މަގުހަދަން ބަންދުކުރި ނޯތު ހާބަރު ފަޅު މިރޭ ހުޅުވާލަނީ

ބޭރުމަގުގެ ތާރުއަޅާފައި އޮތް ސަރަހައްދު ފަތިހު ހުޅުވާލާނެ -- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ

މަގު ހެދުމަށް ހުސްކޮށްފައިވާ މާލޭގެ ނޯތު ހާބަރު ސަރަހައްދުގެ ފަޅު، ކަނޑު އުޅަނދުފަހަރަށް މިރެއިން ފެށިގެން ހުޅުވާލެވޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ބުނެފިއެވެ.

އެމްޕީއެލްއިން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫގެ މަސައްކަތް ކުރުމަށް، ހުސްކޮށްފައިވާ މާލޭ ނޯތު ހާބަރު ސަރަހައްދު މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދުފަހަރާއި މަސް އޮޑިފަހަރަށް މިރޭގެ 23:00 އިން ފެށިގެން ހުޅުވާލާނެ ކަމަށެވެ.

އަދި އެ ސަރަހައްދުގައި ބަނދަރުކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުފަހަރަށް އެކަނިކަން އެމްޕީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މަސް މާރުކޭޓާއި އެއް ނަންބަރު ފާލަމާ ދެމެދު އޮންނަ ސަރަހައްދު ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަހު ތިން މަސްދުވަހަށް ފަހުން ހުޅުވައިލީ މިދިޔަ ޑިސެންބަރު މަހުގެ މެދުތެރޭގައެވެ.

މާލޭގެ މަސްމާރުކޭޓާ ހަމައިން ބާޒާރުމަތީ ފިހާރަތަކާ ހަމައަށް އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދުގައި އެއްކޮށް ތާރުއަޅައި ނިންމާލައިފައި ވަނީ އޭގެ ފަހުންނެވެ.

comment ކޮމެންޓް