މިފަހަރު ރޯދައަށް ގޮއިދޫ ދަނޑުތަކުން މާލެއަށް 30 ޓަނަށްވުރެ ގިނަ ކަރާ

ށ. ގޮއިދޫ އިން ބާޒާރަށް ނެރުމަށް ކަނޑާފައި ހުރި ކަރާތަކެއް: އެރަށުން 30 ޓަނަށް ވުރެ ގިނަ ކަރާ މާލޭގެ ބާޒާރަށް ގެންނާނެ---/ ފޮޓޯ، ގޮއިދޫ ހުސައިން ރަޝީދު

މިފަހަރު ރޯދައަށް ށ. ގޮއިދޫ އިން 30 ޓަނަށްވުރެ ގިނަ ކަރާ މާލެ ގެންނާނެކަމަށް އެ ރަށުން މިއަދު ބުނެފިއެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު 'ސަން' އަށް ވިދާޅުވީ މިފަހަރު ދަނޑުވެރިންނަށް ޚާއްސަކޮށްގެން އެގްރިކަލްޗާ މިނިސްޓްރީން ހެދި ދަނޑުވެރިންގެ ބާޒާރަށް އެ ރަށުގެ ގިނަ އުފެއްދުންތަކެއް ގެންނަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން 30 ޓަނަށް ވުރެ ގިނަ ކަރާ މާލެ ގެންނާނެ ކަމަށް ވިދާޅުވިއެވެ.

"މިފަހަރު ރޯދައަށް ދަނޑުވެރިން މައިގަނޑު ގޮތެއްގައި ހެއްދީ ކަރާ. އެކަމަކު ބަޓާނާ. މެލަންގެ އިތުރުން އެހެން ބާވަތްތައް ވެސް ހެއްދި. ކަރާ އަށް ބަލާއިރު، 30 ޓަނަށްވުރެ ގިނަވާނެ ޔަގީނުން ވެސް

ޝާހިދު ވިދާޅުވީ މާލޭގައި ދަނޑުވެރިންގެ ޚާއްސަ މާރުކޭޓެއް އޮންނަކަން ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން އެންގީ ރޯދައާ ވަރަށް ގައިވެފައިވަނިކޮށް ކަމަށާއި، އެހެން ނޫންނަމަ ދަނޑުވެރިންނަށް އިތުރު ބާވަތްތައް ހައްދަން ވެސް ވެސް ފުރުސަތު ލިބުނީސް ކަމަށެވެ.

އޭނާ ވިދާޅވީ ގޮއިދޫގެ ދަނޑުވެރިންނަކީ އަބަދުވެސް ދަނޑުވެރިކަމުގެ ރަނގަޅު އާދަތަކަށް އަހުލުވެރި ބައެއް ކަމަށެވެ. އަދި މިހާރު އެ ރަށުގެ 10 ދަނޑު އެމްގެޕް ސެޓިފައިޑް ވެފައިވުމުން، ބާޒާރަށް ނެރޭ ބާވަތްތަކަކީ ރައްކާތެރި ކާނާކަން ކަށަވަރުވާނެ ކަމަށެވެ.

މާލެ ގެނައުމަށް ށ. ގޮއިދޫގެ ދަނޑަކުން ކަނޑާފައި ހުރި ކަރާ--/ ފޮޓޯ ގޮއިދޫ, ހުސައިން ރަޝީދު

މިހާރު ކަސްޓަމަރުން ވެސް ކަންބޮޑުވާ ކަމަކީ ތަކެތީގައި ކެމިކަލް ގިނަވުން. އެހެން ނަމަވެސް. މިރަށުގައި އުފައްދާ ތަކެއްޗަކީ އުސޫލާއި ހަމަތަކުގެ މަތިން ހައްދާ ތަކެއްޗަށް ވުމުން، ބާޒާރަށް މި ގެންދާ ތަކެއްޗަކީ ކެއުމުގައި ބޭނުންކުރަން ރަނގަޅު ރައްކާތެރި ތަކެތިކަން ކަށަވަރު ވާނެ.

ދަނޑުވެރިންނަށް ޚާއްސަ ބާޒާރެއް ހަދައިދީ، ތަކެތި ސަޕްލައިކުރާނެ އިންތިޒާމް ހަމަޖެހުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ސަޕްލައި އުޅަނދު ލަސްވުމުން ރޯދަމަހުގެ ފުރަތަމަ ދުވަހަށް ބާޒާރަށް ތަކެތި ގެއްދެވިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ށ. ގޮއިދޫގެ ދަނޑެއްގައި އަޅާފައި އޮތް ރޮކް މެލަން އެއް: އެރަށުން ކަރާގެ އިތުރުން މެލަން ވެސް ވަނީ ހައްދާފަ--/ ފޮޓޯ ގޮއިދޫ ، ހުސައިން ރަޝީދު

އޭނާ އިތުރަށް ވިދާޅުވީ ދަނޑުވެރިންނަށް ބޭނުންވަނީ، ހިލޭ އެހީތަކަކަށްވުރެ ބޮޑަށް މިފަދަ މާކެޓްތަކެއް ކަމަށެވެ. އަދި ދުރާލާ ތައްޔާރުވެވިގެން އިންތިޒާމްތައް ހަމަޖެހޭނަމަ، ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް