖެންސްގެ އާ ފީޗާއެއް ކަމަށްވާ "ޕްލޭލިސްޓް ޕްލޭގްރައުންޑް"، އައިއޯއެސް 26.4 ގައި ހިމެނުމަށް އެކުންފުނިން ތައްޔާރުވެއްޖެއެވެ.
މިއީ ޔޫޒަރުން ލިޔުމުން އަންގާ ގޮތަކަށް ނުވަތަ ޚިޔާރުކުރާ ލަވަތަކަކަށް ބިނާކޮށް، އޭއައި ބޭނުންކޮށްގެން ޕްލޭލިސްޓް އުފައްދައިދޭ ޓޫލެކެވެ.
ހޯމަ ދުވަހު ނެރުނު އައިއޯއެސް 26.4 ގެ ފުރަތަމަ ބީޓާ ވާޝަންގައި، އެޕަލް ޕޮޑްކާސްޓަށް ވީޑިއޯ ސަޕޯޓް ލިބުން ފަދަ ބަދަލުތައް ހުރި ނަމަވެސް، ފުރަތަމަ ބެލިބެލުމަށް އެޕަލް އިންޓެލިޖެންސްގެ އާ ކަންތައްތަކެއް ފާހަގައެއް ނުކުރެވުނެވެ. ނަމަވެސް ފަހުން ޓެކް ނޫސްތަކުން ކަށަވަރުކޮށްދިން ގޮތުގައި، މި އަޕްޑޭޓްގައި "ޕްލޭލިސްޓް ޕްލޭގްރައުންޑް" ހިމެނިފައިވެއެވެ.
އޯއެސް އަޕްޑޭޓަށްފަހު އެޕަލް އިންޓެލިޖެންސްގެ ބައިތައް ޑައުންލޯޑްވާން ވަގުތު ނަގާތީ، ފުރަތަމަ މިކަން ހާމަވެފައި ނުވަނީއެވެ.
މި ފީޗާ މެދުވެރިކޮށް ޔޫޒަރުންނަށް ފަސޭހަ ކޮމާންޑްތަކެއް ބޭނުންކޮށްގެން ޕްލޭލިސްޓް ހެދޭނެއެވެ. މިގޮތުން ބޭނުންވާ ޕްލޭލިސްޓްގެ ސިފަތައް ލިޔުމުން ނުވަތަ 'ޓެކްސްޓް ޕްރޮމްޕްޓް' ޖެހުމުން އެއާ އެއްގޮތަށް ޕްލޭލިސްޓް ހަދައިދޭނެއެވެ.
މީގެ އިތުރުން ވަކި މޫޑެއް ޚިޔާރުކޮށްގެން ނުވަތަ 10 ލަވަޔާ ހަމައަށް ލަވަތަކެއް ނަގައިގެން، އެ ލަވަތަކާއި އަލްބަމްތަކާ ގުޅޭގޮތަށް ވެސް ޕްލޭލިސްޓް އުފެއްދޭނެއެވެ.
މި ފީޗާއަށް ނަން ދީފައިވަނީ އެޕަލްގެ "އިމޭޖް ޕްލޭގްރައުންޑް" އާ އެއްގޮތްވާ ގޮތަށެވެ. މީގެ ކުރިން ބީޓްސް މިއުޒިކްގައި ބޭނުންކުރި "ދަ ސެންޓެންސް" ފީޗާއާ މި ފީޗާ ވައްތަރު ގޮތެއް ހުރި ނަމަވެސް، މިއީ އެއަށްވުރެ ފުޅާކޮށް، ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން މަސައްކަތްކުރާ ނިޒާމެކެވެ.
އެޕަލް މިއުޒިކްގައި މިހާރުވެސް ތަފާތު ގިނަ ގޮތްގޮތަށް ޕްލޭލިސްޓްތައް ހުރި ނަމަވެސް، އޭއައި ބޭނުންކޮށްގެން އުފައްދާ މިފަދަ ޕްލޭލިސްޓްތަކުގެ ސަބަބުން މިއުޒިކް ހޯދައި އަޑުއެހުމަށް އާ ދޮރެއް ހުޅުވިގެންދާނެއެވެ.
އައިއޯއެސް 26.4 ގެ ބީޓާ މަރުހަލާ އަދި ކިރިޔާ ފެށުނީ ކަމަށްވާއިރު، މީގެ އާންމު ރިލީޒް ނެރޭނެ ކަމަށް ބެލެވެނީ އަންނަ މާރިޗު މަހުގެ ތެރޭގައެވެ.